ENGLISH
18 ޖުލައި 2026
13 ރަށެއްގައި 2،100 ހައުސިން ޔުނިޓް އަޅަން ބީލަމަށް ހުޅުވާލައިފި
18 ޖުލައި 2026
|
ހއ. ހޯރަފުށި. ހައުސިން ޔުނިޓް ތަރައްޤީކުރާ 13 ރަށުގެ ލިސްޓުގައި ހޯރަފުށި ހިމެނޭ. ފޮޓޯ: ހޯރަފުށި ކައުންސިލް
އެންމެ މަޤްބޫލު
މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގައި ބޯހިޔާވަހިކަން ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް" ގެ ދަށުން، 13 ރަށެއްގައި 2،100 ހައުސިން ޔުނިޓް އިމާރާތް ކުރާނެ ފަރާތްތަކެއް ހޯދަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ.
ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ މި މަޝްރޫޢުގައި ބައިވެރިވެވޭނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށެވެ.
މި މަސައްކަތް ކުރިއަށްދާނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، "ބިލްޑް-އެންޑް-ސެލް" މޮޑެލްގެ ދަށުން އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) މެތަޑަށެވެ.
މި މަޝްރޫޢަށް ފައިސާ ހޯދުމާއި، ކުރެހުންތައް ކުރެހުމާއި، އިމާރާތްކުރުމުގެ ހުރިހާ ކަމެއް ކުރަންޖެހޭނީ ޑިވެލޮޕަރުން އަމިއްލައަށެވެ. ސަރުކާރުން މި މަޝްރޫއަށް ބިން ދޫކުރާނީ ހިލެއެވެ. ބިން ހަވާލުކުރާ ދުވަހުން ފެށިގެން 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލުކުރަން ޖެހޭނެއެވެ.
ހައުސިން ޔުނިޓްތައް އަޅާ ރަށްތަކާއި އަދަދުތައް:
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހުރިހާ އެޕާޓްމަންޓްތަކަކީ ވެސް މަދުވެގެން 900 އަކަފޫޓު ހުންނަ، 3 ކޮޓަރީގެ ތަންތަނެވެ. މީގެ އިތުރުން އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ ވިޔަފާރިތަކަށް ޚާއްޞަކުރަންޖެހޭއިރު، ވެހިކަލް ޕާކުކުރާނެ ޖާގަ ވެސް ހަދަންޖެހެއެވެ.
މި ސްކީމްގެ ދަށުން ކޮންމެ ޕެކޭޖެއްގެ މަދުވެގެން 60 އިންސައްތަ ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގެ ގޮތުގައެވެ. ސޯޝަލް ހައުސިން އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.5 މިލިއަން ރުފިޔާއެވެ. ބާކީ 40 އިންސައްތަ ޔުނިޓް މާކެޓް ރޭޓުގައި ވިއްކުމުގެ އިޚްތިޔާރު ޑިވެލޮޕަރުންނަށް ލިބެއެވެ. ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކުކުރާނެ ހިލޭ ޖާގައެއް ދޭންޖެހޭއިރު، ކާރު ޕާކިންގ ޖާގަ ވަކިން ވިއްކުމުގެ ފުރުސަތު ލިބޭނެއެވެ.
ޑިވެލޮޕަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ބޮޑެތި އިނާޔަތްތަކެއް ދީފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ވިއްކާ ސޯޝަލް ހައުސިން އަދި މާކެޓް ރޭޓް ޔުނިޓްތަކުން ވެސް ޖީއެސްޓީ ދައްކާކަށް ނުޖެހޭނެއެވެ. އަދި މަޝްރޫއަށް ބޭނުންވާ ސާމާނާއި މެޝިނަރީ އެތެރެކުރާއިރު އިމްޕޯޓް ޑިއުޓީ މާފުވާނެއެވެ. މީގެ އިތުރުން، މަސައްކަތުގެ 20 އިންސައްތަ ނިމުމުން، ވުޒާރާގެ ހުއްދައާއެކު ފައިނޭންސް ހޯދުމަށްޓަކައި ތަރައްގީކުރުމާއި ވިއްކުމުގެ ހައްގުތައް ރަހުނުކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރަންޖެހެއެވެ. އަދި ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލްތައް އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އޮންލައިންކޮށް ހުށަހަޅަންޖެހޭނެއެވެ.