ENGLISH

23 ޖުލައި 2026

Advertisement

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫގެ އިޙްތިޞާސަށް ބަދަލުގެނައުމަށް ރައީސް ނިންމަވައިފި

23 ޖުލައި 2026

|

ޢަލީ ޝަހީމް

5 ނޮވެމްބަރު 2025، ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ ވެރީންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޙްތިޞާސަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީޑިއާތަކާ ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނީ، އައްޑުއަތޮޅާއި އައްޑޫ ސިޓީގެ އިޙްތިޞާސުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޙްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. 

އެމަނިކުފާނު މިފަދައިން ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޙްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ.

އިޙްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވައި، ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ގިނަ ލުއިތަކާއެކު ކުދި ފަންތި އަދި މެދު ފަންތީގެ އިންވެސްޓްމަންޓްތަކަށް ހުޅުވައިލައްވާނެކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާނުކުރައްވައިފައެވެ.  

އައްޑުއަތޮޅު އައްޑޫ ސިޓީ ފަތުރުވެރިކަމަށް ހުޅުވާލާއިރު، ބިމު ކުއްޔާއި، އިންކަމް ޓެކްސް ފަދަ ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ކުއްޔާއި ޓެކްސް ނުދައްކާގޮތަށް ހަމަޖެއްސުމާއި، އެހެނިހެން އިންސެންޓިވްތައް ދިނުން ހިމެނޭ ކަމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

"މިގޮތުން، އެންމެ ފުރަތަމަ ހުޅުވައިލާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން، އައްޑުއަތޮޅަކީ 1 ޖަނަވަރީ 2027ން ފެށިގެން ތިން އަހަރު ދުވަހަށް ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފައިވާކަން އިޢުލާނުކުރަން." ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ރައީސުލްޖުމްހުރިއްޔާގެ ނިންމެވުމާ އެއްގޮތަށް، މިކަންކަން ތަންފީޒުކުރުމަށްޓަކައި ޤާނޫނީ ގޮތުންނާއި، އިދާރީގޮތުން އަދި ފަންނީގޮތުން މަގުފަހިކޮށްދޭންޖެހޭ ކަންކަން ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު