ENGLISH
21 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި
20 ޖުލައި 2026
|
އިނގިރޭސީވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ދަ ރައިޓް އެންޑްރޫ ބަރނަމަށް - ފޮޓޯ: ގެޓީ އިމޭޖަސް
އެންމެ މަޤްބޫލު
ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓަން އެންޑް ނޮދަރން އަޔަރލެންޑް (އިނގިރޭސިވިލާތު) ގެ ބޮޑުވަޒީރުކަމުގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި، އެޤައުމުގެ މެމްބަރ އޮފް ޕަރލަމެންޓް، ދަ ރައިޓް އެންޑްރޫ ބަރނަމަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު، ދަ ރައިޓް އެންޑްރޫ ބަރނަމާ މަތިކުރެވުނު އައު މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، ޑިމޮކްރެޓިކް އުޞޫލުތައް ނެގެހެއްޓުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ކުރިއެރުވުމުގެ މަތީގައި ބިނާވެފައިވާ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ ޒަމާންވީ ތާރީޚީ ރަޙުމަތްތެރިކަމާއި އެއްބާރުލުން ދިނުމުގެ، ދޭދޭ ގުޅުމަށް ދިވެހި ސަރުކާރުން ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި ފާއިތުވީ އަހަރުތަކުގައި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި އިނގިރޭސިވިލާތުގެ މުހިންމު ޙިއްޞާ ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހަމަމިއާއެކު، ދެ ޤައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ބޮޑުވަޒީރު، ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބަރނަމާއެކު ގާތުން މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ދެ ޤައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ސިޓީފުޅު ނިންމަވާލައްވަމުން، ބޮޑުވަޒީރު ދަ ރައިޓް އެންޑްރޫ ބަރނަމަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިނގިރޭސިވިލާތުގެ އެކުވެރި ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙަޔާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.