ENGLISH
22 ޖުލައި 2026
އާ ޚިދުމަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ބޮޑެތި ކާމިޔާބީތައް ލިބިފައި: ސީއީއޯ ހަލީމް
22 ޖުލައި 2026
|
16 ނޮވެމްބަރ 2024، ރައީސުލްޖުމްހޫރިއްޔާ، ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އިފްތިތާޙްކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނަ ތަރައްޤީގެ ތެރެއިން، ހުޅުމާލެ ހޮސްޕިޓަލުގައި އާ ޚިދުމަތްތައް ޤާއިމުކުރެވި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ލިބިފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ޙަލީމް މިފަދައިން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލަށް މި ސަރުކާރުން ގެނެސްދީފައިވާ ކުރިއެރުމުގެ ބައެއް ތަފްޞީލުތައް ހާމަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ލަނޑުދަނޑިތަކާ އެއްގޮތަށް، ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނަން ބޭނުންވާ ކުރިއެރުންތައް އެގޮތުގައި ގެނެސްދިނުމަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ނުހަނު ފަޚުރުވެރިވާ ކަމެއްކަމަށް ޙަލީމް ވިދާޅުވިއެވެ.
ސީއީއޯ ޙަލީމް ވިދާޅުވީ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް، ބައެއް ޚިދުމަތްތައް މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަށާފައިވާ ކަމަށެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ޚިދުމަތް ދިނުމުގެ މަޤްޞަދުގައި ފެށިގެންދިޔަ މަސައްކަތްތަކެއް ކަމަށް ސީއީއޯ ވިދާޅުވިއެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ކުރިން، މި ހަފުތާގެ ތެރޭގައި ގޭސްޓްރޯއެންޓްރޮލޮޖީ، ނިއުރޮލޮޖީ، އަދި ޔޫރޮލޮޖީގެ ޚިދުމަތްތައް ފެށުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް ސީއީއޯ ޙަލީމް ވިދާޅުވިއެވެ.
ސީއީއޯ ޙަލީމް ވަނީ ދާދިފަހުން ހުޅުމާލެ ހޮސްޕިޓަލުން ހޯދާފައިވާ ބައެއް މުހިއްމު ކާމިޔާބީތަކުގެ ތަފްޞީލުތައްވެސް ޕޯސްޓުގައި ހާމަކުރައްވާފައެވެ.
"މި ކާމިޔާބީތަކަކީ އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިންގެ ބުރަ މަސައްކަތާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ އިރުޝާދާއި ޞިއްޙީ ދާއިރާއަށް ދެއްވާ ޚާއްޞަ އަހަމިއްޔަތުކަމާއި، ސަރުކާރާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާގެ އިތުރުން އެކި ބައިވެރިންގެ ފަރާތުން ލިބޭ މެދުނުކެނޑޭ އެއްބާރުލުމުގެ ނަތީޖާކަމުގައި ދަންނަވަން. " - ސީއީއޯ ޙަލީމް
ސީއީއޯ ޙަލީމް އިތުރަށް ވިދާޅުވީ، އަމާޒަކީ ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ، ފެންވަރު ރަނގަޅު އަދި ބަލިމީހުންނަށް އަޅާލުންތެރި އަދި އޯގާތެރި ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށެވެ.