ENGLISH

19 ޖުލައި 2026

Advertisement

ރަނގަޅު އަލާމާތެއް؛ ބޭންކުތަކުގެ އާމްދަނީ އިތުރުވެ ޓެކުހުގެ ގޮތުގައި ދެއްކި އަދަދު %14.6 މައްޗަށް

19 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ބޭންކުތަކުގެ ނެޓް އިންކަމް އިތުރުވުމާއެކު ބޭންކުތަކުން އާމްދަނީގެ ޓެކުހުގެ ގޮތުގައި ދައްކާ ފައިސާގެ އަދަދު 14.6 އިންސައްތަ އިތުރުވެފައިވޭ

ރާއްޖޭގެ ބޭންކުތަކަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު އިތުރުވުމާއެކު، މި އަހަރުގެ މޭ މަހުގެ ނިޔަލަށް ބޭންކުތަކުން އާމްދަނީގެ ޓެކުހުގެ ގޮތުގައި ދައުލަތަށް ދެއްކި ފައިސާގެ އަދަދު 14.6 އިންސައްތަ އިތުރުވެފައިވާކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. 

މަރުކަޒީ ބޭންކުން މަހަކު އެއްފަހަރު އާއްމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ޓެކްސް ދެއްކުމުގެ ކުރިން، އެހެނިހެން ހަރަދުތައް އުނިކުރުމަށްފަހު ބޭންކުތަކަށް ޖުމްލަ 2.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ބޭންކުތަކަށް ޓެކުސް ނޫން ހަރަދުތައް އުނިކުރުމަށްފަހު ލިބުނީ 1.9 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. 

ބޭންކުތަކަށް މި މުއްދަތުގައި ލިބުނު ޖުމްލަ އާމްދަނީއަށް ބަލާއިރު އިންޓަަރެސްޓުގެ އާމްދަނީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ މި އަހަރު ލިބުނެވެ. އަަދި އިންޓެރެސްޓު ނޫން އެހެނިހެން ގޮތްގޮތުން 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މި މުއްދަތުގައި ބޭންކުތަކުގެ ހަރަދުގެ ގޮތުގައި މާލީ ހިސާބުތަކުން ދައްކަނީ 2.1 ބިލިއަން ރުފިޔާއެވެ. 

ޓެކުހުގެ ގޮތުގައި މި މުއްދަތުގައި ބޭންކުތަކުން ދައްކަންޖެހޭ އަދަދެއްގެ ގޮތުގައި މަރުކަޒީ ބޭންކުގެ ހިސާބުތަކުން ރެކޯޑުކުރެވިފައިވަނީ 610.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކަށް ބަލާއިރު ޖޫން މަހުގެ ނިޔަލަށް ބޭންކުތަކުން އާމްދަނީގެ ޓެކުހުގެ ގޮތުގައި 775.8 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. 

2025 ވަނަ އަހަރު ބޭންކުތަކުން ޖަނަވަރީން ފެށިގެން މޭ މަހުގެ ނިޔަލަށް އާމްދަނީގެ ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަަންޖެހުނީ 532.7 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި ބޭންކުތަކުން އާމްދަނީގެ ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކާ އަދަދު އަހަރުން އަހަރަށް 14.6 އިންސައްތަ އިތުރުވެފައިވެއެވެ. 

ބޭންކުތަކުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އަދަދު އިތުރުވި މައިގަަނޑު ސަބަބަކީ، ބޭންކުތަކަށް ލިބުނު ޖުމްލަ އާމްދަނީއާއި ޓެކްސް ފިޔަވައި އެހެނިހެން ކަންކަމަށް ހިނގާ ހަރަދުތައް އުނިކުރުމަށްފަހު ނެޓް އިންކަމްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. '

ބޭންކުތަކުގެ ޖުމްލަ އާމްދަނީގެ އިތުރަށް ނެޓް އިންކަމް އިތުރުވުމަކީ ޖުމްލަކޮށް އިގުތިސާދީ ހަރަކާތްތައް މަޑުނުޖެހި ކުރިއަށްދާކަމުގެ މައްޗަށް ދަލީލުކުރާ ކަމެއްގެ ގޮތުގައި އިގުތިސާދީ މާހިރުން ސިފަކުރައްވައެވެ. 

ކިޔުންތެރިންގެ ހިޔާލު