ENGLISH
18 ޖުލައި 2026
މިއީ މިދިޔަ އަހަރުތަކުގައި ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ: ރޮޑްރީ
18 ޖުލައި 2026
|
ފެނެޓިކްސް ފެސްޓުގެ ތެރެއިން ސްޕެއިންގެ ކެޕްޓަން ރޮޑްރީ --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލަށް ސްޕެއިންގެ ޤައުމީ ޓީމު ދަތުރުކުރުމަކީ އެ ޤައުމަށް އަދިވެސް އައު ތަޖުރިބާއެކެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި ވޯލްޑް ކަޕުގެ ފައިނަލަށް ދެވުނު ދެވަނަ ފަހަރެވެ. ޓީމުގެ ކެޕްޓަން ރޮޑްރީ ދެކޭގޮތުގައި މިއީ މިދިޔަ އަހަރުތަކުގައި ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.
2023 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގާއި، 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަކީ މިދިޔަ ހަފުތާތަކުގައި ޓީމުން ހޯދި ކާމިޔާބީގެ ބިންގަލެވެ. އަންނަ އާދީއްތަ ދުވަހު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު، މިއަށްވުރެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެއެވެ. އެހެންކަމުން، ބަލިވެދާނެތީ ބިރުގަތުމުގެ ބަދަލުގައި މޮޅުވުމުގެ ރޫހު އިސްކުރުމަށް ރޮޑްރީ ވަނީ އޭނާގެ ކުޅުންތެރިންނަށް ގޮވާލާފައެވެ.
"އަހަރެމެން އައީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށްދަމުން،" ފައިނަލް މެޗުގެ ކުރިން ބޭއްވި "ފެނެޓިކްސް ފެސްޓް" ގައި ބައިވެރިވި ރޮޑްރީ ބުންޏެވެ. "މިއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތެއް ކަމުން، އަހަރެމެން މިހާރުވެސް ކުރަމުންދާ ކަންކަން އެގޮތުގައި ކުރިއަށް ގެންދަންޖެހޭ."
މި މުބާރާތުގައި މިހާތަނަށް ކުޅުނު ހަތް މެޗުގައި ސްޕެއިން ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. މީގެ ތެރޭގައި ސެމީ ފައިނަލުގައި ފްރާންސް އަތުން 2-0 ގެ ނަތީޖާއަކުން ހޯދި މޮޅު ހިމެނެއެވެ. ކާބޯ ވާޑޭއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު އެއްވަރުވި ނަމަވެސް، އޭގެ ފަހުން ކުޅުނު މެޗުތަކުގައި ސްޕެއިން ވަނީ އިދިކޮޅު ޓީމުތައް ކޮޅަށް 13 ލަނޑު ޖަހާފައެވެ.
"މި މުބާރާތަށް އައިއިރު އަހަރެމެންގެ އަމާޒަކީ ތަށި ހޯދުން. އެކަން ކުރެވޭނެކަމުގެ ފުރިހަމަ އިތުބާރު އަހަރެމެންނަށް އޮތް،" ރޮޑްރީ ބުންޏެވެ. "ގަދަފަދަ ޓީމުތައް ބަލިކުރުމުގެ ގާބިލުކަން މި ޓީމުގައި ހުރިކަން އަހަރެމެން ވާނީ ސާބިތުކޮށްދީފައި."
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސްޕެއިންގެ ކެޕްޓަން ރޮޑްރީ --- ފޮޓޯ: އޭޕީ
ފައިނަލާ ހަމައަށް ވާސިލުވުމުގައި މިކޭލް މެރީނޯ ވަނީ ގަދަ 16 އަދި ކުއާޓާ ފައިނަލުގައި މުހިންމު ލަނޑުތަކެއް ޖަހައިދީފައެވެ. މީގެ އިތުރުން ޓީމުގެ ވަރުގަދަ ޑިފެންސާއި، ގޯލްކީޕަރު އުނާއި ސިމޯންގެ ހުށިޔާރު ސޭވްތައް ފާހަގަކޮށްލެވެއެވެ.
2024 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުވަތަ ބަލޮންޑޯ އެވޯޑު ހާސިލުކުރި ރޮޑްރީ ބުނިގޮތުގައި، ސްޕެއިނަކީ ހަމައެކަނި އެއްގޮތަކަށް ކުޅޭ ޓީމެއް ނޫނެވެ. ކޮންމެ ކަހަލަ ކުޅުމެއް ކުޅޭ ޓީމަކާ ދެކޮޅަށްވެސް ކުޅުމުގެ ގާބިލުކަން ޓީމުގައި އެބަހުއްޓެވެ.
"ހުރިހާ މެޗެއްގައި ސްޕެއިން ކުޅުނީ އެއްގޮތަކަށް ކަމަށް އަހަރެން ގަބޫލެއް ނުކުރަން،" އުމުރުން 30 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ. "އާދީއްތަ ދުވަހުގެ މެޗު ވަރަށް ތަފާތުވާނެ. އެއީ ވަރަށް ފިޒިކަލް ބޭނުންކުރަންޖެހޭ މެޗަކަށް ވާނެތީ އެކަމަށް އަހަރެމެން ތިބެންޖެހޭނީ ތައްޔާރަށް. މި ޓީމުގެ އެންމެ ބޮޑު ސިފައަކީ ވަގުތުގެ ބޭނުން ހިފައިގެން ތަފާތު ރޭވުންތަކަށް ކުޅުން ބަދަލުކުރަން އެނގުން. ޑިފެންސް ކުރުމާއި، ކައުންޓަރ އެޓޭކު ކުރުމާއި، އަދި އެޓޭކު ކުރުމަށްވެސް އަހަރެމެން ހޭނިފައި ތިބީ. އަހަރެމެންނަކީ ހުރިހާ ގޮތަކުން ފުރިހަމަ ޓީމެއް، އެހެންވެ އަހަރެމެން މިއަދު މި ހިސާބުގައި މިތިބީ."
ސްޕެއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރިތާ 16 އަހަރު ފަހުން، އެ ޓީމުން ދެއްކި އަޒުމަކީ މިއަދުގެ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ރޮޑްރީ ގަބޫލުކުރެއެވެ. ނަމަވެސް އޭނާގެ މުޅި ސަމާލުކަން ހުރީ ޓީމުގެ މިހާރުގެ ކުރިއެރުމަށެވެ.
"އަދިވެސް އަހަރެމެންނަށް މިއަށްވުރެ ރަނގަޅަށް ކުޅެވޭނެ،" ރޮޑްރީ ބުންޏެވެ. "ފްރާންސާ ދެކޮޅަށް ކުޅުނު މެޗަކީ ޓީމެއްގެ ގޮތުގައި މިހާތަނަށް ދެއްކި އެންމެ މޮޅު ކުޅުން ކަމަށް ބެލެވިދާނެ. އެކަމަކު އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު، ކުޅުމުގެ ފެންވަރު މިއަށްވުރެ މަތިކުރަންޖެހޭނެ. ސަބަބަކީ އެއީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާތީ. އެކަން ކުރެވޭނެކަމުގެ ފުރިހަމަ އިތުބާރު އަހަރެންގެ އެބައޮތް."