ENGLISH
19 ޖުލައި 2026
ސްޕެއިނާއި އާޖެންޓީނާގެ ކުރިމަތިލުން: ތާރީޚީ އަދި ޚާއްސަ ފައިނަލެއް!
19 ޖުލައި 2026
|
އެންމެ މަޤްބޫލު
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގައި ކުޅުމަށް ހަމަޖެހިފައިވާ 104 މެޗުގެ ތެރެއިން މިހާރު ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ މުބާރާތުގެ ޝަރަފުވެރި ފައިނަލް މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނެވެ.
މިއީ ދެކުނު އެމެރިކާ އާއި ޔޫރަޕުގެ ކުރިމަތިލުމެކެވެ. މިއީ ވޯލްޑް ކަޕުގެ ތާރީޚުގައި ކުރީގެ ދެ ޗެމްޕިއަނުން ފައިނަލެއްގައި ބައްދަލުކުރާ 10 ވަނަ ފަހަރެވެ. އާޖެންޓީނާއިން ހަތަރުވަނަ ތަށި ހޯދުމަށް ނުކުންނައިރު، މިއީ އެ ޤައުމުގެ ހަތްވަނަ ފައިނަލެވެ. އެ ޓީމުން މި ނިކުންނަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ތާރީޚީ ކާމިޔާބީއެއް ހާސިލުކުރުމަށް އަމާޒުހިފައިގެންނެވެ. ސްޕެއިނުން ދެވަނަ ފަހަރަށް ފައިނަލަކާ ކުރިމަތިލަނީ، އެ ޤައުމުގެ ދެވަނަ ވޯލްޑް ކަޕް ތަށި ކާމިޔާބުކުރުމަށެވެ. މިއީ ދެ ބައްރެއްގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވިގެންދާ ފައިނަލެކެވެ. މިއީ ޔޫރޯ ޗެމްޕިއަނުންނާއި ކޮޕާ އެމެރިކާ ޗެމްޕިއަނުން، ވޯލްޑް ކަޕް ފައިނަލެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރުވެސް މެއެވެ.
ފުޓްބޯޅައާ ދުރަށް ޖެހިލައި، ދެ ޤައުމާ ގުޅުންހުރި އެހެން ބައެއް ކަންކަމަށް ނަޒަރު ހިންގާލުމުން ވެސް މެޗުގެ ޚާއްޞަ ކަން ފާހަގަވެއެވެ. މި މެޗަކީ އެއް މާދަރީ ބަހެއް ކަމަށްވާ، ސްޕެއިން ބަހުން ވާހަކަ ދައްކާ ދެ ޤައުމެއްގެ ކުރިމަތިލުމެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެއެވެ. އެގޮތުން، މިއީ 1930 ވަނަ އަހަރުގެ ފަހުން ސްޕެއިން ބަހުން ވާހަކަ ދައްކާ ދެ ޤައުމެއް ވޯލްޑް ކަޕުގެ ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެފަހަރުގެ ފައިނަލުގައި އާޖެންޓީނާ އަތުން އުރުގުއޭ ވަނީ މޮޅުވެފައެވެ.
މީގެއިތުރުން، 1976 އިން 1983 އަށް އާޖެންޓީނާގައި އޮތް އަސްކަރީ ވެރިކަމާއި، އޭގެ ފަހުން 2000 ގެ އަހަރުތަކުން ފެށިގެން އެ ޤައުމަށް ކުރިމަތިވި އިޤުތިޞާދީ ކާރިސާތަކުގެ ސަބަބުން، ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި އެތައް ހާސް އާޖެންޓީނާ ރައްޔިތުންނެއް ސްޕެއިނަށް ހިޖުރަކުރުން ފާހަގަކޮށްލެވެއެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް (ޖެނުއަރީ 2025 އާ ހަމައަށް) ދައްކާގޮތުން، އާޖެންޓީނާއަށް އުފަން 450,883 މީހުން މިހާރު ދިރިއުޅެމުންދަނީ ސްޕެއިނުގައެވެ.
އެހެންކަމުން، މި މެޗަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞަވާ މެޗެކެވެ. މީގެތެރޭގައި، މިއަހަރުގެ ކުރީކޮޅު ޤަޠަރުގައި ކުޅުމަށް ހަމަޖެހިފައި އޮތް 'ފިނަލިސިމާ' ގައި ދެކުނު އެމެރިކާ އަދި ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރަން އޮތް މެޗު އީރާނަށް އަމާޒުކޮށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ކެންސަލް ކުރަން ޖެހުމުން އެ ދެ ޓީމުގެ ކުރިމަތިލުމެއް ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި، އެންމެ ބޮޑު މުބާރާތުގެ ފައިނަލުގައި ފެނިގެންދިއުމަކީ ސަޕޯޓަރުންނަށް ލިބިގެންދާ ބޮޑު ހިތްހަމަޖެހުމަކާއި އުފަލެކެވެ.
މުބާރާތުގައި އިންގްލެންޑާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ
އެމެރިކާގެ ނިއު ޖާޒީގައި މި ދެ ޓީމު ބައްދަލުކުރާއިރު، މިއީ ހަމައެކަނި ރަމްޒީ ތަށްޓަކަށްވުރެ މާ މުހިންމު ކުރިމަތިލުމަކަށް ވާނެއެވެ. އެގޮތުން، މި މެޗަކީ ތާރީޚުގައި ރަން އަކުރުން ފަވާލެވިގެންދާނެ، ޒަމާންތަކަކަށް އެ މެޗެއްގެ ވާހަކަތައް ގިނަ ބައެއްގެ މެދުގައި ދެކެވިގެންދާނެ ފަދަ ފާހަގަކޮށްލެވޭނެ މެޗެކެވެ. މިއީ ސްޕެއިނުގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ، ބާސެލޯނާގެ 'ލަ މާސިއާ" އެކަޑެމީން ތަމްރީންވި، އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ، އޭނާގެ ކެރިއަރުގެ ބޮޑުބައި ހޭދަކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް ދުނިޔޭގެ ސަމާލުކަން ހޯދީ ފަސްގަނޑު ކަމަށްވާ، ސްޕެއިނާ ދެކޮޅަށް ވޯލްޑް ކަޕުގެ ފައިނަލުގައި އެމެރިކާގައި އޭނާގެ އަމިއްލަ ޤައުމު އާޖެންޓީނާ ގޮވައިގެން ނިކުންނަ މެޗެވެ.
ދުނިޔޭގެ ތާރީޚު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ މެސީގެ އާޖެންޓީނާއިން ސްޕެއިނާ ދެކޮޅަށް ކުޅޭ މި މެޗު ޚާއްޞަވާ އަނެއް ސަބަބަކީ، ސްޕެއިނާއި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލެވެ. ޤައުމީ ޓީމުގެ އިތުރުން އޭނާގެ ކުލަބުގެ ވެސް އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ޔަމާލް އަކީ މެސީ އަށް ފަހު ބާސެލޯނާގެ ތާރީޚުން ޖާގަ ހޯދީ އެންމެ ހުނަރުވެރި ކުޅުންތެރިޔާއެވެ. މެސީ ނެތްތަން ފޫބެއްދުމުގައި މިހާރު ބާސެލޯނާގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރާ ޔަމާލް ކުޑައިރު މެސީ، އޭނާ ފެންވެރުވުމާ ގުޅިގެން ވެސް މި ދެ ކުޅުންތެރިން ނިސްބަތްވާ ޤައުމީ ޓީމުތަކުގެ މެދުގައި ކުޅެވިގެންދާ މި މެޗު ޚާއްޞަވެއެވެ.
އާޖެންޓީނާއާއި ސްޕެއިނުގެ މި ކުރިމަތިލުމަކީ ދެ ޓީމުގެ ކުޅުންތެރިން ވެސް ޝައުޤުވެރިވާނެ، ފޯރިގަދަ ވާނެ މެޗެކެވެ. ސްޕެއިންގެ ސްކޮޑުގައި ތިބި ބާސެލޯނާގެ ގިނަ ކުޅުންތެރިންނަކީ މެސީގެ ކުޅުން ބަލަމުން ބޮޑުވި ކުޅުންތެރިންނެވެ. ދަނޑުމަތީގެ އިތުރުން ބެންޗުގައި ތިބި ދެ ޓީމުގެ ކޯޗުންގެ މެދުގައި ވެސް އޮތީ ގާތް ގުޅުމެކެވެ. އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ އަކީ ސްޕެއިނުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭގެ ދަރިވަރެކެވެ. އެހެންކަމުން، މިއީ ޓީޗަރާއި ދަރިވަރުގެ ކުރިމަތިލުމެކޭ ވެސް ބުނެވިދާނެއެވެ.
މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ދެ ޓީމުގެ މެދުގައި ކުޅެވިގެންދާ ފައިނަލް މެޗަށް ސްޕެއިނުގެ އިތުރުން އާޖެންޓީނާ ކުރި ދަތުރު ވެސް ތަފާތުވެފައި ޚާއްޞައެވެ. މި ދެ ޓީމުން މުބާރާތުގެ މިހިސާބަށް ކުރިދަތުރުގެ ފަހަތުގައިވާ ސަބަބުތައް ވެސް އިންތިހާއަށް ތަފާތެވެ.
އެންމެ ފަހުން ޤަޠަރުގައި ބޭއްވީ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަނުންގެ ގޮތުގައި، އެ މުބާރާތުގެ ތަށި ދިފާއުކުރުމުގެ ގޮންޖެހުން ބޮޑު ކާމިޔާބީ ހާސިލްކުރުމަށް އަމާޒުހިފައިގެން ނިކުތް އާޖެންޓީނާގެ މިފަހަރުގެ ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. ވޯލްޑް ކަޕް 2022 ގެ ޗެމްޕިއަން ޓީމުގެ 17 ކުޅުންތެރިންނާއެކު ސްކަލޯނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ މި ޓީމު ފައިނަލުން ޖާގަ ހޯދީ، މި އަހަރުގެ މުބާރާތުގެ ނޮކްއައުޓް ބުރުގައި އުނދަގޫ މެޗުތަކަކުން އާދަޔާ ޚިލާފު ހިތްވަރު ދައްކައިގެން، ކާމިޔާބު ހޯދައިގެންނެވެ.
މުބާރާތުގައި ސްޕެއިނާ ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭއެފްޕީ / ގެޓީ އިމޭޖަސް
އެގޮތުން، މުބާރާތުގެ ގަދަ 32 ޓީމުގެ ބުރު ގައި ކާބޯ ވާޑޭ އަތުން އިތުރުވަގުތުގެ ތެރޭގައި އުނދަގޫ މޮޅެއް ހޯދިއިރު، ގަދަ 16 ޓީމުގެ ބުރު ގައި މިސްރާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުބަޔަށްދިޔައިރު 2-0 އިން ފަހަތުގައި އޮވެ، ފަހު 11 މިނެޓުގެ ތެރޭގައި ނަތީޖާ އަނބުރާލައި، އަލުން މެޗުގެ ތެރެއަށް ވަދެ މޮޅުވީ ކިރިޔާއެވެ. އެއަށްފަހު، ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނުއިރުވެސް އާޖެންޓީނާ އޮތީ ނުރައްކަލެއްގެ ތެރޭގައެވެ. އެ މެޗު ކާމިޔާބުކުރީ އިތުރުވަގުތުގެ ތެރޭގައެވެ. ސެމީ ފައިނަލުގައި އިންގްލެންޑް އަތުން މޮޅުވީވެސް ނާޒުކު ފައްތަރެއްގައި އޮވެފައެވެ. އެ މެޗުން ފަހަތުންއަރައި 2-1 އިން މޮޅުވީ، ފަހުވަގުތު އެ ޓީމުގެ އެންޒޯ ފެނާންޑޭޒް އާއި ލަޓާރޯ މާޓިނޭޒް ޖެހި ލަނޑުތަކުންނެވެ.
އާޖެންޓީނާއިން މުބާރާތުގެ ފައިނަލަށް ކުރި ދަތުރުގައި އެ ޓީމުގެ ކެޕްޓަން، މެސީގެ ދައުރު ނުހަނު ބޮޑެވެ. އެންމެ ފަހުގެ ވޯލްޑް ކަޕެކޭ އެއްފަދައިން މި އަހަރުގެ މުބާރާތުގައި ވެސް މެސީ ވަނީ، ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މިހާރު އުމުރުން 39 އަހަރުގައި ވެސް މެސީ އަކީ އަދިވެސް އެންމެ ބޮޑެތި މުބާރާތްތަކުގައި އެފަދަ ދެވަނައެއްނުވާ ކުޅުންތެރިއެއްކަން އަންނަނީ ސާބިތުކޮށްދެމުންނެވެ. އެމެރިކާގެ އިންޓަރ މިއާމީ އަށް ކުޅޭ މެސީ، އޭނާގެ ހަވަނަ ވޯލްޑް ކަޕުގައި މިހާތަނަށް 8 ލަނޑުޖަހައި، ހަތަރު ގޯލްޖެހުމަށް އެހީތެރިވެދީފައިވާއިރު މުބާރާތުގެ ރަން ބޫޓު ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ. މެސީ އަކީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑުޖެހުމުގެ ރިކޯޑް އޮތް ކުޅުންތެރިޔާ ވެސް މެއެވެ.
މެޗަކުން ބަލިނުވެ 37 މެޗު ފުރިހަމަކޮށްފައިވާ ސްޕެއިނުން މުބާރާތުގެ ފައިނަލަށް ކުރި ދަތުރުގައި ކުޅުނު ހަތް މެޗުގައި ބައިކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. ސްޕެއިނުން ހޯދީ ނަތީޖާތަކުގެ ތެރޭގައި، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އެފްރިކާ ބައްރުން އަލަށް މި މުބާރާތުގައި ކުޅުނު ކާބޯ ވާޑޭއާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗުން ގިނަ ކަންތައްތަކެއް ދަސްކޮށް، މެޗަކަށްފަހު މެޗެއްގައި ކުޅުން ރަނގަޅު ކުރުން ފާހަގަކޮށްލެވެއެވެ. ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅޭ ސްޕެއިނުން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސަޢޫދީ ޢަރަބިއްޔާއާއި އުރުގުއޭ ބަލިކުރިއިރު، ނޮކްއައުޓް ބުރުގައި އޮސްޓްރިއާއާއި ޕޯޗުގަލްގެ އިތުރުން ބެލްޖިއަމް ފަދަ ޓީމުތަކުގެ މައްޗަށް ކުރިހޯދިއެވެ. މުބާރާތުގައި އެ ޓީމަށް ކުރިމަތިވީ އެންމެ ބޮޑު އިމްތިހާނުގައި، ސެމީ ފައިނަލުގައި ތަރިން ގިނަ ފްރާންސް ހުއްޓުވުމަށްފަހު ސްޕެއިނުން ފައިނަލަށް ދަތުރުކުރީ ތައުރީފު ޙައްޤު ކުޅުމަކާ އެކު އެވެ.
ސްޕެއިނުން މިހިސާބަށް ކުރި ދަތުރުގައި، ވަކި ކުޅުންތެރިއެއްގެ މޮޅު ކުޅުމަށްވުރެ ބޮޑަށް، އެ ޓީމުން ފެނިގެންދިޔައީ ގިނަ ކުޅުންތެރިންތަކެއްގެ މުހިއްމު ދައުރާއެކު މެޗުތައް ޑޮމިނޭޓްކޮށްގެން ހާސިލްކުރެވުނު ކާމިޔާބީތަކެއްގެ ގޮތުގައެވެ. ސްޕެއިން ޓީމުގެ ފޯވާޑްލައިންގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ޔަމާލްގެ އެންމެ މޮޅު ކުޅުން މިހާތަނަށް ނުފެނުނުނަމަވެސް، އެ ޓީމުގެ ޑިފެންސާއި މެދުތެރޭގެ އިތުރުން ފޯވާޑްލައިނާއި އަދި ބެންޗުން އަރައި ކުޅުންތެރިއަކަށްވިޔަސް ހުރިހާ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. ޓީމުގެ މެދުތެރެއިން ކެޕްޓަން، ރޮޑްރީ އާއި ފަބިއެން ރުއިޒްގެ އިތުރުން ޑަނީ އޮލްމޯ އާއި ފޯވާޑްލައިންގައި ފެނިގެންދާ މިކޭލް އޮޔަޒަބާލް އަދި ޑިފެންސްގެ ޕައޫ ކުބާސީއާއި މާކް ކުކުރޭޔާ އަދި ގޯލްކީޕަރު، އުނާއި ސިމޮން ކަމަށްވިޔަސް ނުވަތަ ބެންޗުން އަރައި ލަނޑުޖަހައިދޭ މިކޭލް މެރީނޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މީގެކުރީން، ސްޕެއިނާ އާޖެންޓީނާ ބައްދަލުކުރި މެޗެއްގެ ތެރެއިން. ފޮޓޯ: އޭއެފްޕީ / ގެޓީ އިމޭޖަސް
މި ބޮޑު މެޗާ ކުރިމަތިލާއިރު، މި ދެ ޓީމު މީގެ ކުރިން ބައްދަލުކުރި 14 މެޗުގެ ތެރެއިން ކޮންމެ ޓީމެއްވެސް ވަނީ 6 މެޗުން މޮޅުވެފައެވެ. އަނެއް ދެ މެޗު ވަނީ އެއްވަރުވެފައެވެ. މީގެތެރެއިން، މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުރީން ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އާޖެންޓީނާގެ ކެޕްޓަން، މެސީ ނެތި ކުޅުނު އެ މެޗުން ސްޕެއިން މޮޅުވީ 6-1 އިންނެވެ. އޭގެކުރީން، 2009 ވަނަ އަހަރު ސްޕެއިނާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި މެސީ ބައިވެރިވިނަމަވެސް، އެ މެޗު ކާމިޔާބުކުރީ ވެސް ސްޕެއިނުންނެވެ. އެ ފަހަރު ސްޕެއިން މޮޅުވީ 2-1 އިންނެވެ.
އެހެންނަމަވެސް، ވޯލްޑް ކަޕުގެ ގަރުނެއްހާ ދިގު ތާރީޚުގައި މި ދެ ޓީމު ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. މީގެ 60 އަހަރުކުރީން، 1966 ވަނަ އަހަރު އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެ ޓީމުގެ އެ ކުރިމަތިލުމުން އާޖެންޓީނާ ކުރިހޯދީ 2-1 އިންނެވެ.
އެހެންކަމުން، މުބާރާތުގެ ޝަރަފުވެރި ފައިނަލް މެޗަށް ނިކުންނައިރު ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރުގެ މި ކުރިމަތިލުމަކީ ހުރިހާ ގޮތަކުން ވެސް ޚާއްޞަ މެޗެކެވެ. މި މުބާރާތުގެ މިހާހިސާބަށްއައިއިރު ސްޕެއިން ފެނުނީ ރޭވުންތެރިކަމާއެކު މެޗުތަކުގައި ޑޮމިނޭޓްކޮށް، ގިނަ ވަގުތު ބޯޅަ ގެންގުޅެ އިދިކޮޅު ޓީމުތައް ފޫހިކޮށްލައިގެން ރީތި ޕާސްތަކެއް ޖަހައިގެން ކުޅޭ ޓީމެއްގެ ގޮތުގައެވެ. އެއީ ޚިލާފަށް އާޖެންޓީނާ ފެނުނީ، ޓީމުތަކަށް ކުޅެން ފުރުސަތު ދިނުމަށްފަހު، މެޗުތަކުގެ ފަހުބައިގައި އާދަޔާ ޚިލާފު ހިތްވަރު ދައްކައި، ނަފްސާނީ ގޮތުން ވަރުގަދަކަމާއި، ސާބިތުކަމާއެކު ދޫދިނުމެއްނެތި ކާމިޔާބީ ހާސިލްކުރުމަށް ގަދައަޅައި ބުރަ މަސައްކަތް ކުރާ ޓީމެއްގެ ގޮތުގައެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނި ގޮތުގައި، ސްޕެއިންގެ ފުޓްބޯޅައަށް މެސީ ކޮށްދިން ޚިދުމަތްތަކަށްޓަކައި، އާޖެންޓީނާ ފައިނަލަށް ދިއުމުން ސްޕެއިންގެ ރައްޔިތުން ވެސް އުފާކުރާނެ ކަމަށް އުންމީދު ކުރެވެއެވެ. މެސީއާއި ޔަމާލްގެ މެދުގައި ކުރިއްސުރެ އުފެދިފައި އޮތް ގުޅުމާއި ލޯތްބަކީ ވެސް މެޗާ ގުޅުންހުރި ޚާއްޞަ ކަމެކެވެ. މިއާއެކު، މީގެއިން ވެސް ދޭހަކޮށްދެނީ މި މެޗަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްސަ މެޗެއް ކަމެވެ.