ENGLISH

21 އޭޕްރީލު 2025

Advertisement

2025: ރައީސްގެ ސިޔާސަތުތަކުން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ

03 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ޑިވެކޮޕްމަންޓް ބޭންކް ރައީސް ޑރ. މުޢިއްޒު އިފްތިތާހުކޮށްދެއްވަނީ: މިފެށޭ އާ އަހަރު ބޭންކުގެ ހަގީގީ މަންފާ ދިވެހިންނަށް ލިބެން ފަށާނެ

ވެރިކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ގޮންޖެހުންތަކެވެ. މަތިމައްޗަށް ގޮންޖެހުންތަކެވެ. އެންމެ ބޮޑު އަދި އުނދަގޫ ކަމަކަށް މެދުވެރިވީ ރާއްޖޭގެ އިގްތިޞާދީ ހާލަތު ވެއްޓިފައިވާ އަނދަވަޅުން ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތެވެ. އެގޮތުން ދައުލަތުގެ ދަރަނި ގައުމީ އުފެއްދުންތެރިކަމަށްވުރެ 124 އިންސައްތަ މައްޗަށް ގޮސްފައި އޮތްއިރު، ދައުލަތުން އާންމު ވިޔަފާރިތަކަށް ދައްކަންޖެހި ނުދައްކައި ހުރި ބިލުތައް 9 ބިލިއަން ރުފިޔާއަށް އަރަ އެވެ. ދައުލަތުގެ ޚަރަދުތައް އަހަރުން އަހަރަށް އިތުރުވަމުންދިޔައީ އެ ޚަރަދުތައް ފޫބެއްދުމަށް ބޭރުންނާއި އެތެރެއިން ފައިސާ ހޯދޭނެ މިންވަރަކަށް ނޫނެވެ. 

މި ގޮންޖެހުންތައް ހުރިއިރު ދައުލަތުން ބޭރު ފައިސާއިން ކުރަންޖެހޭ ހޭދަވެސް ވަރަށް ބޮޑުތަން އިތުރުވެފައިވެ އެވެ. ލޯނުތައް ދައްކަން ކުރާ ޚަރަދު އެތައް ގުނައެއް އޮތީ އިތުރުވެފަ އެވެ. މި އަހަރު އެކަނިވެސް 500 މިލިއަން ޑޮލަރު ލޯނު ދެއްކުމަށް ޚަރަދުވާނެ އެވެ. އަދި 2026 ގައި އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ އެވެ. 

މާލީ ގޮތުން ދަތިތައް ގިނަ ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުގެ އަމާޒު ހިފީ މި ގޮންޖެހުންތަކުން އަރައިގަނެ، ގައުމާއިގެން ކުރިއަށްދެވޭނެ މަގުތަކެއް ހޯދުމަށެވެ. މި ފެށުނު އައު އަހަރަކީ ރޭވިފައިވާ ގިނަ ކަންކަން ތަންފީޒު ވެގެންދާނެ އަހަރަކަށްވާނެއެވެ. 

މާލީ ނިޒާމު ދަނީ އާރޯވަމުން

ފައިސާ ޗާޕްކުރުން ހުއްޓަވައިލައްވައި، ބަނގުރޫޓުވާން ކައިރިވެފައިވާ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމަށް އާރޯކަން ލިބެން ފަށައިފިއެވެ. ރާއްޖޭގެ މާލީ ނިޒާމް އާ އަހަރަކަށް މަރުހަބާ ކިޔާއިރު ރާއްޖެ މިހާރު އޮތީ ބަނގުރޫޓުވާ ވާހަކަ ދެއްކޭ ވަރަށްވުރެ ކާމިޔާބު ހަރުފަތަކަށް ވާސިލް ވެވިފައި ކަން މާލީ ވަޒީރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ. އެއީ ރައީސް ޑރ. މުޢިއްޒުގެ އިސްލާހީ އެޖެންޑާގެ ދަށުން އެޅި މާލީ އިސްލާހީ މުހިއްމު ފިޔަވަޅުތަކުގެ ސަބަބުންކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. 

ޓެކްސް ނިޒާމަށް ގެންނެވި ބަދަލުތަކާއެކު ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކާއި ފަރުދުންގެ އަތުން ވިޔަފާރީގެ އާމްދަނީގެ ޓެކުހާއި ފަރުދުންގެ އާމްދަނީގެ ޓެކްސް ވެސް ބޭރު ފައިސާއިން ނަގަންވަނީ ފެށިފަ އެވެ. 

