ENGLISH
18 ޖުލައި 2026
ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ ދެނެގަންނާނެ ނިޒާމެއް ގާއިމުކުރަނީ
18 ޖުލައި 2026
|
ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުގެ އެމްޑީ ޑރ. ޝާހު މާހިރު.
އެންމެ މަޤްބޫލު
ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ ދެނެގަންނާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ފަށައިފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ބޭސް ލިބުމުގައި ހުރި މައްސަލަ ހައްލުކުރެވޭނީ، ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގިގެން ކަމަށެވެ. މި މަސައްކަތަށް ބޭނުންވާ އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި، އީ-ލޮޖިސްޓިކްސް ސިސްޓަމެއް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށާއި މީގެ ސަބަބުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ. މި ސިސްޓަމާއެކު ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދު ކުރިއާލާ ދެނެގަނެވޭނެއެވެ.
"ކުދި އާބާދީގައި ހާއްސަކޮށް ކުދިކުދި ރަށްރަށުގައި މިސާލަކަށް ދަންނަވަންޏާ ހަކުރުބަލީގެ ކިތަށް މީހުންތޯ އެ ރަށުގައި ދިރިއުޅެނީ. އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އަޅުގަނޑުމެންނަށް ސްޓޮކް ކުރެވޭނެ އެރަށުގައި. އެނބަ އިނގޭ އެ ބޭސްތައް ބޭނުން ކުރާނެކަން. އެހެންވީމަ އެ ލެވެލްއަށް އަޅުގަނޑުމެންގެ މަސައްކަތް ދެނެގަތުމަށްޓަކައި އަޅުގަނޑު މިދެންނެވި އިލެކްޓްރޯނިކް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. ކުރީމަ އަޅުގަނޑުމެންނަށް ނަންބާސްތައް ދިމާކޮށް، އެތަންތަނަށް ބޭނުންވާ ބޭސް ސްޓޯ ކުރެވޭނެ." ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ މިހާރު ގާއިމުކުރާ ނިޒާމުގެ ތެރެއިން އާންމުންނަށް ހާއްސަ ޕޯޓަލެއް ގާއިމުކޮށް، ކޮންމެ ރައްޔިތަކަށްވެސް ރާއްޖޭގައި ހުރި ބޭހާއި އެ ބޭސް ލިބެން ހުރި ތަންތަން ފަސޭހަކަމާއެކު ވަގުތުން ބަލައިލެވޭނެ ކަމަށެވެ.މި ނިޒާމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެކަން ޝާހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. އަދި މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް މި ކުންފުނީގެ މަސައްކަތެކެވެ.
އެސްޓީއޯގެ ދަށުން ހިންގަމުންދިޔަ ހުރިހާ ބޭސްފިހާރަތަކެއް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށް މިހާރު ހިދުމަތްދެމުން އަންނައިރު ންފުނީގެ މަގުސަދަކީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާއެކުލިބޭނެ މަގު ތަނަވަސްކޮށްދީ، މި ހިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމެވެ.