ENGLISH
19 ޖުލައި 2026
މާލެއާއި ބްރިޖު ހައިވޭގެ ޓްރެފިކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރަނީ
19 ޖުލައި 2026
|
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ޓްރެފިކް އެންހޭންސްމެންޓް ޕްލޭން އިފްތިތާޙްކުރަނީ. ފޮޓޯ: ޕޮލިސް
އެންމެ މަޤްބޫލު
މާލެއާއި ބްރިޖު ހައިވޭގެ ޓްރެފިކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ "ޓްރެފިކް އެންހޭންސްމެންޓް ޕްލޭން" ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.
އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފުތިތާހުކޮށްދެއްވީ، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މުވައްޒަފުންނާ ކޮމިޝަނަރ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓްގެ އެކި ފަންކްޝަންތަކުގެ ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ. އިފްތިތާޙްކުރި ޕްލޭނަކީ މާލެއާއި ބްރިޖު ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށް އެކުލަވާލާފައިވާ ޕްލޭނެކެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް އަވަސް ލުޔެއް ހޯދައިދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ބާރުއެޅުއްވިއެވެ. އެގޮތުން، ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު އިތުރުކޮށްފައިވާކަން ފާހަގަކުރައްވައި، މާލޭގެ ކާރޫބާރޫ އެންމެ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ޚާއްޞަ އިސްކަމެއްދީގެން މަސައްކަތް ކުރުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.
ކޮމިޝަނަރގެ އިލްތިމާސާ އެއްގޮތަށް، ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި މިހާރު ޓްރެފިކް ބަލަހައްޓާ ސަރަހައްދުތަކުގެ އިތުރުން، މާލޭގެ އެހެން ސަރަހައްދުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގެ ޔަގީންކަން ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ވަނީ ދީފައެވެ.
ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި މި ދާއިރާއަށް އިތުރު މުވައްޒަފުން ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.