ENGLISH
23 ޖުލައި 2026
ޖަޕާނުގެ ވިޔަފާރިތަކަށް ރާއްޖޭގައި ފަހި ފުރުސަތުތަކެއް އެބަހުރި: ސައީދު
23 ޖުލައި 2026
|
ވަޒީރު މުހައްމަދު ސައީދު
އެންމެ މަޤްބޫލު
ޖަޕާނުގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ އިގުތިސާދުގައި ފަހި ފުރުސަތުތަކެއް އެބަހުރިކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ ވިޔަފާރިވެރިންނާއެކު އެގައުމުގައި ހުންނަ ދިވެހި އެމްބަސީން އިސްނަގައިގެން ކުރިއަށްގެންދިޔަ ބިޒްްނަސް ވެބިނާ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ސައީދު ފާހަގަކުރެއްވީ ހާހަކަށްވުރެ ގިނަ ރަށަށް ބެހިފައިވާ އާބާދީއެއް އޮތް ދިވެހިރާއްޖެއަކީ އަބަދުވެސް އައު އުފެއްދުންތައް އުފެއްދުމާއި އީޖާދުކުރުމަށް މަޖުބޫރު ގައުމަކަށްވާތީ، ޖަޕާނުގެ އުފެއްދުންތެރި އީޖާދީ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ގިނަ ފުރުސަތުތައް އެބަހުރި ކަމަށެވެ.
ރާއްޖެއާއި ޖަޕާނަކީ ޒަމާނުއްސުރެ ގާތް އެކުވެރި ދެގައުމުކަން ފާހަގަކުރައްވަމުން ސައީދުވަނީ ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ޖަޕާނުގެ ވިޔަފާރިވެރިންނާ ހިއްސާކުރެއްވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމަށް ވިދާޅުވެފައެވެ.
ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ފަތުރުވެރިކަމުގެ އިތުރަށް އެހެނިހެން ދާއިރާތަކުގައިވެސް އިންވެސްޓުކުރުމަށް އެކަށީގެންވާ ފުރުސަތުތައް އެބަހުއްޓެވެ. އެގޮތުން އިގުތިސާދު ސިންދަފާތުކުރުމަށާއި، ޑިޖިޓަލައިޒްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވައިލައްވަމުން ސައީދުވަނީ އެ ދާއިރާތަކުގައި އިންވެސްޓުކުރުމަށް އެކަށީގެންވާ ފުރުސަތުތައް ފަހިވެގެންދާނެކަން ފާހަގަކުރައްވާފައެވެ.
ސަރުކާރުން ވިޔަފާރިއާއި އިންވެސްޓުމެންޓު ދާއިރާގެ އޮނިގަނޑަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވައިލައްވަމުން ސައީދު ވިދާޅުވީ އައު އިންވެސްޓުމެންޓު ގާނޫނުގެ ސަބަބުން ރާއްޖޭގެ ވިޔަފާރި މާހައުލަކީ އިންވެސްޓަރުންނަށް ރައްކާތެރި، އިތުބާރުހުރި މަސައްކަތްކުރުމަށް ފަސޭހަ މާހައުލަކަށް ވެފައިވާ ކަމަށެވެ.
ދިވެހި އިގުތިސާދުގައި ހުރި ފުރުސަތުތައް ފާހަގަކުރެއްވުމާއެކު ވަޒީރުވަނީ ޖަޕާނުގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން މަސައްކަަތްކުރުމަަށް ދައުވަތު ދެއްވާފައެވެ. އަދި ރާއްޖޭގައި ވިޔަފާރިކުރާ ބޭރުގެ ވިޔަފާރިތަކަަށް ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެކަމުގެ ޔަގީންކަން ސައީދު ދެއްވިއެވެ.