ENGLISH

17 ޖުލައި 2026

Advertisement

ޔަމާލް އާއި ޕޯރޯ ވަކިން ފަރިތަކުރި ނަމަވެސް، ފައިނަލް މެޗަށް ފިޓުވާނެ

17 ޖުލައި 2026

|

އިސްމާއިލް ޝާހު

ސްޕެއިންގެ ފަރިތަކުރުންތަކުގެ ތެރެއިން ލަމީން ޔަމާލް އާއި ޕެޑްރޯ ޕޯރޯ --- ފޮޓޯ: ގެޓީ

އަންނަ އާދީއްތަ ދުވަހުގެރޭ އާޖެންޓީނާއާ ދެކޮޅަށް ކުޅޭ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ނިއު ޖާޒީގައި ބޭއްވި ފަރިތަކުރުންތަކުގައި ސްޕެއިންގެ ލަމީން ޔަމާލް އާއި ޕެޑްރޯ ޕޯރޯ، ޓީމުގެ އެހެން ކުޅުންތެރިންނާ ވަކިން ބައިވެރިވެއްޖެއެވެ.

މި ފަރިތަކުރުންތަކުގެ ފުރަތަމަ ސެޝަނުގައި މި ދެ ކުޅުންތެރިން ފެނިގެންދިޔައީ އެހެން ކުޅުންތެރިންނާ ވަކިން ކަމަށް ރިޕޯޓުތައް ބުނެއެވެ. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން "ރޮއިޓަރސް" އަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ ކުޅުންތެރިންވެސް އާދީއްތަ ދުވަހުގެރޭ ކުޅޭ މެޗަށް ފިޓުވާނެ ކަމަށް ބެލެވެއެވެ. އަދި އެ ކުޅުންތެރިން ވަކިން ފަރިތަކުރީ، ކުޅުންތެރިންގެ ވަރުބަލިކަން މެނޭޖުކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް ވަނީ ބުނެފައެވެ.

ފްރާންސާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗަށްފަހު ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފައިވަނީ ޕޯރޯއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާ ކަމަށެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޕޯރޯގެ ފައިގެ މަސްގަނޑަށް ކޮންމެވެސް ވަރެއްގެ ބުރަދަނެއް އިހުސާސްކުރެވުނު ނަމަވެސް، އެއީ ސީރިއަސް އަނިޔާއެއް ނޫނެވެ.

އަދި ޔަމާލަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ފްރާންސް މެޗަށްފަހު ކޯޗު ބުނެފައިވަނީ ޔަމާލަށް މެޗުގައި އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. 

2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ފަހުން މުޅިން އަލަށް ސްޕެއިން ފައިނަލަށް ދަތުރުކޮށްފައިވާއިރު، މިއީ ސްޕެއިނުން ތާރީޚުގައިވެސް ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅޭ ދެވަނަ ފަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު