ENGLISH

18 ޖުލައި 2026

Advertisement

ފްރައިބާގް ދޫކޮށް މަންޒަމްބީ އެސްޓަން ވިލާއަށް

18 ޖުލައި 2026

|

އިސްމާއިލް ޝާހު

އެސްޓަން ވިލާއަށް ސޮއި ކުރުމަށްފަހު މަންޒަމްބީ، އެ ޓީމުގެ ކޯޗު އުނާއި އެމެރީ އާއެކު --

ޖަރުމަންގެ ފްރައިބާގަށް ކުޅެމުން އައި ސްވިޒަލެންޑުގެ މިޑްފީލްޑަރު ޔޯހަން މަންޒަމްބީ، އިނގިރޭސި ޕްރިމިއަރ ލީގުގެ އެސްޓަން ވިލާއަށް ސޮއިކޮށްފިއެވެ. މަންޒަމްބީ އެސްޓަން ވިލާއާ ގުޅުނީ މި ފަހަރުގެ ފީފާ ވޯލްޑް ކަޕުގައި ސްވިޒަލެންޑް ޓީމުގައި މޮޅު ކުޅުމެއް ދައްކައި، އެ ޤައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށްފަހުއެވެ.

ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ސްވިޒަލެންޑް ދަތުރުކުރިއިރު، މަންޒަމްބީ ވަނީ އެ ޓީމަށް ތިން ލަނޑު ޖަހައިދީ، އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. މިއީ 1954 ވަނަ އަހަރަށްފަހު ސްވިޒަލެންޑުން ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ މުބާރާތުން އެ ޤައުމު ވަކިވާން ޖެހުނީ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.

މަންޒަމްބީ ފްރައިބާގުގެ ޔޫތު އެކެޑަމީއާ 2023 ވަނަ އަހަރު ގުޅުނުއިރު، އޭގެ އެއް އަހަރު ފަހުން އޭނާ ވަނީ އެ ކުލަބުގެ ސީނިއަރ ޓީމުން ޖާގަ ހޯދާފައެވެ. ޖަރުމަން ލީގުގައި ކުޅޭ ފްރައިބާގަށް އޭނާ ވަނީ ޖުމްލަ 58 މެޗު ކުޅެދީ، ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ.

ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލަށް ފްރައިބާގް ދަތުރުކުރިއިރު، އެ ޓީމުގައި މަންޒަމްބީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ މުބާރާތުގެ ފައިނަލުގައި އިސްތަންބޫލްގައި އެސްޓަން ވިލާއާ ދެކޮޅަށް ފްރައިބާގުން ކުޅުނުއިރު، އޭނާ ބޭނުންކުރީ 44 ނަންބަރު ޖާޒީއެވެ. އެސްޓަން ވިލާގައިވެސް އޭނާ ބޭނުންކުރާނީ ހަމަ އެ ނަންބަރު ކަމަށް އެ ކުލަބުގެ ބަޔާނުގައިވެއެވެ.

އެސްޓަން ވިލާގެ އައު ސީޒަން ފަށާނީ އަންނަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

ކިޔުންތެރިންގެ ހިޔާލު