ENGLISH
19 ޖުލައި 2026
ރާއްޖެއަށް އިމްޕޯޓުކުރި ތެލުގެ އަގު 80.3 އިންސައްތައިން މަތިވެއްޖެ
19 ޖުލައި 2026
|
އިމްޕޯޓުކުރި ތެލުގެ އަގު އުފުލުނުކަން މަރުކަޒީ ބޭންކުގެ މާލީ ހިސާބުތަކުން ދައްކާ
އެންމެ މަޤްބޫލު
މި އަހަރު ރާއްޖެއަށް އިތުރުކުރި ތެލުގެ އަގު ނިމުނު އަހަރު އެތެރެކުރި ތެލުގެ އަގާ އަޅާބަލާއިރު 80.3 އިންސައްތަ އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މަރުކަޒީ ބޭންކުން އާއްމުކުރި މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގަކީ 1.8 ބިލިއަން ޑޮލަރެވެ. ދިވެހި ރުފިޔާއިން ހިސާބުކުރާއިރު ޑޮލަރުގެ ރަސްމީ ރޭޓުގައި އެއީ 28.1 ބިލިއަން ރުފިޔާއެވެ.
ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަގަކީ 1.4 ބިލިއަން ޑޮލަރެވެ. އެހެންކަމުން މި އަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު ނިމުނު އަހަރާ އަޅާބަލާއިރު 24.7 އިންސައްތަ އިތުރުވެފައިވެއެވެ.
އިމްޕޯޓުކުރި މުދަލުގެ ޖުމްލަ އަގު މަތިވެފައިވާއިރު އެންމެ ބޮޑަށް މަތިވީ ޕެޓްރޯލިއަމްގެ ބާވަތްތަކުގެ އަގެވެ. އެގޮތުން ނިމުނު އަހަރުގެ އެ މުއްދަތުގައި އެތެރެކުރި ތެލުގެ އެކި ބާވަތްތަކުގެ އަގަކީ 276.1 މިލިއަން ޑޮލަރެވެ. މި އަހަރުގެ އެ މުއްދަތުގައި އެތެރެކުރި ތެލުގެ ބާވަތްތަކުގެ އަގަކީ 498 މިލިއަން ޑޮލަރެވެ. އެއީ އަހަރުން އަހަރަށް 80.3 އިންސައްތައިގެ އިތުރުވުމެކެވެ.
ހިނގަމުންދާ މި އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭ 82.2 މިލިއަން ޑޮލަރުގެ ޕެޓްރޯލު އެތެރެކޮށްފައިވެއެވެ. 2025 ވަނަ އަހަރުގެ އެ މުއްދަތުގައި އެތެރެކުރި ޕެޓްރޯލުގެ އަގަކީ 36.2 މިލިއަން ޑޮލަރެވެ. އެހެންކަމުން އަހަރުން އަހަރަށް ރާއްޖެ އެތެރެކުރި ޕެޓްރޯލުގެ އަގު 127 އިންސައްތަ މަތިވެފައިވެއެވެ.
ފާއިތުވި އަހަރު ރާއްޖެއަށް އެތެރެކުރި ޑީސަލުގެ އަގަކީ 208.5 މިލިއަން ޑޮލަރެވެ. މި އަހަރު އެތެރެކުރި ޑީސަލުގެ އަގު 376.8 މިލިއަން ޑޮލަރަށް އަރައެވެ. އަދި ނިމުނު އަހަރުގެ ފުރަތަމަ ފަސް މަހު 19.2 މިލިއަން ޑޮލަރުގެ ޖެޓްފިއުލް އެތެރެކޮށްފައިވާއިރު މި އަހަރު އެތެރެކުރި ޖެޓްފިއުލުގެ އަގު 24.4 މިލިއަން ޑޮލަރަށް އަރައެވެ.
މި އަދަދުތަކަށް ބަލާއިރު ރާއްޖެއަށް އެތެރެކުރި ޑީސަލުގެ އަގު ނިމުނު އަހަރާ އަޅާބަލާއިރު 80 އިންސައްތަ އިތުރެވެ. އަދި އިމްޕޯޓުކުރި ޖެޓްފިއުލުގެ އަގު ނިމުނު އަހަރާ އަޅާބަލާއިރު 27 އިންސައްތަ އިތުރެވެ.
މި އަދަދުތަކަށް ބަލާއިރު ރާއްޖެއަށް އިމްޕޯޓުކުރި ތެލުގެ ބާވަތްތަކުގެ އަގު ވަރަަށް ބޮޑަށް މަތިވެފައިވާކަން އެނގެއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ގިނަ ލޮޅުންތަކެއް ފާއިތުވި ތިން މަހެއްހައި ދުވަހު ކުރިމަތިވެފައިވާތީ އެކަމުގެ އަސަރު ރާއްޖެއަށްްވެސް ކުރިއެވެ.
ނަމަވެސް ރައްޔިތުންނަށް ތެލުގެ އަގު ބޮޑުވުމުގެ ބުރައާއި ތަކުލީފު ވާސިލުވިޔަނުދިނުމުގެ ގޮތުން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އެހެނިހެން ގައުމުތަކުގައި ކަރަންޓުގެ އަގު ބޮޑުވުމާއި، ދަތުރުފަތުރުގެ އަގު ބޮޑުވުން ފަދަ ކަންކަން ކުރިމަތިވި ނަމަވެސް ރާއްޖޭގައި އެފަދަ މައްސަލަތައް ކުރިމަތިނުވެއެވެ.