ENGLISH

22 ޖުލައި 2026

Advertisement

ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން އާއި ނާއިމް ނިއު ރޭޑިއަންޓަށް

22 ޖުލައި 2026

|

އިސްމާއިލް ޝާހު

ނިއު ރޭޑިއަންޓާ ގުޅުނު ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން އާއި ފޯވާޑް މުޙައްމަދު ނާއިމް --- ފޮޓޯ: ނިއު ރޭޑިއަންޓް

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ވަރުގަދަކުރުމުގެ ގޮތުން، ބްރެޒިލްގެ ކާމިޔާބު ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަޝިމެންޓޯ އެ ޓީމަށް ގެނެސްފިއެވެ.

ބަންގްލަދޭޝްގެ ބަޝުންދަރަ ކިންގްސްގައި ގިނަ ލަނޑުތަކެއް ޖަހައި ކާމިޔާބީތައް ހޯދާފައިވާ ޑޮރިއެލްޓަންއާއެކު، ނިއު ރޭޑިއަންޓުން މިހާރު ވަނީ ޖުމްލަ ހަތަރު ބިދޭސީ ކުޅުންތެރިންގެ ސޮއި ހޯދައި، ޓީމުގެ ފޯވާޑް ލައިން ވަރުގަދަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބްރެޒިލްގެ ދެ ކުޅުންތެރިންނާއި، ލައިބީރިއާގެ ޤައުމީ ޓީމުގެ ދެ ކުޅުންތެރިންނެވެ.

ނިއު ރޭޑިއަންޓާ ގުޅުނު ޑޮރިއެލްޓަން ވަނީ ބަޝުންދަރަ ކިންގްސް އާއެކު ބަންގްލަދޭޝް ލީގާއި، އިންޑަޕެންޑެންސް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ނިއު ރޭޑިއަންޓުގައި ދެން ހިމެނޭ އަނެއް ބިދޭސީ ތިން ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައިވެސް އެ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ. އެއީ ލައިބީރިއާގެ އުމުރުން 26 އަހަރުގެ އަބްދުލައި ބިލިޓީ އާއި، އެ ޤައުމުގެ ޑިފެންޑަރު އަލްބާޓް ކޭ ސްވަން އަދި ބްރެޒިލްގެ އުމުރުން 31 އަހަރުގެ ފޯވާޑް ގިލްހާމް ލުއިސް ގޯމޭޒް ޑަ ސިލްވާއެވެ.

މީގެ އިތުރުން ނިއު ރޭޑިއަންޓުން ވަނީ ޤައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި ފޯވާޑް މުޙައްމަދު ނާއިމްގެ ސޮއިވެސް ހޯދާފައެވެ. އޭނާ ވަނީ ބުރު ސްޕޯޓްސް ކުލަބުގައި މޮޅު ކުޅުމެއް ދައްކައި، ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްފައެވެ.

މި ކުޅުންތެރިންގެ އިތުރުން ނިއު ރޭޑިއަންޓުން ވަނީ ޤައުމީ ޓީމުގެ ޒުވާން ކުޅުންތެރިޔާ އީތަން ޒަކީވެސް އަންނަ ސީޒަނަށް އެ ކުލަބާ ގުޅުނުކަން އިއުލާންކޮށްފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ދާދި ފަހުން ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގެ ފައިނަލްގައި ވާދަކުރި ނިއު ރޭޑިއަންޓުގެ ޒުވާން ޓީމުގެ ކެޕްޓަނެއްގެ ދައުރުވެސް އަދާކުރީ އީތަންއެވެ.

ކިޔުންތެރިންގެ ހިޔާލު