ENGLISH

18 ޖުލައި 2026

Advertisement

އޭއައި ބޭނުންކޮށްގެން ވިޔަފާރި ތަރައްޤީކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ބިޒްނަސް ޗެމްބަރއިން ފަށައިފި

18 ޖުލައި 2026

|

ޢަލީ ޝަހީމް

މޯލްޑިވްސް ބިޒްނަސް ޗެމްބާއިން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން ވިޔަފާރިތައް ކުރިއެރުވުމާ ގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މޯލްޑިވްސް ބިޒްނަސް ޗޭމްބަރއިން ބާއްވައިފިއެވެ.

މިއީ ވިޔަފާރިތަކުގެ ހިންގުންތެރިކަން އިތުރަށް ހަރުދަނާކުރުމަށް އެ ޖަމިއްޔާއިން ފެށި ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ފުރަތަމަ ސެޝަނެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން މޯލްޑިވްސް ބިޒްނަސް ޗޭމްބަރގެ ރައީސް އަޙްމަދު އަމްޖަދު ޕަބްލިކް ސަރވިސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މާލެއާއި އަތޮޅުތަކުގެ އެކި ކުންފުނިތަކުން ތިރީހަކަށް ވުރެ ގިނަ މީހުން ބައިވެރިވި މި ސެޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އޭއައި ބޭނުންކޮށްގެން ވިޔަފާރިތައް ތަރައްޤީކުރުމާ ގުޅޭ ސެޝަންގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

އޭއައި އަދި އައިޓީ ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރަކު ކިޔަވައިދެއްވި މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ، މަދު މުވައްޒަފުން ބޭނުންކޮށްގެން ވިޔަފާރީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ ހުނަރު ދަސްކޮށްދިނުން ކަމަށް އަމްޖަދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވިޔަފާރީގެ ޚިދުމަތްތައް ރަނގަޅުކުރުމާއި، ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބައިނަލްއަޤުވާމީ މާކެޓަށް ވާސިލުވުމަށް އޭއައިގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. 

މި ތަމްރީނުގައި ބައިވެރިވި ފަރާތްތަކުން ވެސް ވަނީ މިފަދަ ޕްރޮގްރާމެއްގެ މުހިންމުކަން ފާހަގަކޮށް، އޭއައިގެ އެހީގައި ވިޔަފާރީގެ އިދާރީ ހިންގުމާއި އެހެނިހެން މަސައްކަތްތައް އަވަހަށް އަދި ފަސޭހައިން ކުރިއަށް ގެންދާނެ އުކުޅުތައް އެނގިގެންދިޔަކަން ފާހަގަކޮށްފައެވެ. 

މޯލްޑިވްސް ބިޒްނަސް ޗޭމްބަރަކީ ވިޔަފާރި އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި، ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން އިސްނަގައިގެން މިދިޔަ ޑިސެމްބަރު މަހު ރަޖިސްޓްރީ ކުރި ޖަމްޢިއްޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު