ENGLISH
16 ޖުލައި 2026
ރައީސް، ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި
16 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ، ގިރިފުށީ ހެވިކަމުގެ މައިދާނުގައި މިއަދު ހަވީރުއެވެ.
މި ރަސްމިއްޔާތުގައި، ތަމްރީނު ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު ޙުސައިން މަޒީދުއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ހުވާކުރެއްވި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ދިވެހި ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯސް ކުރިއަށްގެންގޮސްފައިވަނީ މި ހިނގާ 2026 ވަނަ އަހަރުގެ މާރިޗު 7 ވަނަ ދުވަހުން ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. 72 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައި ވަނީ އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިން ސެންޓަރުގައެވެ. 73 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ކ. ގިރިފުށީގައެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރި، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.
72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކ. ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން، މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތުގެ އަދާހަމަ ބައްލަވާލައްވާފައެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރެއްވުމަށްޓަކައި އެކަށައަޅުއްވައި ދެއްވާފައިވާ އިސްތިރާޖީ އެންމެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ތަމްރީނުގެ ވަޞީލަތްތައް ޤާއިމްކޮށް، ސިފައިންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ކުރިއަށް ގެންދަވާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގައި ބިން ހިއްކުމާއިއެކު ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.