ENGLISH

22 ޖުލައި 2026

Advertisement

"ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެފްރިކާ ކަޕަކީ ކާމިޔާބު މުބާރާތަކަށްވާނެ"

22 ޖުލައި 2026

|

އިސްމާއިލް ޝާހު

ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯޅައިގެ ރައީސް ޕެޓްރިސް މޮޓްސެޕޭ --- ފޮޓޯ: ރޮއިޓަރސް

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެފްރިކާ ކަޕް އޮފް ނޭޝަންސް ބޭއްވުމުގައި ބައެއް ގޮންޖެހުންތަކެއް ހުރި ނަމަވެސް، މި މުބާރާތަކީ ވަރަށް ކާމިޔާބު މުބާރާތަކަށްވާނެ ކަމަށް ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯޅައިގެ ރައީސް ޕެޓްރިސް މޮޓްސެޕޭ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ބާއްވާނީ ކެންޔާ، ޓެންޒޭނިއާ އަދި ޔުގެންޑާ ގުޅިގެންނެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޮޓްސެޕޭ މި ގޮންޖެހުންތަކުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ކެންޔާގައި ސްޓޭޑިއަމުތައް ބިނާކުރުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ބައެއް ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.

ކެންޔާ ސަރުކާރުގެ އިސްވެރިން މި އަހަރުގެ މެއި މަހު ވިދާޅުވެފައިވަނީ، ނައިރޯބީގައި އަލަށް ބިނާކުރާ 60،000 މީހުންގެ ޖާގަ އޮންނަ ޓަލަންޓާ ސްޕޯޓްސް ސިޓީ ސްޓޭޑިއަމާއި، 48،000 މީހުންގެ ޖާގަ އޮންނަ މޮއި އިންޓަރނޭޝަނަލް ސްޕޯޓްސް ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

ޖޮހަނަސްބާގުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޮޓްސެޕޭ ވިދާޅުވީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އަމިއްލަ ގާބިލިއްޔަތަށް އިތުބާރު ކުރަންޖެހޭ ކަމަށެވެ. އަދި ބައެއް ފަހަރު ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް، އަލުން ތެދުވެ މަސައްކަތް ކުރިއަށް ގެންދިއުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިރުމަތީ އެފްރިކާގައި ބޭއްވޭ މި މުބާރާތަކީ ވަރަށް ބޮޑު ކާމިޔާބީއަކަށްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، ތިން ޤައުމުގެ އިސްވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ މެދު ފަޚުރުވެރިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މުބާރާތް އަންނަ އަހަރު ބޭއްވުމަށްފަހު، ދެން އޮންނާނީ 2028 ވަނަ އަހަރެވެ. އެއަށްފަހު މީގެ ކުރިން ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވަމުން އައި އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރުއެވެ.

މޮޓްސެޕޭ އިތުރަށް ވިދާޅުވި ގޮތުގައި 2028، 2032 އަދި 2036 ވަނަ އަހަރުގެ މުބާރާތްތައް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށް ބައެއް ޤައުމުތަކުން ވަނީ ހުށަހެޅުންތައް ހުށަހަޅާފައެވެ. ނަމަވެސް އެއީ ކޮން ޤައުމުތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

އަންނަ އަހަރުގެ މުބާރާތް ޖޫން މަހުގެ 19 އިން ޖުލައި މަހުގެ 17 އަށް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މެޗުތައް ކުޅޭނެ ވަކި ދަނޑުތަކެއް އަދި އިއުލާނެއް ނުކުރެއެވެ. މި މުބާރާތުގެ ކޮލިފައިން މެޗުތައް އަންނަ ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށާއި، އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް 24 ޓީމު ކަށަވަރުވާނެ ކަމަށްވެސް މޮޓްސެޕޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު