ENGLISH
20 ޖުލައި 2026
ހިޔާގެ 8 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
19 ޖުލައި 2026
|
އެންމެ މަޤްބޫލު
ހިޔާ 8 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީން ބުނީ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި އެ އޮތޯރިޓީން ހަރަކާތްތެރިވަމުންދާކަމަށެވެ. ރޯވި އަލިފާންގަނޑު ނިއްވާލިނަމަވެސް އެޕާޓްމަންޓަށް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާތީ މިހާރު ކުރިއަށްދަނީ އެކަން ހައްލުކުރުމުގެ މަސައްކަތްތައްކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަލިފާން ރޯވީ، އެ ޓަވަރުގެ 19ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބަދިގޭގައިކަމަށެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސަށް މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 13:27 ހާއިރުކަމަށްވެސް ބުންޏެވެ. އަދި މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި ނަމަވެސް އެޕާޓްމަންޓުގެ ބަދިގެއަށް އަލިފާނުގެ ސަބަބުން ބައެއް ގެއްލުންތައް ވެފައިވާކަމަށެވެ.
އަލިފާނުގެ މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ، އަލިފާން ރޯވެފައިވަނީ އެޕާޓްމަންޓުގެ ބަދިގޭގައި ކަމަށާއި، ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި، އަލިފާނުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ފުލުުހުން ހިއްސާކުރި މެސެޖުގައި ބުނެފައިވެއެވެ.
ރޭ ހުޅުމާލެ 100 ނަމްބަރު ފްލެޓުގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. ރޭ އަލިފާނުގެ ހާދިސާ ހިނގީ ކައްކަން އުދާފައި ހުރި ތެއްޔެއްގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ.