ENGLISH
17 ޖުލައި 2026
ސެމީގެ މެޗު ނިމުމާއެކު ރެފުރީ އެލްފާތު ތިރިވީ ޝުކުރުގެ ސަޖިދައަށް
16 ޖުލައި 2026
|
ސެމީގެ މެޗު ނިމުމާއެކު ރެފުރީ އެލްފާތު ޝުކުރުގެ ސަޖިދައެއް ކުރަނީ ---
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލްގައި އާޖެންޓީނާއިން ހޯދި ކާމިޔާބީގެ އުފާފާޅުކުރުންތަކާއި، އިންގްލެންޑުގެ މާޔޫސްކަމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އެންމެ މަންޒަރެކެވެ. މެޗުގެ ފަހު ކަށިގަނޑު ފުމެލުމާއެކު، މޮރޮކޯއަށް އުފަން އެމެރިކާގެ ރެފުރީ އިސްމާޢީލް އެލްފާތު އެންމެ ފުރަތަމަވެސް ކުރި ކަމަކީ މާތްﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން ސަޖިދައެއް ކުރުމެވެ. އެ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.
އުމުރުން 44 އަހަރުގެ އެލްފާތަކީ މޮރޮކޯގެ ކަސަބްލަންކާއަށް އުފަން، ނަމަވެސް ފުރާވަރުގެ ދުވަސްވަރު އެމެރިކާއަށް ހިޖުރަކުރި މީހެކެވެ. މުބާރާތުގެ އެންމެ ފޯރިގަދަ އެއް ކުރިމަތިލުމެއްގެ ގޮތުގައި ބެލެވުނު މެޗު އެލްފާތު އިންސާފުކުރިއިރު، މި މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވަނީ ވޯލްޑް ކަޕުގެ ފައިނަލުން ޖާގަ ހޯދާފައެވެ.
ވޯލްޑް ކަޕުގެ ސެމީގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި ރެފުރީ އެލްފާތު ---
މުޅި ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބަލަން ތިއްބައި، އިންތިހާ ބޮޑު ފިއްތުންތަކަކާއެކު ވޯލްޑް ކަޕުގެ ސެމީ ފައިނަލް ފަދަ މުހިންމު މެޗެއްގައި، ކެރިއަރުގެ އެންމެ ބޮޑު ޒިންމާ އަދާކުރުމަށްފަހު، އެލްފާތުގެ އިސްކަމަކަށްވީ އުފާފާޅުކުރުމުގެ ބަދަލުގައި، މާތްﷲ ގެ މަތިވެރިކަން ހަނދާންކޮށް އެކަލާނގެއަށް ޝުކުރުވެރިވުމެވެ. މި ރެފުރީއަށް ގިނަ ބައެއްގެ ތާރީފު ލިބުނީ، މެޗުގައި އޭނާ ދެއްކި ހަމަޖެހޭ ކުޅަދާނަކަމުގެ އިތުރުން، މެޗު ނިމުމުން އިޚުލާސްތެރިކަމާއެކު މާތްﷲ އަށް ޝުކުރު އަދާކުރި ގޮތުގެ ސަބަބުންނެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތިއަށް އެލްފާތު ކުރި ދަތުރަކީ ތަފާތު އަދި ނަމޫނާ ދަތުރެކެވެ. ޑައިވާސިޓީ ވިސާ ލޮޓަރީގެ ދަށުން އެމެރިކާގެ ޓެކްސަސްއަށް ބަދަލުވެ، އޭނާ ވަނީ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ކިޔަވަމުން، އެމެޗަރ ފުޓްބޯޅަ ކުޅެފައެވެ. ނަމަވެސް އޭރު މެޗުތަކުގައި ރެފުރީން އިންސާފުކުރާ ފެންވަރާމެދު ހިތްހަމަނުޖެހިގެން، ކުޅުން ހުއްޓާލުމަށްފަހު ރެފުރީކަމުގެ ތެރެއަށް ވަނީއެވެ. އޭގެ ފަހުން އޭނާ ވަނީ އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) އިން ފެށިގެން ފީފާގެ އެންމެ ބޮޑެތި މުބާރާތްތަކުގައި ރެފުރީކަން ކޮށްފައެވެ.
ވޯލްޑް ކަޕުގެ ސެމީގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި ރެފުރީ އެލްފާތު ---
އަލްފާތު އެމްއެލްއެސްގެ ރެފުރީއަކަށްވީ 2012 ވަނަ އަހަރުއެވެ. އަދި 2016 ވަނަ އަހަރު އެ ލީގުގައި އެންމެ ފުރަތަމަ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބޭނުންކުރި މެޗުގެ ރެފުރީކަން ކުރީވެސް އޭނާއެވެ. އޭގެ ފަހުން 20 އަހަރުން ދަށުގެ ވޯލްޑް ކަޕާއި، ކޮންކާކަފް ގޯލްޑް ކަޕާއި، ފީފާ ކުލަބު ވޯލްޑް ކަޕުގެ އިތުރުން އެފްރިކާ ކަޕް އޮފް ނޭޝަންސްގައިވެސް އޭނާ ވަނީ މުހިންމު މެޗުތަކެއް އިންސާފުކޮށްފައެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރި މެޗުގެ ހަތަރުވަނަ އޮފިޝަލަކީވެސް އޭނާއެވެ.
އެމެރިކާ ތަމްސީލުކުރި ނަމަވެސް، އެލްފާތު އަބަދުވެސް އުފަން ޤައުމު މޮރޮކޯއާ ގާތް ގުޅުމެއް ބާއްވައެވެ. އެގޮތުން 2025 ވަނަ އަހަރު މޮރޮކޯގެ ފުޓްބޯޅަ ފެޑެރޭޝަނުން އެ ޤައުމުގެ ރެފްރީން ތަމްރީނުކުރުމުގެ ޕްރޮގްރާމެއްގައި އެހީތެރިވުމަށް އޭނާ އައްޔަންކުރިއެވެ. ނަމަވެސް އާއިލީ ސަބަބުތަކަށްޓަކައި ފަހުން އެ މަގާމުން ވަނީ ވަކިވެފައެވެ.