ENGLISH

18 ޖުލައި 2026

Advertisement

މި މަހު މަސްވެރިންނަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

18 ޖުލައި 2026

|

މުޙައްމަދު އަދުހަމް

މި ޖުލައި މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހުގެ 15 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް ޖަމާކުރީ 2،111،105ރ. (ދެ މިލިއަން އެއް ލައްކަ އެގާރަ ހާސް އެއްސަތޭކަ ފަސް ރުފިޔާ) އެވެ.

މިއާއެކު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް 15،890،751ރ. (ފަނަރަ މިލިއަން އަށްލައްކަ ނުވަދިހަ ހާސް ހަތްސަތޭކަ ފަންސާސް އެއްރުފިޔާ) ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ.

މީގެތެރެއިން، ކަޅުބިލަމަސް ކިރުވި ދޯނި ފަހަރަށް 15،522،451ރ. (ފަނަރަ މިލިއަން ފަސްލައްކަ ބާވީސް ހާސް ހަތަރު ސަތޭކަ ފަންސާސް އެއްރުފިޔާ) ދީފައިވާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 26،100ރ. (ސައްބީސް ހާސް އެއްސަތޭކަ ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ. މީގެއިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 342،200ރ. (ތިން ލައްކަ ސާޅީސް ދެހާސް ދުއިސައްތަ ރުފިޔާ) ޖަމާކޮށްދީފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ. 

އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.

ނިމިދިޔަ 2025 ވަނަ އަހަރަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިއްމު ނިންމެވުންތަކެއް ނިންމަވާ، އެ ނިންމެވުންތައް ތަންފީޒުކުރަން ފެށި އަހަރެކެވެ. މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 20 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.

މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށީ ޖަނަވަރީ މަހުއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ. ޖަނަވަރީ 11 ވަނަ ދުވަހު މިފްކޯއިން ކިރުވަން ފެށީ 15 ކިލޯއަށްވުރެ މަތީ ކަންނެއްޔެވެ. އޭގެ ފަހުން އެ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިންވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުމިނުގެ ކަންނެލިވެސް ކިރުވަން ފަށާފައެވެ. މިފްކޯ އިން މިހާރު ބޮޑުކަންނެލި ގަންނަނީ 25 ރުފިޔާގެ ރޭޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު