ENGLISH

23 ޖުލައި 2026

Advertisement

ވޯލްޑް ކަޕުގެ ޑްރީމް ޓީމުގައި ކީޕަރު ވޮޒީނިއާ އާއި ހާލަންޑް

22 ޖުލައި 2026

|

އިސްމާއިލް ޝާހު

ކާބޯ ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގައި ސަޕޯޓަރުންގެ ވޯޓުން ހޮވި "ޑްރީމް ޓީމު" ގައި ކާބޯ ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާ އާއި ނޯވޭގެ ފޯވާޑް އާލިން ހާލަންޑް ހިމެނިއްޖެއެވެ. މި ދެ ކުޅުންތެރިންނަށް މި ފުރުސަތު ލިބުނީ، އެ ކުޅުންތެރިން ނިސްބަތްވާ ޤައުމީ ޓީމުތަކުން މުބާރާތުގައި ދެއްކި އާދަޔާޚިލާފު މޮޅު ކުޅުމުގެ ސަބަބުންނެވެ.

ވޯލްޑް ކަޕުގައި އަލަށް ވާދަކުރި ކާބޯ ވާޑޭގެ ކީޕަރު ވޮޒީނިއާ ވަނީ ގޯލްކީޕަރުންގެ ވޯޓުގެ 39.6 އިންސައްތަ ކާމިޔާބުކޮށްފައެވެ. ފީފާގެ ޓެކްނިކަލް ގްރޫޕުން ހޮވާ އެންމެ މޮޅު ކީޕަރުގެ އެވޯޑު "ގޯލްޑަން ގްލޯވް" ސްޕެއިންގެ އުނާއި ސިމޯން ކާމިޔާބުކުރި ނަމަވެސް، ސަޕޯޓަރުންގެ ޓީމުން ޖާގަ ހޯދީ ވޮޒީނިއާއެވެ.

މުބާރާތް ފެށުނުއިރު އެއްވެސް ކުލަބަކަށް ކުޅެމުން ނުދާ، އުމުރުން 40 އަހަރުގެ މި ކީޕަރު ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗުގައި ހަތް ސޭވްކޮށް، ލަނޑެއް ވައްދާނުލައި މެޗު ހިފަހައްޓާފައެވެ. މީގެ އިތުރުން ދެވަނަ ބުރުގައި، ފައިނަލްގައި ކުޅުނު އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު އިތުރު ވަގުތުގެ ދެ ހާފާ ހަމައަށް ގެންދިޔުމުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ނޯވޭގެ ފޯވާޑް އާލިން ހާލަންޑް --- ފޮޓޯ: ރޮއިޓަރސް

ނޯވޭ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ގެންގޮސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އާލިން ހާލަންޑަށް ވަނީ ފޯވާޑުންގެ ވޯޓުގެ 27.5 އިންސައްތަ ލިބިފައެވެ. މެންޗެސްޓާ ސިޓީގެ ތަރި ވަނީ ކުޅުނު ފަސް މެޗުގައި ހަތް ލަނޑު ޖަހާފައެވެ. އޭގެ ތެރޭގައި ގަދަ 16 ގައި ފަސް ފަހަރުގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް 2-1 ގެ ނަތީޖާއަކުން ބަލިކުރި މެޗުގައި އޭނާ ޖެހި ދެ ލަނޑު ހިމެނެއެވެ. ނޯވޭ މުބާރާތުން ވަކިވީ ކުއާޓާ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

މި ދެ ކުޅުންތެރިންނާއެކު މި ޓީމުގައި ދެން ހިމެނެނީ ކީލިއަން އެމްބާޕޭ، ލިއޮނަލް މެސީ އަދި ޖޫޑް ބެލިންހަމް ފަދަ ދުނިޔޭގެ މަޝްހޫރު ތަރިންނެވެ.

ސަޕޯޓަރުން ހޮވި ޓީމު:

  • ގޯލްކީޕަރު: ވޮޒީނިއާ (ކޭޕް ވާޑް)
  • ޑިފެންޑަރުން: ޕެޑްރޯ ޕޯރޯ (ސްޕެއިން)، ލިސަންޑްރޯ މާޓިނޭޒް (އާޖެންޓީނާ)، ޑަޔޫ އުޕަމެކާނޯ (ފްރާންސް)، މާކް ކުކުރެޔާ (ސްޕެއިން)
  • މިޑްފީލްޑަރުން: ރޮޑްރީ (ސްޕެއިން)، މައިކަލް އޮލީސޭ (ފްރާންސް)، ޖޫޑް ބެލިންހަމް (އިންގްލެންޑް)
  • ފޯވާޑުން: ލިއޮނަލް މެސީ (އާޖެންޓީނާ)، އާލިން ހާލަންޑް (ނޯވޭ)، ކީލިއަން އެމްބާޕޭ (ފްރާންސް)
ކިޔުންތެރިންގެ ހިޔާލު