ENGLISH
18 ޖުލައި 2026
"އޭޓީއެމްތައް ބެހެއްޓުމަކީ ބޭކާރު އިންވެސްޓުމެންޓެއް ނޫން، އެއީ ބޭންކުގެ ޒިންމާއެއް"
18 ޖުލައި 2026
|
ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްތައް ބެހެއްޓުމަކީ ބޭކާރު އިންވެސްޓުމެންޓެއް ނޫންކަމަށާއި އެއީ ބޭންކުގެ ޒިންމާގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއްކަމަށް ގައުމީ ބޭންކް ---- ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޔޫތު އޮންޓްރަޕްރަނާސް އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވަނީ ބޭންކާ ގުޅޭގޮތުން އެކި މަންސަތަކުގައި ފެތުރެމުންދާ ހަގީގަތާ ހިލާފް ވާހަކަތަކަށް ރައްދު ދެއްވައި ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވާފައެވެ.
ޝަރީފް ވިދާޅުވީ އަތޮޅުތެރޭގައި އޭޓީއެމްތައް ބެހެއްޓީ ރައްޔިތުން އެކަމަށް އެދެމުންދިއުމާ ގުޅިގެންކަމަށެވެ. މާލޭގައިި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ލިބޭ ހިދުމަތްތައް އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް ލުއިފަސޭހަކަމާއެކު ލިބެންޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެކޭގޮތުގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މާލެއެކޭ އެއްފަދައިން ބޭންކިން ހިދުމަތް ލިބެންޖެހޭނެ، އެއީ ބޭކާރު އިންވެސްޓްމަންޓެއް ނޫން، އެއީ އަޅުގަނޑުމެންގެ ޒިންމާއެއް،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް ގައި ޑޮލަރު ނެތްކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތަކަށް ވެސް ޝަރީފް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އެފަދަ ދޮގު ވާހަކަ ފަތުރާނަމަ، ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ މަގުސަކީ ހުރިހާ ދިވެހިންނަށް މާލީ ނިޒާމަށް ވާސިލުވެވޭނެ މަގުފަހިކޮށްދެއްވުމެވެ. މާލީ މުއާމަލާތްތައް ހިންގުމުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އުފުލަމުން އައި ބުރަތަކާއި ކުރިމަތިލަމުންދިޔަ އުދަގޫތަކުން ސަލާމަތްކުރެއްވުމެވެ.
ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ދައުރުން ދެ އަހަރު ފާއިތުވީއިރު އެމަނިކުފާނުގެ އެ ވައުދުފުޅުވަނީ ފުއްދަވާފައެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމުގެ ބޮޑު މަޝްރޫއު ކާމިޔާބުކަމާއެކު އެ ބޭންކުންވަނީ ތަންފީޒުކޮށް ނިންމާފައެވެ.
ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން 187 ރަށުގައި ޖުމްލަަ 340 އޭޓީއެމް ގާއިމުކުރެވުނެވެ. ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެފައިވާ ގޮތުގައި 2025 ވަނަ އަހަރު އޭގެ ކުރީގެ 24 އަހަރު ތެރޭ ބެހެއްޓި އޭޓީއެމްތަކުގެ އަދަދަށްވުރެ ގިނައެވެ.
ތާރީހަށް ބަލާއިރު 2024 ވަނަަ އަހަރުގެ ނޮވެންބަަރު މަހު ރާއްޖޭގެ ހުރިހާ ރަށެއްގަައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ބީއެމްއެލްއިން އަމަލީ ގޮތެއްގައި ފެށުމާ ހަމައަށް މާލެ ސިޓީ ހިމެނޭހެން ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ލިބެމުންދިޔައީ އެންމެ 81 ރަށަކުންނެވެ. ބީއެމްއެލްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ބޭންކުންވަނީ ނުވަ މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމް ބަހައްޓާފައެވެ.