އޭގެ އިތުރަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ދިވެހި ބޭންކުތަކަށް ވެއްދުމާއި އެ އާމްދަނީގެ ތެރެއިން މިންވަރެއް ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް އެމްއެމްއޭއިން ވަނީ ގާނޫނުތަކަށް ބަދަލު ގެނެސްފަ އެވެ. މިއީ ބާރުގަދަ އެތައް ބަޔަކު ނުރުހޭނެ ބަދަލުތަކެއް ނަމަވެސް ދެމެހެއްޓެނެވި ގޮތެއްގައި ދައުލަތުގެ މާލިއްޔަތު ދަމަހައްޓައި އިގުތިސާދު ކުރިއަށްގެންދާނަމަ މިއީ ކުރަންޖެހިފައި ހުރި ކަންކަމެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މި ބާވަތުގެ ގަވާއިދުތައް ތަންފީޒުކުރަމުންދޭ ވެސްމެ އެވެ. 

މި ބަދަލުގެ ސަބަބުން ޑޮލަރުގެ ކަޅުބާޒާރު އުވި، ވިޔަފާރިތަކަށް ޑޮލަރު ލިބުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތައް ބޭންކުތައް މެދުވެރިކޮށް ހައްލުވެގެންދާނެއެވެ. އެހެންކަމުން ދިވެހިން އާ އަހަރަކާ ކުރިމަތިލާއިރު އޮތީ މާލީ ގޮތުން އުޖާލާ ދުވަސްތަކެކެވެ. އެ އުންމީދުތައް ރައީސް ޑރ. މުޢިއްޒު ތަކުރާރުކޮށް ވަނީ ދެއްވާފައެެވެ. 

އިޤްތިޞާދީ މިސްރާބު ހުރީ ކުރިއަށް 

ގައުމީ އުފެއްދުންތެރިކަމުގެ 25 ވަރަކަށް އިންސައްތަ ހިއްސާކުރަނީ ޓޫރިޒަމެވެ. މި ހުރިހާ ކަމެއް މިހެން އޮތުމާއެކު ޓޫރިޒަމަކީ ދުނިޔޭގެ މަސްރަހަށް އަންނަ ލޮޅުންތަކުން ވަރަށް ބޮޑަށް އަސަރުކުރާ ސިނާއަތެކެވެ. ކޮވިޑުގައި ބޯޑަރުތައް ބަންދުކޮށް ޓޫރިޒަމް ހުއްޓުމަކަށް ގެންނަންޖެހުމުން މިދެންނެވި ހަގީގަތް ވަރަށް ބޮޑަށް ފެނުނެވެ. 

މިއީ އިހުއްސުރެ މާލީ އިދާރާތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން އެކަމަކާމެދު އިންޒާރު ކުރަމުން އައި ކަމެކެވެ. ބޭރުގެ ލޮޅުންތަކުން އިގުތިސާދަށް އަސަރުކުރާ މިންވަރު ކުޑަކުރުމަށް ދިވެހި އިގުތިސާދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހެ އެވެ. އެކަން ކުރީ ސަރުކާރުތަކަށް ވެސް އެނގެ އެވެ. ކޮންމެވެސް މިންވަރަކަށް އެކަމަށް މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އާރުލާ ކަމެއް ފެށިފައެއް ނެތެވެ. 

ދިވެހިން އާ އަަހަރަކާ ކުރިމަތިލާއިރު އިގްތިސާދީ ގޮތުން ކާމިޔާބު ކަންތައްތަކެއް ލިސްޓްކޮށްލެވެން އެބަހުއްޓެވެ.  އެގޮތުން އުތުރުގައި ބަންކަރިން ހިދުމަތް ފައްޓަވައިފި އެވެ. މާލީ ޚިދުމަތްތައް ދޭނެ މަރުކަޒެއް ގާއިމުކުރައްވައިފި އެވެ. ތަރައްގީގެ މަޝްރޫއުތަކަށް ފަންޑުކުރުމަށް ޑިވެލޮޕްމެންޓު ބޭންކަށް ވުޖޫދަށް ގެންނަވައިފި އެވެ. މިއިން ކޮންމެ ކަމަކީ އިގުތިސާދުގެ ވިލުންތެރިކަން އިތުރުކުރާނެ ކަންކަމެވެ. މިއިން ކޮންމެ ކަމަކީ އެކަމުން އިގުތިސާދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ކަންކަމެވެ. 

ޗައިނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިވަނީ ޢަމަލުކުރަން ފަށާފައެވެ. އޭގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއަށް ޗައިނާއަށް ބޭރުކުރާ އެތައް ބާވަތުން ސީދާ ފައިދާ ދިވެހިންނަށް، ދިވެހި ގައުމަށް ލިބިގެންދާނެއެވެ. 

އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކުރެވި އެއަށް ޢަމަލުކުރަން ފެށުމުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެކަމުގެ ރަނގަޅު އަސަރުކުރަން ފަށާނެއެވެ. 

ސިއްހީ ދާއިރާ އާ އަހަރަށް ފުރިހަމައަށް ތައްޔާރު

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އެއް ދާއިރާއަކަށް އެންމެ ހީނަރުވެފައި އޮތް ދާއިރާއަކަށް ވާނީ ސިއްހީ ދާއިރާ އެވެ. ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލުކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކުރަންޖެހޭ ޚިދުމަަތްތައް ހުރީ ގާއިމުނުކުރެވި އެވެ. އައިޖީއެމްއެޗްއަށް އޮތް ޑިމާންޑާ އެއްވަރަށް އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ތަރައްގީނުކުރެވެ އެވެ. 

ފާއިތުވި އަހަރު ދުވަހު ކުރެވުނު މަސައްކަތުން ދަރުމަވަންތަ ހޮސްޕިޓަލުގައި އެތައް މަރާމާތެއް ނިންމައި ހޮސްޕިޓާ ރަސްމީކޮށް ހުޅުވިއްޖެ އެވެ. އައިޖީއެމްއެޗްގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ވަރަށް ހަލުއިކޮށް ފެށިގެން ގޮސް ގިނަ މަސައްކަތްތަކެއް ނިންމައިފިއެވެ.

ސިއްހީ ދާއިރާއަށް ޒަމާނުއްސުރެ އޮތް އެންމެ ބޮޑު ޝަކުވާއަކީ ކުއްލި ހާލަތުގައި ބަލިމީހުން އެއްރަށުން އަނެއް ރަށަށް އުފުލުގައި ހުރި ދަތިތަކެވެ. އެ މައްސަލަތައް ހައްލުކުރެއްވުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރެއްވި އެވެ. މިއާއެކު ބަލިމީހުން ފަރުވާ ލިބޭނެ ހިސާބަކަށް ގެންދިއުމުގައި އާއިލާތަކުން އުފުލަމުން އައި ތަކުލީފު ކުޑަކުރެވިއްޖެ އެވެ. 

މާލެ ސަރަހައްދުގެ އެނދު އިތުރުުމާއި މާލޭ ސަރަހައްދުން ލިބެން ހުރި ސިއްހީ ޚިދުމަތްތައް ސަރަހައްދުތަކުން ލިބޭނެ އިންތިޒާމު ހަަމަޖެއްސެވުމަކީ ވެސް ރައީސް ވަރަށް އިސްކަން ދެއްވާ ކަމެކެވެ. އަހަރުގެ ކުރިއަށް އޮތް ދުވަސްތަކަކީ އާ ހޮސްޕިޓަލްތަކާއި ޚިދުމަތްތައް ގާއިމު ކުރެވިގެންދާނެ ދުވަސްތަކެކެވެ. ދިވެހިންނަށް އޮތީ އުފާވެރިކަމެވެ. ރައީސް ވައުދުވެވަޑައިގެންފައިވާ ފަަދައިންނެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި ކޮންމެ ކަމެއްވެސް ކުރައްވާނީ ރައްޔިތުންގެ ފަޅީގައި ހުންނަވައި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައެވެ. ހީނަރުވެފައިވާ ސިއްހީ ނިޒާމު ކޮޅަށް ޖެއްސެވުމަށް މަސައްކަތް ކުރައްވަމުން އެގެންދަވަނީ ވެސް ސީދާ ދިވެހިންގެ ދުޅަހެޔޮ ކަމަށްޓަކައެވެ. 

ދިފާއީ މިނިވަންކަން ފުޅާކުރުމުގެ ސިޔާސަތު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އެކުވެރި އެހެނިހެން ދައުލަތްތަކުގެ މައްޗަށް ބަރޯސާވާން ޖެހުމަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް އޮންނަ ނުރައްކަލެއް ނުވަތަ ހިރާހެކެވެ. 90،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދު ބެެލެހެއްޓުމަށް އެކަށީގެންވާ ވަސީލަތްތައް ދިވެހި ގައުމީ ދިފާއީ ބާރުގައި ނެތްކަމީ ހުރިހާ ސަރުކާރުތަކަކުންމެ އެއްބަސްވާ ކަމެކެވެ. ނަމަވެސް އެކަމާމެދު އެކަށީގެންވާ މަސައްކަތެއް ފާއިތުވި 15 ވަރަކަށް އަހަރު ތެރޭ ކުރެވިފައި ނެތެވެ. 

ރައީސް މުއިއްޒުގެ ވެރިކަަމުގެ އެންމެ ކުރީ ކޮޅުގައި ތުރުކީން އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލްތައްވަނީ ހޯދާފަ އެވެ. ނަތީޖާއެއްގެ ގޮތުން ސިފައިންނަށް މިހާރު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ކުރިއަށްވުރެ އެތައް ގުނައެއް ފަސޭހަވާނެ އެވެ. 24 ގަޑިއިރު އެ މަސައްކަތް ކުރެވޭނެ އެވެ. 

އޭގެ އިތުރަށް ސިފައިންގެ ކޯސްޓުގާޑުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްވަނީ ފެށިފަ އެވެ. ކޯސްޓު ގާޑާއި އެއާ ކޯގެ ވަސީލަތްތައް ފުޅާކުރައްވައި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭނެ އިންތިޒާމުތައް ގާއިމުކުރެއްވުމުގެ ބޮޑު މަސައްކަތް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ. 

ލެޖިސްލޭޓިވް އިސްލާހުތައް

ލެޖިސްލޭޓިވް އިސްލާހަކީ ރައީސް ޑރ. މުޢިއްޒު އިންތިހާއަށް އިސްކަން ދެއްވި ދާއިރާއެކެވެ. ޤާނޫނު އަސާސީއަށް ބަދަލުތައް ގެންނަވައި ރައްޔިތުން އިތުރަށް ބާރުވެރިކުރުވައިފިއެވެ. އިގްތިޞާދީ އަދި އިޖުތިމާޢީ އެތައް ކަމެއް އިސްލާހު ކުރުމަށްޓަކައި ގިނަ ޤާނޫނުތަކަކަށް އިސްލާހުތައް ގެންނަވައިފިއެވެ. އެގޮތުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ގޭންގް ކުށްތައް މަނާކުރުމާ ބެހޭ ގާނޫނާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތައް ހުއްޓުވާ ބެހޭ ގާނޫނާއި ވޭޕް ބޭނުން ކުރުމާއި ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކުރުން ފަދަ ދާއިރާތައް ހިމެނެއެވެ. 

ބަޖެޓުން އާ އަހަރަށް އުންމީދު

އާ އަހަރެއް ފެށުނީ އުންމީދީ ބަޖެޓަކާ އެކީގައެވެ. މި ބަޖެޓަކީ ރައީސް މުއިއްޒުގެ ސަރުކާރުން އެކުލަވައިލާ ފުރަތަމަ ބަޖެޓެވެ. އެ ބަޖެޓުގައި ހިމެނޭ ކަންކަމާއެކު ދެމެހެެއްޓެނެވި މިންގަނޑަކަށް ދައުލަތުގެ މާލީ ކަންކަން އިއާދަކުރެވި ތަރައްގީގެ މަސައްކަތްތަކުގެ ދުވެލި ހަލުއިކުރެވި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ރާއްޖެ އެހެން ހަރުފަތްތަކަކަށް ވާސިލުވުމުގެ އުންމީދު ބޮޑެވެ. 

ރައީސް އިއުލާނުކުރައްވާފައިވާ އިގުތިސާދީ އެޖެންޑާ ކާމިޔާބުވެގެންދާއިރު ގެދޮރުވެރިކަމުގެ ދަތިކަމާއި މަސްތުވާތަކެތީގެ މައްސަލައާއި އެނޫންވެސް ގިނަގުނަ އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެ ކަމުގައި އެމަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ. 

2025 ވަނަ އަހަރަކީ ރައީސް މުޢިއްޒުގެ ޒައާމަތުގައި ދިވެހިންނަށާއި ދިވެހި ގައުމަށް މާނަފުން ކުރިއެެރުންތަކެއް ލިބިގެންދާނެ އަހަަރަކަށް ވެެގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު