ENGLISH

18 ޖުލައި 2026

Advertisement

ވޯލްޑް ކަޕުގެ ތެރޭގައި 7 މިލިޔަނަށްވުރެ ގިނަ ފުރައްސާރައިގެ މެސެޖުތައް

18 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ޕެނަމާ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން، ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ހުރި ފީފާ ލޯގޯ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ތެރޭގައި ކުޅުންތެރިންނާއި، ޓީމުތައް އަދި އޮފިޝަލުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ފޮނުވާފައިވާ 7 މިލިޔަނަށްވުރެ ގިނަ ފުރައްސާރަ އާއި ނޭދެވޭ މެސެޖުތައް ދެނެގަނެވިފައިވާ ކަމަށް ފީފާގެ ސޯޝަލް މީޑިއާ ޕްރޮޓެކްޝަން ސަރވިސް (އެސްއެމްޕީއެސް) އިން ހާމަކޮށްފިއެވެ.

ފީފާގެ ސޯޝަލް މީޑިއާ ޕްރޮޓެކްޝަން ސަރވިސް އަކީ އޮންލައިންކޮށް ކުރިމަތިވާ މިފަދަ ބިރުދެއްކުންތަކާއި އަދަބާޚިލާފު އަމަލުތަކުން ކުޅިވަރުގެ އާއިލާ ރައްކާތެރިކުރުމަށް ގާއިމުކޮށްފައިވާ ނިޒާމެކެވެ.

ފީފާއިން ފާހަގަކުރި ގޮތުގައި، މިފަހަރުގެ މުބާރާތުގައި ނޭދެވޭ މެސެޖުތައް ދެނެގަނެވުނު މިންވަރު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާ އަޅާބަލާއިރު 14 ގުނަ އިތުރެވެ. 2022 ވަނަ އަހަރުގެ މުބާރާތުގައި މިފަދަ 470،000 މެސެޖު ވަނީ ދެނެގަނެ، ފިޔަވަޅުއަޅާފައެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދެނެގަނެވުނު، ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުންނަށް އަމާޒުކޮށްފައިވާ ބައި މިލިޔަނަށްވުރެ ގިނަ މެސެޖު އެސްއެމްޕީއެސް ޓީމުން ވަނީ މުރާޖާކޮށްފައެވެ. މީގެ ތެރެއިން ސީދާ ބިރުދެއްކުމުގެ ގޮތުގައި ފާހަގަކުރެވުނު 1،000 އަށްވުރެ ގިނަ މައްސަލަ ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.

އާދީއްތަ ދުވަހުގެރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފައިނަލް މެޗާއެކު މުބާރާތް ނިމުމަކަށް އަންނައިރު، މުބާރާތް ފެށުނީއްސުރެ މިހާތަނަށް އެސްއެމްޕީއެސްއިން ވަނީ 53 މިލިޔަނަށްވުރެ ގިނަ ޕޯސްޓާއި ކޮމެންޓް ބަލައި، ފިޔަވަޅުއަޅާފައެވެ.

މި މަހުގެ ކުރީކޮޅު ފީފާއިން ހާމަކުރި ރިޕޯޓެއްގައިވާ ގޮތުން، މިފަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް ފާހަގަކުރެވުނު އިހާނެތި މެސެޖުތަކުގެ ތެރެއިން 11 އިންސައްތައަކީ ނަސްލީ ތަފާތުކުރުމާއި ގުޅުންހުރި މެސެޖުތަކެވެ.

ކިޔުންތެރިންގެ ހިޔާލު