ENGLISH

18 ޖުލައި 2026

Advertisement

އާޖެންޓީނާގެ ކާމިޔާބީތަކާ މެދު ވިސްނާލުމުން ލޮލުން ކަރުނަ އާދޭ: މާޓިނޭޒް

18 ޖުލައި 2026

|

އިސްމާއިލް ޝާހު

ފެނެޓިކްސް ފެސްޓުގެ ތެރެއިން އާޖެންޓީނާގެ ގޯލްކީޕަރު އެމީލިއާނޯ މާޓިނޭޒް --- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ތަށި ދިފާއުކުރުމަށްޓަކައި ސްޕެއިނާ ދެކޮޅަށް ފައިނަލުގައި ނުކުންނައިރު، ފާއިތުވި އަހަރުތަކުގައި އާޖެންޓީނާއިން ހޯދާފައިވާ ކާމިޔާބީތަކާ މެދު ވިސްނާލުމުން ބައެއް ފަހަރު އޭނާގެ ލޮލުން ކަރުނަ އަންނަ ކަމަށް ގޯލްކީޕަރު އެމީލިއާނޯ މާޓިނޭޒް ބުނެފިއެވެ.

އާދީއްތަ ދުވަހުގެރޭ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗުގެ ކުރިން  ނޫސްވެރިންނާ ވާހަކަދައްކަމުން އެސްޓަން ވިލާގެ ކީޕަރު މާޓިނޭޒް ބުނީ އޭނާގެ މުޅި ފޯކަސް ހުރީ ހަމައެކަނި މޮޅުވުމަށް ކަމަށާއި، މިހާރު މިއޮތް ޓީމަކީ ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތުން ބިނާކޮށްފައިވާ، ވަރަށް ބޮޑަށް ކުރިއެރުން ހޯދާފައިވާ ޓީމެއް ކަމަށެވެ.

އާޖެންޓީނާއަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ފްރާންސް ބަލިކޮށް ތަށި ހޯދި ޓީމެވެ. މީގެ އިތުރުން 2021 އަދި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށް، ދެކުނު އެމެރިކާ އާއި ޔޫރަޕުގެ ޗެމްޕިއަނުންގެ މެދުގައި ކުޅުނު "ފިނަލިސިމާ" މެޗުގައި އިޓަލީ ބަލިކޮށް އެ ތަށިވެސް ވަނީ އުފުލާލާފައެވެ.

"ތެދަށް ބުނާނަމަ، އަހަރެމެންނަށް ހާސިލުކުރެވުނު ކަންތައްތަކާ މެދު ވިސްނާލުމުން ބައެއް ފަހަރު އަމިއްލައަށް ރޮވޭ. އަހަރެން މިހާރު މަސައްކަތް ކުރަނީ މި ވަގުތުގެ އުފާ ލިބިގަންނަން. ސަބަބަކީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އަމިއްލަ ކެރިއަރުގައި ތިމާ މިހާރު ހުރި ހިސާބު ބައެއް ފަހަރު އިހުސާސް ނުކުރެވިދާނެތީ،" މާޓިނޭޒް ބުންޏެވެ.

ޓީމުގެ އެހެން ކުޅުންތެރިންނަށް މާޓިނޭޒް ދޭން ބޭނުންވާ މެސެޖަކީ، ހިނިތުންވުމާއެކު މި އުފާވެރި ވަގުތުތަކަށް ތައްޔާރުވެ، އޭގެ ފުރިހަމަ އުފާ ލިބިގަތުމަށެވެ. މިއީ މުޅި އުމުރަށް ހަނދާނުގައި ހުންނާނެ ކަންތައްތަކެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

އުމުރުން 33 އަހަރުގެ މާޓިނޭޒަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ. ވަކިން ޚާއްސަކޮށް ފައިނަލް މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ނުރައްކާތެރި ހަމަލާ އޭނާ ދިފާއުކުރި ގޮތަކީ އާޖެންޓީނާގެ ރައްޔިތުން އަބަދުވެސް ހަނދާން އައުކުރާނެ ހިތްވަރެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާޖެންޓީނާގެ ގޯލްކީޕަރު އެމީލިއާނޯ މާޓިނޭޒް --- ފޮޓޯ: ރޮއިޓަރސް

ގަތަރުގެ ވެރިރަށް ދޯހާގައި ކުޅުނު އެ ފައިނަލް މެޗުގެ 80 ވަނަ މިނެޓާ ހަމައަށް އާޖެންޓީނާ 2-0 ގެ ނަތީޖާއަކުން ކުރީގައި އޮއްވައި، ކީލިއަން އެމްބާޕޭ ޖެހި ދެ ލަނޑާއެކު ނަތީޖާ ހަމަހަމަވެ، އިތުރު ވަގުތު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގައި މެސީ ލަނޑެއް ޖަހައި ކުރިހޯދައިދީފައި ވަނިކޮށް، އަލުން އެމްބާޕޭ ޕެނަލްޓީއަކުން ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށް، ނަތީޖާ ނެރުމަށް ޕެނަލްޓީ ޝޫޓްއައުޓަކަށް ދާން މަޖުބޫރުވިއެވެ.

