ENGLISH

23 ޖުލައި 2026

Advertisement

ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ފޯޑެން އައުކޮށްފި

22 ޖުލައި 2026

|

އިސްމާއިލް ޝާހު

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ފިލް ފޯޑެން --- ފޮޓޯ: ރޮއިޓަރސް

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ފިލް ފޯޑެން، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން 2030 ވަނަ އަހަރުގެ ނިޔަލަށް އައުކޮށްފިއެވެ.

ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން 2017 ވަނަ އަހަރު ސިޓީގެ ފުރަތަމަ ޓީމުން ޖާގަ ހޯދި ފަހުން، އޭނާ ވަނީ މިހާތަނަށް 411 މެޗު ކުޅެދީ 131 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ސިޓީއާއެކު ހަ ފަހަރު އިނގިރޭސި ޕްރިމިއަރ ލީގު، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ތިން ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

"ކާމިޔާބީތަކުން ފުރިގެންވާ މި ތާރީޚީ ދުވަސްވަރުގައި ބައިވެރިވުމުގެ ނަސީބު ލިބުމަކީ އަހަރެން ނުހަނު އުފާކުރާ ކަމެއް. ނަމަވެސް އަހަރެމެންގެ އަމާޒަކީ އަބަދުވެސް މުސްތަގުބަލުގައި އިތުރު ކާމިޔާބީތަކެއް ހޯދުން،" ފޯޑެން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، "ކުލަބާއި، މުވައްޒަފުންނާއި، ޓީމުގެ ކުޅުންތެރިންގެ އިތުރުން އަހަރެންނަށް އިތުބާރުކުރާ ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. ސިޓީއަށްޓަކައި އަހަރެންގެ ފުރިހަމަ ހިތްވަރު ނެރޭނެކަމުގެ ޔަގީންކަން އަރުވަން. ކުރިއަށް އޮތް އަހަރުތަކުގައި މި އިތުބާރުގެ ބަދަލު ދެވޭނެ ކަމަށް އުއްމީދުކުރަން."

ނިމިދިޔަ ސީޒަނުގައި ފޯޑެން ވަނީ ސިޓީއަށް ކުޅުނު 50 މެޗުގައި 10 ލަނޑު ޖަހައި ހަތް އެސިސްޓް ހަދާފައެވެ. ނަމަވެސް މި އަހަރު އޭނާގެ ކުޅުން ދަށްވުމާ ގުޅިގެން، އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ފީފާ ވޯލްޑް ކަޕަށް ދިޔަ ސްކޮޑުން އުމުރުން 26 އަހަރުގެ ފޯޑެން ބާކީކޮށްފައެވެ. މި އަހަރު އޭނާއަށް އެއްވެސް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު، ހެދިފައިވަނީ އެންމެ ތިން އެސިސްޓެވެ.

ސިޓީން އައު ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ޕްރިމިއަރ ލީގުގެ އައު ސީޒަން ފަށާނީ އަންނަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ބޯންމަތާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

ކިޔުންތެރިންގެ ހިޔާލު