ENGLISH
19 ޖުލައި 2026
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުތުބުހާނާއެއް ގާއިމްކުރަނީ
19 ޖުލައި 2026
|
ގައުމީ ކުތުބުހާނާ -
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުތުބުޚާނާގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ މުޅި ރާއްޖެއަށް އަމާޒުކޮށް، އާންމު ރައްޔިތުންނަށް ފޮތްތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެއްކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ދައުލަތުގެ މީޑިއާއަަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝުކުރުﷲ ޝަކީލް ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުތުބުޚާނާގެ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް، އެމީހަކު ދިރިއުޅޭ ރަށަކުން މި ޚިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެ އަމާޒަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ދަނީ ބާރުމިނުގައި ކުރިއަށް. ސަރުކާރުގެ ބޭނުމަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް، އެ ރަށަކާ އެކަށީގެންވާ ފަންތިއެއްގައި ކުތުބުޚާނާގެ ޚިދުމަތް ލިބެން ހުރުން" ޝަކީލް ވިދާޅުވިއެވެ.
އިތުރަށް ޝަކީލް ވިދާޅުވީ، ގައުމީ ކުތުބުޚާނާގެ ގޮފިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިނާކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ކުތުބުޚާނާ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަން ފާހަގަކުރެއްވިއެވެ.
ގައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ފާހަގަކުރެއްވި ގޮތުގައި، 100 އަށްވުރެ ގިނަ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، ކުތުބުޚާނާގެ ޚިދުމަތް ތަރައްގީކުރުމުގެ ގައުމީ އޮނިގަނޑެއް މިހާރު ވަނީ އެކުލަވާލާފައެވެ. އަދި ހުރިހާ ރަށު ކައުންސިލްތަކެއް ހިމެނޭހެން ކުރިއަށްގެންދިޔަ ދިރާސާއަކުން، ކުތުބުޚާނާގެ ޚިދުމަތަކީ ރައްޔިތުން އިންތިހާއަށް ބޭނުންވާ ޚިދުމަތެއްކަން އެނގިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ދިރާސާގެ ނަތީޖާއަށް ރިއާޔަތްކޮށް، ރަށްރަށުގެ އާބާދީއާއި ބޭނުންތަކާ ގުޅޭގޮތުން އެކި ފަންތީގެ ކުތުބުޚާނާ މޮޑެލްތަކެއް ވަނީ ފަރުމާކުރެވިފައެވެ. ހަމައެއާއެކު، ގައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން "އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން" އެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. މިއީ ސަރުކާރުގެ އިދާރާތަކާއި އެކި ޖަމިއްޔާތަކުން ނެރޭ ރިޕޯޓުތައް އެއްތަނަކުން ފަސޭހަކަމާއެކު ކިޔާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޑިޖިޓަލް މަންސައެކެވެ.