ENGLISH
19 ޖުލައި 2026
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ގޮވާލައިފި
19 ޖުލައި 2026
|
ފަލަސްތީން.
އެންމެ މަޤްބޫލު
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިގޮތަށް ގޮވާލީ ޔުނައިޓެޑް ނޭޝަންސް ކޮމިޓީ އޮން ދަ އެކްސަރސައިޒް އޮފް ދަ އިނޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓިނިއަން ޕީޕަލް (ސީއީއައިއާރްޕީޕީ) އާއި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގުޅިގެން "ޖެރޫސަލަމް: ދަ ފްރޮންޓްލައިން އޮފް ޑިސްޕްލޭސްމަންޓް އެންޑް އެނެކްސޭޝަން އެންޑް ދަ ކީ ޓު ޖަސްޓް އެންޑް ލާސްޓިންގ ޕީސް" ގެ ނަމުގައި މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި މި އަހަރުގެ "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް"ގައެވެ.
މި ކޮންފަރެސްގައި ރާއްޖޭގެ ފަރާތުން ތަގުރީރުކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައޫދި އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރެވެ.
މި ކޮންފަރެންސްގައި ރާއްޖެއިން ވަނީ އިސްރާއިލްގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތަށް އަލިއަޅުވާލައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ބައިނަލްއަގްވާމީ އަދުލު އިންސާފާ ބެހޭ ކޯޓުގެ ނިންމުންތަކާ ޚިލާފަށް ފަލަސްޠީނުގެ ބިންތައް ހިފުމަށް އިސްރާއީލުން ކުރަމުންދާ ހުރިހާ މަސައްކަތްތަކެއް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ.
އަދި، ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ) އިން ކުރަމުންދާ މުހިންމު މަސައްކަތް ފާހަގަކޮށް، އަންރުވާގެ މަސައްކަތްތަކައް ބާރުދިނުމުގެ ގޮތުން އެ އެޖެންސީ އަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ގޮވާލިއެވެ.
އަދި، ގުދުސްގެ މުގައްދަސް ބިންތަކުގެ ގާނޫނީ ހައިސިއްޔަތާއި ތާރީޚީ އަދި ދީނީ މުހިންމުކަން ހިމާޔަތްކުރެވޭނީ އިސްރާއިލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު ބަލައިގަނެގެންކަމުގައި ފާހަގަކޮށްފައިވެއެވެ.
1975 ވަނަ އަހަރު އ.ދ. ގެ އާއްމު މަޖިލީހުގެ ޤަރާރު ނަންބަރު 3376 އިން އުފެއްދި ސީ.އައި.އާރް.ޕީ.ޕީ. އަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތްކުރަމުންދާ ކޮމިޓީއެކެވެ. އޯ.އައި.ސީ.އާ ގުޅިގެން ސީ.އައި.އާރް.ޕީ.ޕީ. އިން 2025 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް 2025 ވަނަ އަހަރުގެ ޖުލައި މަހު ސެނެގާލްގައި ބާއްވާފައެވެ.
ފަލަސްޠީނުގެ ހައްޤުގައި އަޑުހަރުކޮށް ވަކާލާތުކުރާ ޤައުމެއް އަދި އޯ.އައި.ސީ.ގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ އިން ދަނީ މި ކޮންފަރެންސްތަކުގައި ބައިވެރިވަމުންނެވެ.