"މިދިޔަ ފައިނަލްގައި 80 މިނެޓް ވަންދެން އަހަރެމެން ފްރާންސަށްވުރެ މާ ބޮޑަށްވެސް މޮޅަށް ކުޅުނިން. ނަމަވެސް މެޗު ނިމުނުއިރު ތިން ލަނޑު ވަނީ ވަދެފައި. އާންމުގޮތެއްގައި ފައިނަލެއްގައި ތިން ލަނޑު ވަދެއްޖެނަމަ ބަލިވުމުގެ ފުރުސަތު ބޮޑުވާނެ،" މާޓިނޭޒް ކިޔައިދިނެވެ. "އެހެންވެ މެޗުގެ އެންމެ ފަހު ވަގުތު އެ ބޯޅަ ހުއްޓުވަން އަހަންނަށް މަޖުބޫރުވީ. ބައެއް ފަހަރު ބޯޅަގައި އަތްލެވުނަސް ގޯލަށް ވަދެދާނެ. މި އަހަރުގެ ގްރޫޕް ސްޓޭޖުގައި އުރުދުންއާ ދެކޮޅަށް ކުޅުނުއިރު ވީ އެހެން. އެކަމަކު ނަސީބު ރަނގަޅުކަމުން ފައިނަލް މެޗުގައި އެ ބޯޅައެއް ގޯލަކަށް ނުވި."

މެއި މަހު އެސްޓަން ވިލާއަށް ކުޅެނިކޮށް އިނގިލި ބިނދި، އަނިޔާގެ މައްސަލަތަކާއެކު މުބާރާތާ ކުރިމަތިލި ނަމަވެސް، 2022 ވަނަ އަހަރަށްވުރެ ބޮޑަށް މިފަހަރުގެ ވޯލްޑް ކަޕުގައި އޭނާ އުފާކުރާ ކަމަށް މާޓިނޭޒް އެއްބަސްވިއެވެ. އޭނާ ބުނި ގޮތުގައި މެޗުގެ ތެރޭގައި ނިންމުންތައް ނިންމުމުގައި ކުރިއަށްވުރެ ބޮޑަށް އޭނާ ވަނީ ހުށިޔާރުވެފައެވެ. އަދި މި ޓީމާއެކު ފަސްވަނަ ފައިނަލެއްގައި ކުޅެން ލިބުމަކީ އޭނާ ނުހަނު އުފާކުރާ ކަމެކެވެ.

ނިއު ޖާޒީގައި ސްޕެއިން ބަލިކޮށްފިނަމަ، އާޖެންޓީނާ ވެގެންދާނީ 1938 ވަނަ އަހަރު އިޓަލީ އަދި 1962 ވަނަ އަހަރު ބްރެޒިލަށްފަހު ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ޤައުމަށެވެ.

ޓީމުން ދޫކޮށްދާނެ ތަރިކައަކީ ކޮބައިތޯ ސުވާލުކުރުމުން މާޓިނޭޒް ބުނީ، ޓީމުގެ ހުރިހާ ކުޅުންތެރިންނަކީވެސް އާދައިގެ މެދުފަންތީގެ އާއިލާތަކުން އައިސްފައިވާ ކުޅުންތެރިން ކަމަށެވެ. "އަހަރެމެންގެ މައިންބަފައިންނަކީ ބުރަ މަސައްކަތުން އަހަރެމެން ބޮޑުކުރި މީހުން. އަހަރެން ގަބޫލުކުރާ ގޮތުގައި އާޖެންޓީނާގެ ރައްޔިތުން އަހަރެމެން ހަނދާން ކުރާނީ ދުވަހަކުވެސް ބަލި ގަބޫލުނުކުރާ، ބުރަ މަސައްކަތްތެރި ބައެއްގެ ގޮތުގައި. ކިތަންމެ އުނދަގޫ ހާލަތެއްގައިވެސް އަހަރެމެން ކާމިޔާބާ ހަމައަށް ވާސިލްވާނަން،" އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު