ENGLISH

18 ޖުލައި 2026

Advertisement

ފައިނަލުގައި އަހަރެމެންގެ ހުރިހާ ހިތްވަރެއް ނެރޭނަން: މެސީ

18 ޖުލައި 2026

|

އިސްމާއިލް ޝާހު

ފެނެޓިކްސް ފެސްޓުގެ ތެރެއިން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ: ގެޓީ

ހުކުރު ދުވަހުގެ ރޭ "ފެނެޓިކްސް ފެސްޓް" ގެ ސްޓޭޖުމަތިން ފެނިގެންދިޔަ ކުޅިވަރުގެ ލެޖެންޑުންގެ ސަފަކީ ހަގީގަތުގައިވެސް އާދަޔާޚިލާފު މަންޒަރެކެވެ. އޭގެ ތެރޭގައި ސުޕަ ބޯލްގެ ތާރީޚުގައި އުފެދުނު އެންމެ ކާމިޔާބު ކުޅުންތެރިޔާ ޓޮމް ބްރޭޑީ އާއި، ފިރިހެން ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތައް އެންމެ ގިނައިން ކާމިޔާބުކުރި ނޮވަކް ޖޮކޮވިޗުގެ އިތުރުން، ފިރިހެން ބާސްކެޓްބޯޅައިގެ ތާރީޚުގައި ހަތަރު އޮލިމްޕިކް ރަން މެޑެލް ހޯދި ހަމައެކަނި ކުޅުންތެރިޔާ ކެވިން ޑުރާންޓް ހިމެނެއެވެ.

ނަމަވެސް އެ އެންމެން ސްޓޭޖުން ފޭބުމުގެ ކުރިން ލިއޮނެލް މެސީއާއެކު ސެލްފީއެއް ނެގިއެވެ. ކުޅިވަރުގެ ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ތަރިންވެސް، ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ބޭނުންވެފައި ތިބި މިންވަރު މިކަމުން ހާމަވެއެވެ.

އާދިއްތަ ދުވަހުގެރޭ އޮންނަ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 1.5 ބިލިޔަން މީހުންނާއެކު މި ތަރިންވެސް އެ މެޗު ބަލާނެއެވެ.

"އަހަރެމެންގެ ހުރިހާ ހިތްވަރެއް ނެރޭނަން،" މެސީ ބުންޏެވެ.

ފެނެޓިކްސް ފެސްޓުގެ ތެރެއިން ޓޮމް ބްރޭޑީ، މެސީއާ ސުވާލުކުރަނީ --- ފޮޓޯ: އޭޕީ

ނިއު ޖާޒީގައި އޮންނަ ފައިނަލް މެޗުގެ ކުރިން މެސީ އާންމުންގެ ތެރެއަށް ނުކުތް އެންމެ ފަހު ފަހަރަށް މި އިވެންޓް ވެގެންދިޔައެވެ. ފީފާއިން ނިންމާފައިވަނީ ނިއު ޔޯކުގައި ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކުޅިވަރުގެ އީދު "ފެނެޓިކްސް ފެސްޓް" އަކީ ފައިނަލް މެޗުގެ ކުރިން ބާއްވާ މީޑިއާ ބައްދަލުވުންތަކުގެ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރުމަށެވެ. މީގެ ސަބަބުން އާންމުކޮށް މިފަދަ ފުރުސަތުތައް ނުލިބޭ އެތައް ސަތޭކަ ބަޔަކަށް މެސީ ކައިރިން ފެނިލުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

މި ހަރަކާތް ރޭވިފައި އޮތީ ތަފާތު ގޮތަކަށެވެ. ނޫސްވެރިން ސުވާލުކުރުމުގެ ބަދަލުގައި، އެއް ތަރިއަކު އަނެއް ތަރިއަކާ ސުވާލުކުރާ ގޮތަށެވެ. ޓޮމް ބްރޭޑީ މެސީއާ ސުވާލުކުރީ މި ހަފުތާގައި ވަރަށް ބޮޑަށް ވައިރަލްވި ފޮޓޯއަކާ ބެހޭގޮތުންނެވެ. އެއީ ސްޕެއިންގެ މިހާރުގެ ތަރި ލަމީން ޔަމާލް ތުއްތު ކުއްޖެއްގެ ގޮތުގައި އޮއްވައި މެސީ އޭނާ ފެންވަރުވައިދޭ ފޮޓޯއެކެވެ. މެސީ އެކަމަށް ރައްދުދެމުން ބުނީ އެއީ "ވަރަށް އާދަޔާޚިލާފު ފޮޓޯއެއް" ކަމަށެވެ. ޖޮކޮވިޗް ވަނީ އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީއާ ޕްރެޝަރާ ކުރިމަތިލާނެ ގޮތާ ބެހޭގޮތުން ސުވާލުކޮށް، އެ ސުވާލު މެސީއަށްވެސް އަމާޒުކޮށްފައެވެ.

މެސީގެ ވާހަކަ ނިންމާލުމުން ޖޮކޮވިޗް "ގްރާސިއަސް ލިއޯ" (ޝުކުރިއްޔާ) އޭ ބުނެ އިހުތިރާމް އަދާކުރިއެވެ. ކެވިން ޑުރާންޓް ވަނީ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒްއާ، ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ މާނައަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.

މުޅި މި ހަރަކާތަކީ ވޯލްޑް ކަޕް ފައިނަލް ފަދައިން ވަރަށް ފޯރިގަދަ ކަމަކަށް ވެގެންދިޔައެވެ. އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނި ގޮތުގައި، އެއީ އިތުރު އެއް މެޗެވެ. އެއީ ވޯލްޑް ކަޕް ފައިނަލް ކަމަށް މާ ބޮޑަށް ވިސްނައިގެން ނުވާނެއެވެ.

ފެނެޓިކްސް ފެސްޓުގެ ތެރެއިން އާޖެންޓީނާގެ ކުޅުންތެރިންނާއެކު ނޮވަކް ޖޮކޮވިޗް --- ފޮޓޯ: އޭޕީ

އާޖެންޓީނާއަށް ފައިނަލާ ހަމައަށް އައުމަކީ ފަސޭހަ ދަތުރަކަށް ނުވިއެވެ. އެ ޓީމު މުބާރާތުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ ދެމިއޮތް ނަމަވެސް، ގިނަ މެޗުތަކެއް ކާމިޔާބުކުރީ ފަހަތުން އަރައި ބުރަ މަސައްކަތުންނެވެ. ސެމީ ފައިނަލުގައި އިންގްލެންޑް އަތުން މޮޅުވީ 1-0 ގެ ނަތީޖާއަކުން ފަހަތުގައި އޮވެއެވެ. ގަދަ 16 ގައި މިސްރު އަތުން މޮޅުވީ 2-0 ގެ ނަތީޖާއަކުން ފަހަތުގައި އޮވެއެވެ. އަދި ކާބޯ ވާޑޭ އާއި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުތައްވެސް އިތުރު ވަގުތަށް ދިޔައެވެ.

"އަހަރެން އަބަދުވެސް ބުނާ ފަދައިން، އަހަރެމެން ދުވަހަކުވެސް ހަނގުރާމަކުރުން ހުއްޓައެއް ނުލާނަން،" މެސީ ބުންޏެވެ.

އިވެންޓް ނިމުމުން ހުރިހާ ތަރިންނާއި، ފިލްމީ ތަރި ކެވިން ހާޓް، ރެޕް އަރޓިސްޓް ޓްރެވިސް ސްކޮޓް، އަދި ރިއޯ ފާޑިނަންޑް ފަދަ މަޝްހޫރު ފަރާތްތައް ގުޅިގެން ސަޕޯޓަރުންނާއެކު ސެލްފީއެއް ނެގިއެވެ. "އާދިއްތަ ދުވަހަކީ ވަރަށް ފުރިހަމަ ކުޅިވަރެއް ފެނިގެންދާނެ ދުވަހެއް،" ސްކަލޯނީ ބުންޏެވެ.

1958 އަދި 1962 ގައި ބްރެޒިލަށް ފަހު، މިހާތަނަށް އެއްވެސް ޓީމަކަށް ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މެސީއަށް މިހާރު މިވަނީ އޭނާގެ ކާމިޔާބީގެ ލިސްޓަށް މި ތާރީޚީ ޝަރަފު އިތުރުކުރުމުގެ ފުރުސަތު ލިބިފައެވެ.

"އަހަރެމެންގެ އަތުގައި މިތިބީ ގައުމަށް އުފާވެރިކަން ގެނެސްދިނުމަށް ރެޔާއި ދުވާލު ބުރަ މަސައްކަތްކުރާ ކުޅުންތެރިންނާއި ކޯޗުންތަކެއް. މެސީއާއެކު އަހަރެމެންގެ ހުރިހާ ހިތްވަރެއް ނެރެގެން ވޯލްޑް ކަޕް އަނބުރާ ޤައުމަށް ގެންގޮސް، ރައްޔިތުންނާއެކު އުފާފާޅުކުރާނަން،" ކީޕަރު މާޓިނޭޒް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު