ENGLISH
22 ޖުލައި 2026
ގައުމީ ޑިޖިޓަލް އަދި އޭއައި ލިޓްރެސީ ކެމްޕޭން "ޑިޖިޓަލް ފޯރ އޯލް" އިފްތިތާހުކޮށްފި
22 ޖުލައި 2026
|
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާ "މޯލްޑިވްސް 2.0" ގެ ދަށުން، ގައުމީ ޑިޖިޓަލް އަދި އޭއައި ލިޓަރެސީ ކެމްޕޭން "ޑިޖިޓަލް ފޯރ އޯލް" ސަރުކާރުން މިއަދު އިފްތިތާޙުކޮށްފިއެވެ.
މި ކެމްޕޭނުގެ މަޤުސަދަކީ، ޑިޖިޓަލީ ކުރިއަރަމުން އަންނަ މުޖުތަމައެއްގައި ކޮންމެ ދިވެއްސަކަށް ވެސް ޔަގީންކަމާއި، ރައްކާތެރިކަމާއިއެކު ބައިވެރިވެވޭނެ ޤާބިލްކަން އަށަގަތުމަށް ބޭނުންވާ އަސާސ ީޑިޖިޓަލް ހުނަރުތައް އުނގަންނައިދީ، ބާރުވެރިކުރުވުމެވެ.
މި ކެމްޕޭނަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖ ީއަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ކެމްޕެއިނެކެވެ.
މިކެމްޕެއިން އަމަލީގޮތުން ހިންގަނީ މައިންޑްކޯގެ އުނގެނުމާއި ޤާބިލުކަން އިތުރުކުރުމާ ބެހޭ ގޮފި ކަމުގައިވާ ފިއުޗަރ އިންސްޓިޓިއުޓްއިންނެވެ. މައިންޑްކޯ އާއި މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް އިން ފަންނީ ގޮތުން އެހީތެރިވެދީގެން، މި ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ.
މި ކެމްޕޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. އިސްމާއީލް ޝަފީއު އެވެ. ކެމްޕޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ އުއްމީދު ކުރަނީ މި މަޝްރޫޢުގެ ސަބަބުން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމާއި މުޢާމަލާތްތައް ކުރުމުގައި އެހެން މީހުންގެ އެހީތެރިކަމަށް ބަރޯސާވާ މިންވަރު ކުޑަވެ، ކުރިއަށް އޮތް ޖީލުތަކަށް ޑިޖިޓަލް ހުނަރުތައް ފޯރުކޮށްދެވިގެން ދިޔުމެވެ.
މި ރަސްމިއްޔާތު ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ، އަލީ އިޙްސާން ވިދާޅުވީ ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމަންޓަކީ، ހަމައެކަނި ނިޒާމުތަކަށް ކުރާ އިންވެސްޓްމަންޓެއް ނޫން ކަމަށާއި، އެ ނިޒާމުތައް ބޭނުންކުރާނެ މީހުންނަށް ކުރާ އިންވެސްޓްމަންޓް ކަމަށެވެ.
ގިނަ ހިދުމަތްތަކެއް އޮންލައިން ވަމުންދާ މި ދަނޑިވަޅުގައި، "ޑިޖިޓަލް ފޯރ އޯލް" ކެމްޕޭނުގެ ސަބަބުން ޑިޖިޓަލް ދުނިޔޭގައި ރައްކާތެރިކަމާއި ޔަގީންކަމާއެކު ހަރަކާތްތެރިވުމަށް ބޭނުންވާ ޑިޖިޓަލް އަދި އޭއައި ހުނަރުތައް ދިވެހިންނަށް ދަސްވެގެންދާނެއެވެ.
މި ޕްރޮގްރާމަކީ ހުރިހާ އުމުރެއްގެ އަދި ހުރިހާ ދާއިރާއެއްގެ މީހުންނަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ. މިއީ ތަމްރީނު ލިބިފައިވާ ފެސިލިޓޭޓަރުންނާއި، ސަރުކާރުގެ މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި، ވަޒީފާ އަދާކުރާ މާހައުލުތަކާއި، ޖަމިއްޔާ ޖަމާއަތްތައް އަދި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހިބަހުންނާއި އިނގިރޭސިބަހުން ހިލޭ ކުރިއަށްގެންދާ އުނގަންނައިދިނުމުގެ ހަރަކާތެކެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ޤައުމީ ފެންވަރުގައި ބަލައިގަންނަ ޑިޖިޓަލް ޤާބިލުކަމުގެ ހުނަރުތައް ލިބިގެން ދާނެއެވެ. އަދި ފެސިލިޓޭޓަރުން ގޮތުގައި ބައިވެރިވެލައްވާ ފަރާތްތައް ބަލައިގަނެވޭނ ީ"ޑިޖިޓަލް ޗެމްޕިއަނުން" ގެ ގޮތުގައެވެ. މީގެ އިތުރުން، މިކެމްޕެއިންގައި ހާސިލްކުރާ ހުނަރުތައް ހިމެނޭގޮތަށް އެމީހެއްގެ ކާމިޔާބީތަކުގެ ދާއިމީ ރެކޯޑެއް "ޑިޖިޓަލް ސްކިލްސް ޕާސްޕޯޓް" ގެ ގޮތުގައި ލިބިގެންދާނެއެވެ.
މި ކެމްޕޭނުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް 225,000 ދިވެހިންނަށް ޑިޖިޓަލް ހުނަރުތައް ފޯރުކޮށްދިނުމެވެ. މިއީ އެއްވެސް ފަރުދެއް ބާކީނުކޮށް، ވަށާޖެހޭ، އަދި ޑިޖިޓަލްގޮތުން ބާރުވެރިވެފައިވާ ޤައުމެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރަށް ލިބިގެންދާނެ ބޮޑު ބާރެކެވެ.