ENGLISH

22 ޖުލައި 2026

Advertisement

ބޮޑުތަކުރުފާނު މަގުގެ ގިނަ މަސައްކަތްތައް ނިންމަން ބުނި ތާރީޚަށްވުރެ އަވަހަށް ނިންމާލައިފި

22 ޖުލައި 2026

|

މުޙައްމަދު އަދުހަމް

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ. --ފޮޓޯ: އެމްޓީސީސީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ގިނަ މަސައްކަތްތަކެއް ނިންމަން ބުނި ތާރީޚަށްވުރެ އަވަހަށް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތާއި، ދެވަނަ އަދި ތިންވަނަ ސެގްމަންޓްގެ ޕާކިންގ ޒޯންތަކާއި ދުވާރު ހެދުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ފިނިޝިންގެ ބާކީ ހުރި މަސައްކަތްތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެއިތުރުން، ޕާކިންގ ޒޯންތަކުގެ ނިޝާންތައް ކުރެހުމާއި، އެ ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، މި ހަފުތާގެ ނިޔަލަށް އެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށް ތާވަލުކުރެވިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ. --ފޮޓޯ: އެމްޓީސީސީ

އެކި ސަބަބުތަކާހުރެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚަށް ބަދަލުތަކެއް އައި ނަމަވެސް، މިހާރު މުޅި މަޝްރޫޢު ޖުލައި 26 އަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށެވެ. މި ސަރަޙައްދުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ކުރިން ނިމުނު ދެ ސެގްމެންޓުވެސް ކުރިޔަށްގެންދިޔަ ފަރުމާއަށެވެ. މަގުގެ މިހާރު ހަދަމުންދާ ބައި ނިމޭއިރު އެ ސަރަހައްދުގައިވާ ހުރިހާ އޮފީސްތަކާއި ބެންކަށްދާ މީހުންނަށް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށައި މިހާތަނަށް ވަނީ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާފައެވެ. އެއީ، ރަސްމީ ފާލަން ހިމެނޭ އެމްއެމްއޭ ސަރަހައްދާއި ކާރުބާރޫ ބޮޑު މާރުކޭޓު ސަރަހައްދެވެ. މި ދެ ސަރަޙައްދު ހުޅުވާލުމުން ބޮޑެތި ލުއިތަކެއް ވަނީ ލިބިގެންގޮސްފައެވެ. 

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ގައެވެ. ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު