ENGLISH

24 ޖުލައި 2026

Advertisement

ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް 25 ރަށެއްގައި ސެންޓަރުތައް ގާއިމްކުރަނީ

24 ޖުލައި 2026

|

ޙުސައިން މަޚްތޫމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޑަކުދިންތަކަކާއި ސަލާމްކުރައްވަނީ - ފައިލް ފޮޓޯ: ރައީސް އޮފީސް

ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް 25 ވަރަކަށް ރަށުގައި ސެންޓަރުތައް ގާއިމްކޮށް އަންނަ އަހަރު ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

'ޕަލްސް ޕޮޑްކާސްޓް' ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ސޯޝަލް ސެންޓަރަކީ ގިނަ ޒުވާނުން ބޭނުންކުރާ، އެކިކަހަލަ ކުޅިވަރުތަކާއި، ކުޅިވަރުގެ މުބާރާތްތައް ވެސް އޮންނަ ތަނެއް ކަމަށެވެ. މީގެ އިތުރުން ޖަލްސާތައް ބޭއްވުމަށް ވެސް ހުރި ހަމައެކަނި ތަނަކީ ވެސް އެއީ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖެ ބެލިނަމަވެސް މިފަދަ މަރުކަޒުތައް ހުންނަންޖެހޭނީ ހަމެކަނި މާލޭގައި ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ ކޮންސެޕްޓަށް އެހާ ބޮޑުކޮށް ނެހެދުނު ނަމަވެސް އެއާއި ގާތްގަނޑަކަށް އެއް ވައްތަރެއްގެ ކޮންސެޕްޓުގައި އައު ސްޕޯޓްސް ކޮމްޕްލެކްސްތައް ހުންނަންޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެހެންވީމަ މިހާރު ރާއްޖޭގެ ގާތްގަނޑަކަށް ފަނަރަވަރަކަށް ރަށުގައި އެދަނީ ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް. މިހާރު ޙަވާލުކުރެވިފަ ޢަމަލީ މަސައްކަތުގެ މަރުޙަލާގައި، މި ތަންތަން ހެދުމުގެ މަސައްކަތް ދަނީ. މި ތަންތަނުގައި ގިނަވެގެން 1200 އެއްހާ މީހުންނަށް އެއްފަހަރާ، ކުޅިވަރު ބަލަން ތިބެވޭ ސީޓިންގ ސްޕެކްޓޭޓަރ ކެޕޭސިޓީގައި ޤާއިމުކުރެވި، އެތެރޭގައި ކުޅެވޭ ހުރިހާ ޒާތެއް، ކުޅިވަރުތައް ކުޅެވޭ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް މި އަޅަނީ. ދެން މިހާރު އިތުރު ރަށްތައް، މީގެތެރޭގައި ކުރިއަށް އޮތް ދުވަސްތަކުގައި ހިމެނި.  ފަންސަވީހަކަށް އާބާދީ ބޮޑު، މި ކިޔަނީ ދެތިން ހާހަށްވުރެ އާބާދީ ބޮޑު ޖުމްލަ ގޮތެއްގައި އެވްރެޖްކޮށް ބަލަންޏާ ދެހާސް ނޫނިއްޔާ އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި އަޅުގަނޑުމެން ދެން ވީހާވެސް ގިނަ ރަށްތައް ގާތްގަނޑަކަށް ފަންސަވީސް ރަށް ނިންމާލެވޭތޯ މި ބަލަނީ މި ދައުރުގެ ތެރޭގައި،" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އަންނަ އަހަރު ފަހުކޮޅު އިރާދަކުރެއްވިއްޔާ މީގެތެރެއިން ގިނަ ރަށްތަކުގައި ސޯޝަލް ސެންޓަރު ކަހަލަ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް ހުޅުމާލޭގައި ވެސް ވިލިމާލޭގައި ވެސް އަދި ރާއްޖޭގެ ފަންސަވީހަކަށް ރަށުގައި ހެދޭނެ ކަމަށެވެ. 

ރައީސް ވިދާޅުވީ މި ދުވަހަކުވެސް ރާއްޖޭގައި ފެނުނު ކަންތައްތަކެއް ނޫން ކަމަށެވެ. އެހެންކަމުން ޒުވާނުންނާއި ހުރިހާ ފަރާތްތަކަށް ވެސް އެ ތަންތަން ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މީގެ ހާސިލްވާ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި، ކުޅިވަރު ކުޅުމުގެ ތެރެއިން މި ޙާޞިލްވާ އެތައް ކަމެއް އެބަހުރި ކަމަށެވެ. 

ރައީސް ވިދާޅުވީ ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ކަންތައްތައް ވެސް ޙާޞިލުވެގެން ދަނީ ފިޓްނަސް ސެންޓަރުތަކުންނާއި، ސްޕޯޓްސް ކޮމްޕްލެކްސްތަކުންނާއި، އައުޓްޑޯ ޖިމްތަކުން ކަމަށެވެ. ރައީސް ވިދާޅުވީ އައުޓްޑޯ ޖިމްތައް ރަށްރަށުގައި ގާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުން އަންނަ އިރު، މި އަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރު ކުރީކޮޅު ހުރިހާ ރަށެއްގައި އެކަން ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު