ENGLISH

18 ޖުލައި 2026

Advertisement

ޑެލް ބޮސްކޭގެ އިންޒާރެއް: "ފައިނަލުގެ ކުރިން އާޖެންޓީނާއާ މެދު ފަރުވާކުޑަ ނުކުރޭ"

18 ޖުލައި 2026

|

އިސްމާއިލް ޝާހު

2016 ގެ ޔޫރޯގެ ތެރެއިން ސްޕެއިންގެ ކުރީގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުގެ ކުރިން އާޖެންޓީނާއާ މެދު ފަރުވާކުޑަ ނުކުރުމަށް ސްޕެއިންގެ ކުރީގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ޤައުމީ ޓީމަށް އިންޒާރުދީފިއެވެ. އޭނާ ވަނީ އާޖެންޓީނާއަކީ "ބޮޑު އުނދަގުލަކަށް" ވެދާނެ ބައެއްގެ ގޮތުގައި ސިފަކޮށް، ސްޕެއިނުން ނުހަނު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ޑެލް ބޮސްކޭ އަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގެ ފައިނަލްގައި ނެދަލެންޑްސް 1-0 ގެ ނަތީޖާއަކުން ބަލިކޮށް، ސްޕެއިނަށް ފުރަތަމަ ފަހަރަށް ތަށި ހޯދައިދިން ކޯޗެވެ.

ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑެލް ބޮސްކޭ ބުނީ، "އާޖެންޓީނާއަކީ އެ މީހުންނާ ދެކޮޅަށް ކުޅެން އުނދަގޫ ޓީމެއް. އަޅުގަނޑު މި ބޭނުންކުރާ ބަހުން ބުނާނަމަ، އެއީ ހަމަ އަސްލުވެސް ބޮޑު އުނދަގުލެއް. އަދި އެ މީހުން ކުރަންވީ ކަންތައް ވަރަށް ރަނގަޅަށް އެނގޭ،" ކަމަށެވެ.

އާޖެންޓީނާގެ ފެންވަރު ހުރިކަމުގެ ހެއްކެއްގެ ގޮތުން ޑެލް ބޮސްކޭ ފާހަގަކުރީ، އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި އެ މީހުން ހޯދި މޮޅެވެ.

"ފައިނަލްގައި ބޮޑަށް ބުރެވެވެނީ ސްޕެއިން ކޮޅަށް. އެކަމަކު އާޖެންޓީނާގެ ތަޖުރިބާއަށާއި، އެމީހުންނާ ދެކޮޅަށް ކުޅެން ހުރި އުނދަގޫތަކަށް ބަލައި ސްޕެއިނުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ،" އޭނާ ބުންޏެވެ.

މީގެ އިތުރުން، އުމުރުން 75 އަހަރުގެ ޑެލް ބޮސްކޭ ވަނީ މި މުބާރާތުގައި ސްޕެއިން ދައްކަމުންދާ ކުޅުމަށް ތާރީފުކޮށް، އެ ޤައުމުން ތަށި އުފުލާލާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، "އަޅުގަނޑުމެން ބެލި މެޗުތަކުގައި ފެނުނީ ޤައުމީ ޓީމުން ބޭނުންވި ގޮތަށް މެޗުގެ ކޮންޓްރޯލް ހިފަހައްޓައިގެން ކުޅުނުތަން. އެ މީހުން މުޅި މަސްރަހު ކޮންޓްރޯލްކޮށް، ފުރިހަމަ އިތުބާރާއި ޔަގީންކަމާއެކު ކުޅެފައިވޭ،" ކަމަށެވެ.

ސްޕެއިނާއި އާޖެންޓީނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗު އޮންނާނީ އާދީއްތަ ދުވަހުގެރޭ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައެވެ.

ކިޔުންތެރިންގެ ހިޔާލު