ENGLISH
17 ޖުލައި 2026
ރައީސް، ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ އަދާހަމަ ބައްލަވާލައްވައިފި
17 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކ. ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން، މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އަދާހަމަ ބައްލަވާލައްވަނީ. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކ. ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން، މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އަދާހަމަ ބައްލަވާލައްވައިފިއެވެ.
އެމަނިކުފާނު މި މަޝްރޫޢުގެ އަދާހަމަ ބައްލަވާލެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް އިއްޔެ ގިރިފުށީގައި ކުރިއަށްދިޔަ ރަސްމިއްޔާތަށްފަހުއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި އެކަށައަޅުއްވައި ދެއްވާފައިވާ އިސްތިރާޖީ އެންމެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ތަމްރީންގެ ވަޞީލަތްތައް ޤާއިމްކޮށް، ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ފަށާފައިވާ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް މަޝްރޫޢުއެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފޭސްގައި މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. އަދި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތަކުގެ ތެރޭގައި، އައްސޭރިފަށުގެ ހިމާޔަތްކުރުމަށް ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނެއެވެ.
ގިރިފުށި ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީ. ވަޠަނީ ޚިދުމަތުގެ މައި މަރުކަޒަކަށް ހަދާނީ ގިރިފުށި. ފޮޓޯ: އެމްޓީސީސީ
މީގެއިތުރުން، އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، ދަތުރުފަތުރާއި ލަފާފުރުމުގެ ފަސޭހައަށް ޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުންވެސް ހިމެނެއެވެ. ހަމައެއާއެކު މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިން ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ގިރިފުށީގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގައި ހިމެނޭ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް މަރުހަލާތަކުގައި، ގިރިފުށީގައި ހުރިހާ ވަސީލަތްތަކާ އެކު ޒަމާނީ ތަމްރީން މަރުކަޒެއް ޤާއިމްކުރުމަށް ވަނީ ޕްލޭންކޮށްފައެވެ.
މި ރަށް ވެގެންދާނީ، ހަރުދަނާ ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާދެއްވާފައިވާ އެންމެ މުހިންމު ޕްރޮގްރާމް ކަމުގައިވާ، ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީންތަކުގެ މައި މަރުކަޒަށެވެ.