ENGLISH
23 ޖުލައި 2026
އިންޓަރ މަޔާމީއަށް ކަސެމީރޯ ސޮއިކުރުމާ ގުޅިގެން ތަހުގީގެއް ފަށައިފި
22 ޖުލައި 2026
|
އެމެރިކާގެ އިންޓަރ މަޔާމީއަށް ސޮއިކުރުމަށްފަހު ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ ---
އެންމެ މަޤްބޫލު
އެމެރިކާގެ އިންޓަރ މަޔާމީއަށް ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ ސޮއިކުރުމާ ގުޅިގެން، އެ ކުލަބުން މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގެ ގަވާއިދުތަކާ ޚިލާފުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކުރަމުންދާ ކަމަށް އެ ލީގުން ހާމަކޮށްފިއެވެ.
މެންޗެސްޓަރ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ސީޒަނުގެ ނިޔަލަށް ހަމަވުމުން، އުމުރުން 34 އަހަރުގެ ކަސެމީރޯ އިންޓަރ މަޔާމީއަށް ސޮއިކުރިކަން އެ ކުލަބުން އިއުލާންކުރީ މިއަދުއެވެ. އޭނާ އެ ކުލަބާއެކު ސޮއިކުރީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ. އަދި މި އެއްބަސްވުން 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކުރުމުގެ އިޚުތިޔާރުވެސް ކުލަބަށް ލިބެއެވެ.
ނަމަވެސް މި އިއުލާނަށް ކުޑަވަގުތުކޮޅެއް ފަހުން އެމްއެލްއެސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޅުންތެރިން ހޯދުމުގައި އަމަލުކުރަންޖެހޭ "ޓެމްޕަރިންގ" ނުވަތަ ނުފޫޒު ފޯރުވުމުގެ ގަވާއިދާ އިންޓަރ މަޔާމީން ޚިލާފުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ބަލަމުންދާ ކަމަށެވެ. "ލީގުން މިހާރު ދަނީ މިކަމާ ގުޅޭ ހުރިހާ މައުލޫމާތެއް އެއްކުރަމުން. ތަހުގީގު ނިމެންދެން އިތުރު އެއްޗެއް ހާމައެއް ނުކުރާނަން،" އެ ބަޔާނުގައިވެއެވެ.
މި މައްސަލަ މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ އެމްއެލްއެސްގެ "ޑިސްކަވަރީ ރައިޓްސް" ގަވާއިދާއެވެ. މިއީ ވަކި ކުޅުންތެރިއަކު ލީގަށް ގުޅޭނަމަ، އެ ކުޅުންތެރިއަކު ހޯދުމުގެ ފުރަތަމަ ފުރުސަތު ވަކި ކުލަބަކަށް ލިބިދޭ ގަވާއިދެކެވެ. ކަސެމީރޯގެ މި ހައްގުތައް އޮތީ ލޮސް އެންޖަލެސް ގެލެކްސީގެ އަތުގައެވެ. އިންޓަރ މަޔާމީން ބުނެފައިވަނީ އެ ހައްގުތައް ގެލެކްސީ އަތުން ގަނެފައިވާ ކަމަށެވެ. ނަމަވެސް މި އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރާނީ ތަހުގީގަށްފަހު ކަމަށް ލީގުން ބުނެއެވެ.
ޔުނައިޓެޑާއެކު 160 މެޗު ކުޅެ، 26 ލަނޑު ޖަހައި، އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައިވާ ކަސެމީރޯ ވަނީ ރެއާލް މެޑްރިޑާއެކު ފަސް ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އެންމެ ބޮޑު އަމާޒަކީ އަބަދުވެސް ކާމިޔާބީ ހޯދުމާއި ކުރިއަށްދިޔުމެވެ.
އިންޓަރ މަޔާމީގެ ކޯ-އޯނަރު ސަރ ޑޭވިޑް ބެކަމް ވަނީ ކަސެމީރޯއަކީ މޮޅު ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކުޅުންތެރިއެއްކަން ފާހަގަކޮށް، އޭނާ މަޔާމީއާ ގުޅުމުން އެކަމާ އުފާކުރާކަން ހާމަކޮށްފައެވެ. މަޔާމީގައި އޭނާ ގުޅޭނީ ކުރީގެ ޓީމު މޭޓުން ކަމަށްވާ ސާޖިއޯ ރެގީލޯން އަދި މަޝްހޫރު ތަރިން ކަމަށްވާ ލިއޮނެލް މެސީ އާއި ރޮޑްރީގޯ ޑި ޕޯލްއާއެވެ.
މިއީ ކުޅުންތެރިންގެ އެއްބަސްވުންތަކާ ގުޅިގެން އިންޓަރ މަޔާމީ ތަހުގީގުކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. 2021 ވަނަ އަހަރު ބްލޭޒް މަޓުއިޑީ ސޮއިކުރުމުގައި ލީގުގެ މުސާރައިގެ ގަވާއިދުތަކާ ޚިލާފުވުމުން އެ ކުލަބު ވަނީ 2 މިލިޔަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އެ ފަހަރު އެ ކުލަބުން ވަނީ ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނައިން "ޑެސިގްނޭޓެޑް ޕްލޭޔަރސް" ގެންގުޅެފައެވެ.