ENGLISH

24 ޖުލައި 2026

Advertisement

ބޭސް ލިބޭނެ ފާމަސީތައް ފޯނުން ބެލޭނެ ގޮތް ހަދަނީ

24 ޖުލައި 2026

|

އައިމިނަތު ޝަފާ

ސްޓޭޓް ފާމާގެ ބޭސްފިހާރަ - ފޮޓޯ: ސްޓޭޓް ފާމާ

ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނެ ގޮތަށް ގާއިމުކުރާ ހާއްސަ ޕޯޓަލް އަންނަ ސެޕްޓެމްބަރު މަހު އިފްތިތާހު ކުރާނެކަމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ބުނެފިއެވެ.

ސްޓޭޓްފާމާއިން ބުނީ ކުންފުނިން ކުރާ މަސައްކަތަކީ ބޭސް ހޯދުމުގައި ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ދެނެގަނެ، އެކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތްކަމަށެވެ. އެގޮތުން، ބޭސް ލިބެން ހުންނަ ފާމަސީތައް ނޭނގުމަކީ، ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެއްގެ ގޮތުގައި ކުންފުނިން ފާހަގަކުރެއެެވެ. އަންނަ ސެޕްޓެމްބަރު މަހު އިފްތިތާހު ކުރާ ޕޯޓަލްއަކީ، ކޮންމެ ތަނެއްގައި ހުރެގެންވެސް ރައްޔިތު މީހާއަށް، ބޭނުންވާ ބޭސް ލިބެން ހުންނަ ފާމަސީއާއި އެ ބޭސް ލިބެން ހުންނަ އަގު ބަލާލެވޭނެ ގޮތަށް ފަރުމާކުރާނެ ޕޯޓަލްއެއް ކަމަށް ސްޓޭޓްފާމާއިން ބުންޏެވެ. 

މީގެކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ބޭސް ލިބުމުގައި ހުރި މައްސަލަ ހައްލުކުރެވޭނީ، ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގިގެން ކަމަށެވެ. މި މަސައްކަތަށް ބޭނުންވާ އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި، އީ-ލޮޖިސްޓިކްސް ސިސްޓަމެއް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށާއި މީގެ ސަބަބުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ. މި ސިސްޓަމާއެކު ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދު ކުރިއާލާ ދެނެގަނެވޭނެއެވެ.

ޝާހު ވިދާޅުވީ މިހާރު ގާއިމުކުރާ ނިޒާމުގެ ތެރެއިން އާންމުންނަށް ހާއްސަ ޕޯޓަލެއް ގާއިމުކޮށް، ކޮންމެ ރައްޔިތަކަށްވެސް ރާއްޖޭގައި ހުރި ބޭހާއި އެ ބޭސް ލިބެން ހުރި ތަންތަން ފަސޭހަކަމާއެކު ވަގުތުން ބަލައިލެވޭނެ ކަމަށެވެ. މި ނިޒާމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެކަން ޝާހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. އަދި މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް މި ކުންފުނީގެ މަސައްކަތެކެވެ. 

ކިޔުންތެރިންގެ ހިޔާލު