ENGLISH
21 ޖުލައި 2026
އޮސްޓްރޭލިއާގެ ތިން ސިޓީއެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް ރޯޑް ޝޯތައް ފަށައިފި
21 ޖުލައި 2026
|
ވިޒިޓް މޯލްޑިވްސް ވިކް އިން އޮސްޓްރޭލިއާ ރޯޑްޝޯ ފެށުމުގެ ރަސްމިއްޔާތުެގ ތެރެއިން. ފޮޓޯ؛ ވިޒިޓް މޯލްޑިވްސް.
އެންމެ މަޤްބޫލު
އޮސްޓްރޭލިއާގެ މާކެޓްގައި ދިވެހިރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަގްސަދުގައި "ވިޒިޓް މޯލްޑިވްސް ވީކް އިން އޮސްޓްރޭލިއާ" ރޯޑްޝޯ މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ތިން ސިޓީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ރޯޑްޝޯގެ ފުރަތަމަ ހަރަކާތް ބްރިސްބޭންގައި މިއަދު ފަށާފައިވާއިރު، މާދަމާ މެލްބަންގައި އަދި ބުރާސްފަތި ދުވަހު ސިޑްނީގައި މި ހަރަކާތް ކުރިއަށްދާނެއެވެ. މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ރާއްޖެއާއި އޮސްޓްރޭލިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮސްޓްރޭލިއާގެ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލަކަށް ރާއްޖެ ހެދުންކަމަށް ވިޒިޓް މޯލްޑިވްސް އިން މައުލޫމާތުދެއެވެ. "ވިޒިޓް މޯލްޑިވްސް ވިކް" ގެ ކޮންސެޕްޓުގެ ދަށުން ކުރިއަށްގެންދާ މި ރޯޑްޝޯއަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލުންނާއި، މީޑިއާ އިންފްލުއެންސަރުން އަދި މި ދާއިރާގެ މުހިންމު ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތާއި، އައު އުފެއްދުންތަކާއި، ތަޖުރިބާތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ މާކެޓުގައި ދެމެހެއްޓެނިވި ގޮތެއްގައި އިޝްތިހާރުކުރުމަށް "ވިޒިޓް މޯލްޑިވްސް" އިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި އަހަރުގެ ރޯޑްޝޯ ހާއްސަވާ އަނެއް ސަބަބަކީ، މެއި 2026ގައި ގައުމީ އެއަރލައިން "މޯލްޑިވިއަން" އިން މާލެއާއި މެލްބަންއާ ދެމެދު ސީދާ ދަތުރުތައް ފެށުމެވެ. މި ދަތުރުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިވެ، އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
މި ރޯޑްޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 11 ކުންފުންޏަކުން ރާއްޖޭގެ ތަފާތު އުފެއްދުންތަކާއި ތަޖުރިބާތައް ދަނީ ދައްކާލަމުންނެވެ. މި ހަރަކާތްތަކުގައި ބައިވެރިވާ ކުންފުނިތަކަކީ ކޯކޯ ބޮޑުހިތި، އުތުރުމާ މޯލްޑިވްސް، ވޮޔޭޖަސް މޯލްޑިވްސް، އައިލެންޑް އޭވިއޭޝަން ސަރވިސަސް، ވިލާ ރިސޯޓްސް، ބަގްލިއޯނި ރިސޯޓް މޯލްޑިވްސް، ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް، ރިސޯޓް ލައިފް ޓްރެވަލް، އެކްސައިޓިންގް މޯލްޑިވްސް، ސްޕްލެންޑިޑް އޭޝިއާ އަދި އެރައިވަލް ބީޗް އެންޑް ސްޕާއެވެ.
މި ރޯޑްޝޯގެ ތެރެއިން ރާއްޖެއާ ބެހޭ މައުލޫމާތު ދިނުމާއި، ވިޔަފާރި ބައްދަލުވުންތަކާއި، ގުޅުން ބަދަހިކުރުމުގެ ސެޝަންތަކުގެ އިތުރުން ތަފާތު ކުޅިވަރުތަކާއި ލަކީޑްރޯތައް ދަނީ ކުރިއަށްގެންދަމުންނެވެ. އަދި އޮސްޓްރޭލިއާގެ މީޑިއާތަކާއި އިންފްލުއެންސަރުންނާ ބައްދަލުކޮށް، ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ހާއްސަ ފުރުސަތުތަކެއްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ފަހިކޮށްދީފައެވެ. އޮސްޓްރޭލިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި "ވިޒިޓް މޯލްޑިވްސް" އިން ދަނީ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުންނެވެ. މިގޮތުން "ލަގްޒަރީ އެސްކޭޕްސް" އާ ގުޅިގެން ހިންގާ ކެމްޕޭންތަކާއި، އިންފްލުއެންސަރުން މެދުވެރިކޮށް ހިންގާ ހަރަކާތްތަކުގެ އިތުރުން، ތަޖުރިބާ ހޯދުމުގެ ދަތުރުތަކާއި ވަކި އަމާޒުތަކަކަށް އިސްތިހާރުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އޮސްޓްރޭލިއާ އަކީ މިހާރު ރާއްޖެއަށް 10 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތަކީ ޖުމްލަ ފަތުރުވެރިންގެ 2.2 އިންސައްތައެވެ. ފާއިތުވި މެއި މަހަކީ އޮސްޓްރޭލިއާ މާކެޓަށް ބޮޑު ކުރިއެރުމެއް ލިބުނު މަހެކެވެ. އެގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 24.2 އިންސައްތަ އިތުރުވެފައެވެ. މިއީ މުޅި މާކެޓަށް އައި ބޮޑު ކުރިއެރުމެކެވެ. އޮސްޓްރޭލިއާގެ ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އާމްދަނީއެއް ލިބޭ ބައެކެވެ. މީގެ ތެރެއިން 77.2 އިންސައްތަ ފަތުރުވެރިން ރިސޯޓްތަކުގައި މަޑުކުރާއިރު، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކަށް ޝައުގުވެރިވާ ފަރާތްތައްވެސް ދަނީ އިތުރުވަމުންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ވަސީލަތްތަކަށް އޮސްޓްރޭލިއާ މާކެޓުގައި އޮތް ޝައުގުވެރިކަން ހާމަކޮށްދޭ ކަމެކެވެ.
އޮސްޓްރޭލިއާގައި ބޭއްވޭ "ވިޒިޓް މޯލްޑިވްސް ވީކް" އާއެކު މި ފެށިގެންދިޔަ ހަރަކާތްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް ހޭލުންތެރިކަން އިތުރުވެ، ސިނާއީ ބައިވެރިންނާއެކު އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ. މީގެ އިތުރުން، ވިޒިޓް މޯލްޑިވްސް އިން ދެކޭ ގޮތުގައި މިއީ ރާއްޖެއަށް ދުރު ރާސްތާގެ މާކެޓްތަކުގެ ތެރެއިން އެންމެ މުހިންމު އެއް މާކެޓް ކަމަށްވާ އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މެދުނުކެނޑި ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.