ENGLISH
18 ޖުލައި 2026
ރެސްޓޯރެންޓެއްގެ ވެއިޓަރަކު މަރާލި މައްސަލަ ޕާކިސްތާނުގެ އާބިދުގެ މައްޗަށް ސާބިތުވެއްޖެ
18 ޖުލައި 2026
|
ޝަރީޢަތުގެ އަޑުއެހުމުގައި އާބިދު ބައިވެރިވަނީ. ބަންގްލަދޭޝްގެ ވެއިޓަރު މަރާލި މައްސަލަ އޭނާގެ މައްޗަށް ވަނީ ސާބިތުވެފައި.
އެންމެ މަޤްބޫލު
ހުޅުމާލޭގައި ހިންގާ "ޚާންޖީ" ރެސްޓޯރެންޓުގައި މަސައްކަތް ކުރި ބަންގްލަދޭޝް ވެއިޓަރަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި، އެ ތަނުގެ ކައްކާ، ޕާކިސްތާނުގެ މުޙައްމަދު އާބިދުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި މިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަޙްމަދު ޝާފިޢު ވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާބިދުގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައެވެ.
މި ދައުވާއަށް އާބިދު އިންކާރުކޮށް، ޝަރީއަތުގައި ބުނެފައިވަނީ ވެއިޓަރަށް ހަމަލާދެވުނީ އަމިއްލަ ނަފުސު ދިފާއުކުރަން އަތް ހޫރާލި ވަގުތު ކަމަށާއި، އޭރު އަތުގައި ވަޅިއެއް އޮތްކަން ނޭނގޭ ކަމަށެވެ. އަދި އޭނާގެ ފަރާތުން ދިފާއީ އެއްވެސް ހެކިއެއް ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އާބިދު ރުޅިވެރިކަމާއެކު ވަޅިން ހަމަލާދިންކަން އެނގޭތީ، އޭނާ ކުރި އަމަލަކީ މީހެއްގެ ފުރާނަ ދިއުމުގެ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ގާޒީ ފާހަގަކުރެއްވިއެވެ.
ރެސްޓޯރެންޓް ތެރޭގައި ހިނގި ޒުވާބެއްގެ ތެރެއިން އާބިދު ވަނީ ވެއިޓަރުގެ ހަށިގަނޑުގެ ތިން ތަނަކަށް ވަޅިން ހަމަލާދީފައެވެ. އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ބުނި ގޮތުގައި މި ދެ މީހުންގެ މެދުގައި މީގެ ކުރިންވެސް ދެބަސްވުންތައް ހިނގާފައިވެއެވެ.
މި މައްސަލައިގައި ކުށް ސާބިތުވި އާބިދުގެ މައްޗަށް އަދަބު ކަނޑައެޅުން ކުރިއަށްދާނީ، މަރުވި ވެއިޓަރުގެ ވާރިސުންގެ ބަސް ހޯދުމަށް ފަހުއެވެ.