ENGLISH
21 ޖުލައި 2026
ނިމުނު އަހަރާ އަޅާބަލާއިރު ސަބްސިޑީއަށް ކުރި ހަރަދު 92.4 އިންސައްތަ އިތުރުވެއްޖެ
21 ޖުލައި 2026
|
ސަބްސިޑީއަަށް ކުރަންޖެހުނު ހަރަދު ބޮޑުވި މައިގަނޑު ސަބަބަކީ އީރާނު ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުން، ފޮޓޯ: ސްޓެލްކޯ
އެންމެ މަޤްބޫލު
ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަަ ހަ މަސްދުވަހު ސަބްސިޑީއަށް ސަރުކާރުން ކުރި ހަރަދު 92.4 އިންސައްތަ އިތުރުވެފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރުން އަންނަަނީ ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭ އަސާސީ މުދަލާއި ހިދުމަތްތަކުގެ އަގު އަތްނުފޯރާ ފަށަށް މަތިވިޔަނުދިނުމުގެ ގޮތުން ސަބްސިޑީ ދެމުންނެވެ. ރާއްޖޭގައި ސަބްސިޑީ ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ނިޒާމަކީ "އިންޑައިރެކްޓް ސަބްސިޑީ" ނިޒާމެކެވެ. މި ނިޒާމުގައި ސަބްސިޑީ ފޯރުކޮށްދެނީ މުދަލާއި ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ސަރުކާރުން ފައިސާ ދީގެންނެވެ.
ސަބްސިޑީ ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ކަރަންޓާއި، ކާޑުގެ ބާވަތްތަކާއި، ދަތުރުފަތުރު ހިމެނެއެވެ. މި ދާއިރާތަކުން ފޯރުކޮށްދެމުންދާ ސަަބްސިޑީ އަހަރުން އަހަރަށް އިތުރުވަމުންދާކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައެވެ.
މި އަހަރުގެ ޖަަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޖުލައި ދޭއް 2026 ވަނަ ދުވަހާ ހަމައަށް ސަބްސިޑީއަށް ހިނގި ހަރަދު 2.8 ބިލިއަން ރުފިޔާއަށް އަރާފަައިވާކަން މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން ހަފުތާއަކު އެއްފަހަރު އާއްމުކުރާ ހިސާބުތަކުން ދައްކައެވެ.
2025 ވަނަ އަހަރުގެ އެ މުއްދަތުގައި ސަބްސިޑީއަށް ހަރަދުވިކަމަަށް މާލީ ހިސާބުތަކުން ދައްކަނީ 1.4 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަރުންް އަހަރަށް ބަލާއިރު ސަބްސިޑީއަަށް ކުރަންޖެހުނު ހަރަދު 92.4 އިންސައްތައިން އިތުރުވެފައިވެއެވެ.
ސަބްސިޑީއަަށް ކުރަންޖެހުނު ހަރަދު އިތުރުވި މައިގަނޑު ސަބަަބެއްކަމަަށް ބެލެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑެތި ބަދަލުތަކެވެ. އެ އަގުގެ ބަދަލު އެންމެ ބޮޑަށް ފެނުނީ ރާއްޖެއަށް މި އަހަރުގެ ފުރަތަމަަ ފަސް މަހު އެތެރެކުރި ތެލުގެ އަގާއި ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އެތެރެކުރި ތެލުގެ އަގު އަޅައިބެލުމުންނެވެ.
ނިމުނު އަހަރުގެ އެ މުއްދަތުގައި އެތެރެކުރި ތެލުގެ އެކި ބާވަތްތަކުގެ އަގަކީ 276.1 މިލިއަން ޑޮލަރެވެ. މި އަހަރުގެ އެ މުއްދަތުގައި އެތެރެކުރި ތެލުގެ ބާވަތްތަކުގެ އަގަކީ 498 މިލިއަން ޑޮލަރެވެ. އެއީ އަހަރުން އަހަރަށް 80.3 އިންސައްތައިގެ އިތުރުވުމެކެވެ.
ތެލުގެ އަގަަށް ބޮޑު ބަދަލެއް އައި ނަމަވެސް އާއްމުންނަށް އެ އަގުގެ އަސަރު ނުފޯރި އެންމެ ބޮޑު ސަބަބަކީ ތެލާއި ހަކަތައިގެ ސަބްސިޑީއެވެ. އަދި މި އަހަރު މަސްވެރިންނަށް ސަބްސިޑައިޒް އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމުވެސް ހަމަޖެއްސިއެވެ.