ENGLISH

23 ޖުލައި 2026

Advertisement

އާޖެންޓީނާ އެފްއޭގެ ރައީސް އެމެރިކާގެ ކޯޓަކަށް ހާޒިރުވާން އެންގި ކަމަށް ބުނާ ޚަބަރުތައް ދޮގުކޮށްފި

22 ޖުލައި 2026

|

އިސްމާއިލް ޝާހު

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ގެ ރައީސް ކްލައުޑިއޯ ޓާޕިއާ --- ފޮޓޯ: ރޮއިޓަރސް

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ގެ ރައީސް ކްލައުޑިއޯ ޓާޕިއާ ނުވަތަ ޚަޒާންދާރު ޕަބްލޯ ޓޮވިގިނޯ އެމެރިކާގެ ކޯޓަކަށް ހެކިބަސް ދިނުމަށް ހާޒިރުވާން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ. އަދި އެ ބޭފުޅުންގެ މޯބައިލް ފޯނު ނުވަތަ އިލެކްޓްރޯނިކް އެއްވެސް އާލާތެއް ހިފަހައްޓާފައިވާ ކަމަށް ބުނާ ވާހަކަވެސް އެ އެސޯސިއޭޝަނުން ވަނީ ދޮގުކޮށްފައެވެ.

އާޖެންޓީނާގެ މީޑިއާތަކުން މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާޖެންޓީނާގެ ޤައުމީ ޓީމު ނިއު ޔޯކުން ފުރަން ތައްޔާރުވެފައި ވަނިކޮށް، އެފްބީއައިގެ އެޖެންޓުން ވަނީ ޓާޕިއާ ހުއްޓުވައި, އޭނާގެ ފޯނާއި އެހެނިހެން އާލާތްތައް ހަވާލުކުރުމަށް އެދިފައެވެ.

އޭއެފްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ކޯޓުން އަމުރު ފޮނުވާފައިވަނީ ޓާޕިއާ ނުވަތަ ޓޮވިގިނޯއަށް ނޫން ކަމަށާއި، އެއީ ތިންވަނަ ފަރާތަކަށް ފޮނުވި އަމުރެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއްކަން ހާމަކޮށްފައެއް ނުވެއެވެ. އެ ބަޔާނުގައިވާ ގޮތުން، އެ އަމުރުގައި ވަނީ "ގްރޭންޑް ޖޫރީ" އެއްގެ ކުރިމައްޗަށް ހާޒިރުވުމަށާއި، އޭއެފްއޭގެ އޮފިޝަލުން ހިމެނޭހެން އެކި ފަރާތްތަކާ ދެމެދު ކުރެވިފައިވާ މުއާމަލާތްތަކާއި ލިޔެކިޔުންތައް ހުށަހެޅުމަށް އަންގާފައެވެ.

އިންފޯބޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދަނީ އޭއެފްއޭއާ ގުޅުންހުރި 300 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ވިޔަފާރި އެއްބަސްވުންތަކެއް ތަހުގީގުކުރަމުންނެވެ. މިއީ މިދިޔަ ޑިސެމްބަރު މަހު މަނީ ލޯންޑަރިންއާ ގުޅިގެން ހިންގި ތަހުގީގުތަކަކަށްފަހު، އާޖެންޓީނާގެ ފުޓްބޯޅައިގެ މާލީ މުއާމަލާތްތައް ވަރަށް ގާތުން ބަލަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު