ENGLISH

18 ޖުލައި 2026

Advertisement

ފްރާންސާ ދެކޮޅަށް ނުކުންނާނީ ވޯލްޑް ކަޕުގެ ނާކާމިޔާބީގެ ހިތްދަތި އަސަރުތަކާއެކު: ޓުޗެލް

18 ޖުލައި 2026

|

ސުވެއިދާ ހުސެއިން

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް --- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ތިންވަނަ ހޮވާ މެޗުގައި ފްރާންސާ ދެކޮޅަށް ނުކުންނާނީ ލިބުނު ނާކާމިޔާބީގެ ހިތްދަތި އަސަރުތަކާއެކުގައި ކަމަށް އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ބުދަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލުގައި އެންތަނީ ގޯޑަން ކާމިޔާބުކޮށްދިން ލަނޑާއެކު، 1966 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ފައިނަލަށް ދިޔުމުގެ އުއްމީދު އިންގްލެންޑަށް އާވި ނަމަވެސް، މެޗުގެ ފަހުކޮޅު އެންޒޯ ފެނާންޑޭޒް އާއި ލައުޓާރޯ މާޓީނޭޒް ޖެހި ލަނޑުތަކާއެކު މެޗުގެ ނަތީޖާ އާޖެންޓީނާ ކޮޅަށް އެނބުރުނެވެ. އެ މެޗު ނިމުނީ 2-1 ގެ ނަތީޖާއަކުންނެވެ.

އަދި ޔޫރަޕުގެ ޗެމްޕިއަން ސްޕެއިން އަތުން 2-0 ގެ ނަތީޖާއަކުން ފްރާންސް ބަލިވުމާ ގުޅިގެން، ތިންވަނަ ހޮވާ މެޗުގައި މިރޭ އެމެރިކާގެ މަޔާމީގައި އިންގްލެންޑް ބައްދަލުކުރަން ޖެހޭނީ ފްރާންސާއެވެ.

އިނގިރޭސީން ސެމީ ފައިނަލްގައި ލީޑުގައި އޮވެ، ފަހު ވަގުތު އާޖެންޓީނާ އަތުން ބަލިވުމާ ގުޅިގެން، ކޯޗު ޓުޗެލް ބޭނުންކުރި އުކުޅުތަކާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އޭނާއަށް ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން ޓުޗެލް ބުނީ މެޗުގައި ނިންމި ނިންމުންތަކަކީ ތަޖުރިބާ އާއި، އިހުސާސްތަކާއި އަދި މޮޅުވުމުގެ ރޫހަށް އިތުބާރުކޮށް، ޓީމަށް ކާމިޔާބީ ހޯދައިދިނުމުގެ މަގުސަދުގައި ނިންމި ނިންމުންތަކެއް ކަމަށެވެ. 

އޭނާ ބުނީ ބޭނުންވި ނަތީޖާ ނުލިބުމުން އެ ނިންމުންތަކުގެ ޒިންމާ ފުރިހަމައަށް އުފުލާ ކަމަށާއި، ނަމަވެސް އެއީ މެޗުގެ ތެރޭގައި އޮންނަ ފިއްތުންތަކުގެ ތެރެއިން ނިންމަންޖެހޭ ނިންމުންތަކެއް ކަމަށެވެ. ޓުޗެލް ބުނީ މި ބަލީގެ ހިތްދަތިކަން އެންމެ ބޮޑަށް އިހުސާސްކުރަން ޖެހޭނީ އޭނާ އާއި ކުޅުންތެރިންނަށް ކަމަށެވެ.

"މިއީ އަހަރެމެން ތަހައްމަލު ކުރަންޖެހޭނެ ކަމެއް. މިއީ އަހަރެމެންގެ ހިތުގައި އަޅާނެ ވޭނެއް. ފާޑުކިޔާ މީހުންނާއި ތަޖުރިބާކާރުންނަށްވުރެ ބޮޑަށް، މިކަމުގެ އަސަރު ކުރާނީ ސީދާ އަހަރެމެންނަށް،" އޭނާ ބުންޏެވެ.

ޕީއެސްޖީ، ޗެލްސީ އަދި ބަޔާން މިއުނިކުގެ ކުރީގެ ކޯޗު ޓުޗެލް ފާހަގަކުރި ގޮތުގައި، ދުނިޔޭގެ ރޭންކިންގެ ހަތަރުވަނައިގައި އޮތް އިންގްލެންޑުން އާޖެންޓީނާ، ސްޕެއިން އަދި ފްރާންސް ފަދަ ގަދަ ބާރުތަކުގެ ފެންވަރަށް ދިއުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.

ޓުޗެލް ބުނި ގޮތުގައި އެ ގައުމުތަކާއި އިންގްލެންޑާ ދެމެދު ފަރަގެއް އުޅެނީ އެ ގައުމުތަކުން ހޯދާފައިވާ ކާމިޔާބީތަކާއި، ގިނަ އަހަރުތަކެއް ވަންދެން ބިނާކޮށްފައިވާ ވަރުގަދަ ނިޒާމުގެ ސަބަބުންނެވެ. އަދި އެ ޤައުމުތަކުން މުބާރާތެއްގެ ފައިނަލަށް ދިއުމަށް ކުރާ އުއްމީދުތައްވެސް ތަފާތުކަން އޭނާ ފާހަގަކުރިއެވެ.

ނަމަވެސް މި ނާކާމިޔާބީން އިބުރަތް ހާސިލުކޮށް، ވަރުގަދަ ރައްދެއް ދޭނެ ކަމަށް ޓުޗެލް ވަނީ ވައުދުވެފައެވެ.

"އަހަރެމެން މިކަމުން އަރައިގަންނާނަން. މިއީ ކުރިއަށް ދިއުމަށް ލިބުނު ފިލާވަޅެއްގެ ގޮތުގައި ބަލައި، މިރޭގެ މެޗުން ފެށިގެން އާ ހިތްވަރަކާއެކު ނުކުންނާނަން،" އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު