ENGLISH

18 ޖުލައި 2026

Advertisement

ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަސްދުވަހުގެ މުއްދަތެއް

18 ޖުލައި 2026

|

އައިމިނަތު ޝަފާ

އޮފީސްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެލާނާގެ ބޭރުގައި. ފޮޓޯ: މިހާރު

ކުރިއަށް އޮތް ތިން މަސް ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

ސަރުކާރު ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 އިންސައްތަ ކުޑަކުރަން ޕީސީބީން މިދިޔަ އޭޕްރީލް މަހު ނެރުނު ސާކިއުލާއާ ހަވާލާދީ އާދިއްތަ ދުވަހު ނެރެނު ސާކިއުލާގައި ވަނީ އެ ލަނޑުދަނޑި ހާސިލުކުރަން މުއްދަތެއް ކަނޑައަޅައިފައެވެ. 

އެގޮތުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ނިޔަލަށް މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ވަނީ އަންގަައިފައެވެ. 

އޭޕްރީލުމަހު ޕީސީބީން ނެރުނު ސާކިއުލާގައި ވަނީ މުވައްޒަފުންގެ އަދަދު މަދުކޮށް، ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކުންފުނީގެ މުވައްޒަފުންގެ ޖުމްލަ އަދަދު 33 އިންސައްތަ ދަށްކުރުމަށް އަންގާފައެވެ. 

އަދި ކުންފުނިތަކުގެ އެޗްއާރް ސިޔާސަތުތައް ހަރުދަނާކޮށް، ވަޒީފާ ދިނުމުގެ ސިޔާސަތުތައް އެކުލަވާލާފައިވަނީ މެރިޓް ބޭސިސް ނުވަތަ ތައުލީމާއި ތަޖުރިބާއަށް އިސްކަންދީގެން އެންމެ އެކަށީގެންވާ މީހުން ހޮވޭނެ ގޮތަށްކަން ކަށަވަރުކުރުމަށާއި، ކުންފުނީގެ ވަޒީފާ ދިނުމުގައި އަމަލުކުރަނީ އެގޮތަށްކަން ކަށަވަރުކުރުމަށް ރެކްރޫޓުމެންޓާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަށްވެސް ކުންފުނިތަކަށް ޕީސީބީން އަންގާފައިވެއެވެ. 

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރާނެ ކަމަށް ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހުއެވެ. އެ ނިންމެވުމާ އެއްގޮތަށް ސަރުކާރުގެ ސައިޒު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ކުޑަކުރުމަށް ނިންމި ނިންމުން ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު