ENGLISH
18 ޖުލައި 2026
ތިންވަނަ ހޮވާ މެޗު ކުޅެން ބޭނުންނުވި ނަމަވެސް، ލޯ މެޑެލް ހޯދައިދިނުމަކީ ޒިންމާއެއް: ޑެޝޯމްޕްސް
18 ޖުލައި 2026
|
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ތިންވަނަ ހޮވާ މެޗު ކުޅެން ޖެހުމުން އެކަމާ ހިތްހަމަނުޖެހިފައި ތިބި ނަމަވެސް، ޤައުމަށް ލޯ މެޑެލް ހޯދައިދިނުމަކީ ޓީމުގެ ޒިންމާއެއް ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޝޯމްޕްސް މިހެން ބުނެފައިވަނީ މުބާރާތުގެ ސެމީ ފައިނަލުން ސްޕެއިން އަތުން ބަލިވެ، ފައިނަލުގެ ފުރުސަތު ގެއްލުމާ ގުޅިގެންނެވެ. ތިންވަނަ ހޮވާ މެޗުގައި ފްރާންސް ނުކުންނާނީ، ސެމީ ފައިނަލުގައި ޗެމްޕިއަން އާޖެންޓީނާ އަތުން ބަލިވި އިންގްލެންޑާ ދެކޮޅަށެވެ.
2018 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަނުން އަދި އޭގެ ހަތަރު އަހަރު ފަހުން ފައިނަލްގައި ކުޅުނު ފްރާންސް ޓީމަކީ މި ފަހަރުގެ މުބާރާތުގެ ތަށި ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ޓީމެވެ. އެ ޓީމުގެ އުންމީދަކީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ފައިނަލަށް ދިޔުމެވެ. ނަމަވެސް ޔޫރަޕުގެ ޗެމްޕިއަން ސްޕެއިން އަތުން ބަލިވުމުން އެ އުއްމީދު ވަނީ ނިމުމަކަށް އައިސްފައެވެ. މިއީ ޔޫރޯ 2024 އާއި ނޭޝަންސް ލީގަށް ފަހު، ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުން ސްޕެއިން އަތުން ފްރާންސް ބަލިވި ތިންވަނަ ފަހަރެވެ. ހޮނިހިރު ދުވަހުގެ މެޗަކީ އުމުރުން 57 އަހަރުގެ ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް ކުޅޭނެ ފަހު މެޗެވެ. އޭނާ ވަނީ މި މުބާރާތަށް ފަހު އެއްބަސްވުން ހަމަވުމުން މަގާމުން ވަކިވާނެކަން މިދިޔަ އަހަރު އިއުލާންކޮށްފައެވެ.
"މި މެޗާ މެދު އަހަރެންގެ ޒިންމާއެއް އެބައޮތް،" މަޔާމީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝޯމްޕްސް ބުންޏެވެ. "މިއީ ރަހުމަތްތެރިކަމުގެ މެޗެއް ނޫން. މިއީ ތިންވަނަ ހޮވާ މެޗު. ކުޅުންތެރިންނާއި، އޮފިޝަލުން އަދި އަހަރެންގެވެސް ޒިންމާއެއް އެބައޮތް މި ފަހު ލަނޑުދަނޑިއަށް ވާސިލުވުމަށް. މިއީ ފައިނަލަށް ވުރެ މުހިންމުކަން ކުޑަ މެޗެއް. އިންގްލެންޑުންވެސް އަދި އަހަރެމެންވެސް މި މެޗު ކުޅޭކަށް ބޭނުމެއް ނުވޭ. އެކަމަކު މިހާރު މިވަނީ މި މެޗު ކުޅެން ޖެހިފައި."
އޭނާ އިތުރަށް ބުނީ ފްރާންސްގެ ޤައުމީ ޖާޒީ ލައިގެން ހުންނައިރު ތިންވަނަ ހޯދުމަކީ އަދާކުރަންޖެހޭ ވާޖިބެއް ކަމަށެވެ. "މިއީ އަހަރެންގެ ފަހު މެޗުކަން އަހަރެންގެ ހިތަށް އެނގޭ. އެކަމަކު އެއްވެސް މީހަކު ރޯކަށް އަހަރެން ބޭނުމެއް ނޫން. ނިމުން މިއޮތީ ގާތްވެފައި، އެކަމަކު ދިރިއުޅުން ކުރިއަށްދާނެ،" ޑެޝޯމްޕްސް ބުންޏެވެ.
ސެމީ ފައިނަލުން ބަލިވުމުގެ ހިތާމަ ކުޅުންތެރިންނާއި ކޯޗު އަދިވެސް ކުރަމުންދާއިރު، ބައެއް ކުޅުންތެރިންނަށް އަނިޔާވެފައިވުމުން ޓީމުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެންނާނެ ކަމަށް ޑެޝޯމްޕްސް ބުންޏެވެ. ނަމަވެސް ޓީމުގެ ކެޕްޓަން އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ ފުރަތަމަ އެގާރައިގައި ހިމެނޭނެކަން އޭނާ ކަށަވަރެއް ނުކޮށްދެއެވެ. "އޭނާ ހުރީ ކުޅެވޭ ފަދަ ހާލަތެއްގައި، އަހަންނަށް ބުނެވެން އޮތީ އެވަރަށް،" އޭނާ ބުންޏެވެ. އެމްބާޕޭ ވަނީ މި މުބާރާތުގައި މިހާތަނަށް އަށް ލަނޑު ޖަހައި، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާ އެއްވަރަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައެވެ.
ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ބުނީ، ސެމީ ފައިނަލުން ބަލިވުމަކީ ހަޖަމުކުރަން އުނދަގޫ ކަމެއް ނަމަވެސް، ކޯޗު ވަކިވެގެންދާއިރު އޭނާއަށް ކާމިޔާބީއެއް ހޯދައިދޭން ކުޅުންތެރިން ތިބީ ކެތްމަދުވެފައި ކަމަށެވެ.
"އަހަރެމެންގެ ތެރެއިން އެކަކުވެސް ތިންވަނަ ހޮވާ މެޗު ކުޅޭކަށް ބޭނުމެއް ނުވޭ، އެކަމަކު އެ ނޫން ގޮތެއް މިހާރު ނެތް،" ކޮނާޓޭ ބުންޏެވެ. "އަހަރެމެން ބޭނުންވަނީ ކޯޗަށް ހަދިޔާއެއް ދޭން. އޭނާ ފްރާންސް ޓީމަށް ކޮށްދިން ގިނަގުނަ ޚިދުމަތްތަކަށްޓަކައި އަހަރެމެން ޝުކުރުވެރިވާންޖެހޭ. އެހެންކަމުން މި މެޗު ކާމިޔާބުކޮށް، މި 'ޗޮކުލެޓް މެޑެލް' ނުވަތަ ލޯ މެޑަލް ހޯދުމަށް އަހަރެމެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން."
ފްރާންސާއި އިންގްލެންޑް ބައްދަލުކުރާ ވޯލްޑް ކަޕުގެ ތިންވަނަ ހޮވާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 2 ޖަހާއިރެވެ.