ENGLISH

16 ޖުލައި 2026

Advertisement

އާޖެންޓީނާގެ ކުޅުންތެރިން ދައްކާލި ބެނާގެ މައްސަލަ ތަހުގީގުކުރަން އިނގިރޭސި ސަރުކާރުން ގޮވާލައިފި

16 ޖުލައި 2026

|

އިސްމާއިލް ޝާހު

އިންގްލެންޑް މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިން ފޯކްލޭންޑާ ގުޅޭ ސިޔާސީ ބެނާ ދައްކާލަނީ --- ފޮޓޯ: އޭޕީ

އާޖެންޓީނާގެ ކުޅުންތެރިން ފޯކްލޭންޑް އައިލެންޑްސްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ސިޔާސީ ބެނާއެއް ހިފައިގެން ތިބި މައްސަލަ ތަހުގީގުކުރުމަށް އިނގިރޭސި ސަރުކާރުން ފީފާއަށް ގޮވާލައިފިއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލް މެޗުގައި ރޭ އިންގްލެންޑް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު، "ފޯކްލޭންޑް އައިލެންޑްސް އަކީ އާޖެންޓީނާގެ ތަނެއް" ކަމަށް ލިޔެފައިވާ ބެނާއެއް އެ ޤައުމުގެ ލިސަންޑްރޯ މާޓިނޭޒް އާއި ޖިއޮވާނީ ލޮ ސެލްސޯ ވަނީ ހިނިތުންވުމާއެކު ހިފަހައްޓައިގެން ތިބެ ސަޕޯޓަރުންނަށް ދައްކާލާފައެވެ.

ދެކުނު އެޓްލާންޓިކް ކަނޑުގައި އޮންނަ މި ޖަޒީރާ ރަށްތަކުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ މައްސަލައަކީ އިނގިރޭސިވިލާތާއި އާޖެންޓީނާއާ ދެމެދު އޮތް ޒަމާންވީ ބޮޑު ދެބަސްވުމެކެވެ. އިނގިރޭސިން މި ރަށްތަކަށް "ފޯކްލޭންޑްސް" ކިޔާއިރު، އާޖެންޓީނާ މީހުން ކިޔަނީ "ލަސް މަލްވީނަސް" އެވެ.

1982 ވަނަ އަހަރު މި ރަށްތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން ހިނގި 10 ހަފުތާގެ ހަނގުރާމަ ކާމިޔާބުކުރީ އިނގިރޭސިވިލާތުންނެވެ. އެ ހަނގުރާމައިގައި އާޖެންޓީނާގެ 649 ސިފައިންނާއި، އިނގިރޭސިވިލާތުގެ 255 ސިފައިންގެ އިތުރުން އެ ރަށްތަކުގައި ދިރިއުޅޭ 3 މީހުން މަރުވިއެވެ.

އިނގިރޭސިވިލާތުގެ ބިޒްނަސް ސެކްރެޓަރީ ޕީޓާ ކައިލް ވިދާޅުވި ގޮތުގައި ކުޅުންތެރިންގެ މި އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ފީފާއިން މިކަން ވަރަށް ފުރިހަމައަށް ތަހުގީގުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެޗު ކުރިއަށްދިޔަ ވަގުތު އާޖެންޓީނާގެ ސަޕޯޓަރުން ފޯކްލޭންޑާ ގުޅޭ ސިޔާސީ ބެނާ ހިފައިގެން --- ފޮޓޯ: އޭޕީ

ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ ދަށުން ކުޅިވަރުގެ ރޫހާ ނުގުޅޭ ސިޔާސީ، ދީނީ ނުވަތަ ފިކުރީ އެއްވެސް މެސެޖެއް ދަނޑުމަތީގައި ބޭނުންކުރުމަކީ މަނާކަމެކެވެ. މިފަދަ މައްސަލަތަކުގައި 5،000 އާއި 20،000 ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެއެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާތަކުގައި ފީފާއިން ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ޖަޕާނާ ދެކޮޅަށް ކުޅުނު މެޗަކަށްފަހު، ސަރަހައްދީ ރަށްތަކެއްގެ މިލްކުވެރިކަމާ ބެހޭ ބެނާއެއް ހިފެހެއްޓި ދެކުނު ކޮރެއާގެ ކުޅުންތެރިޔަކު ދެ މެޗަށް ސަސްޕެންޑް ކުރިއެވެ.

މި މައްސަލައާ ގުޅޭގޮތުން އާޖެންޓީނާގެ މާޓިނޭޒް ބުނީ، އެ ޤައުމުގެ ރައްޔިތުން މާޔޫސްކޮށްލަން ބޭނުންނުވާ ކަމަށެވެ. މާޓިނޭޒް އަކީ ފާއިތުވި ހަތަރު އަހަރު އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

އާޖެންޓީނާގެ ލެއަންޑްރޯ ޕަރޭޑޭސް ބުނި ގޮތުގައި މިއީ އެ ޤައުމުގެ ތާރީޚުގެ ވަރަށް ހިތްދަތި ބައެކެވެ. އަދި އެ ބެނާ ދައްކާލީ އެ ހަނގުރާމައިގައި ބައިވެރިވި މީހުންގެ ހައްގުގައި ކަމަށްވެސް އޭނާ ބުންޏެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އިނގިރޭސި ވަޒީރު ކައިލް ވިދާޅުވީ ސިޔާސީ ކަންކަމާއި ފުޓްބޯޅަ ވަކިކުރަން ޖެހޭ ކަމަށެވެ. މިއީ ވޯލްޑް ކަޕުގެ އެންމެ އަސާސީ އެއް އުސޫލު ކަމަށާއި، މިއީ ފީފާއިން ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން 2014 ވަނަ އަހަރުވެސް އާޖެންޓީނާގެ ޓީމުން މިފަދަ ބެނާއެއް ބޭނުންކުރުމުން ފީފާއިން ވަނީ އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަން 30،000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފައެވެ. އަދި 2022 ގެ ވޯލްޑް ކަޕުގައި ސާބިއާގެ ޓީމުން ކޮސޯވޯއާ ބެހޭ ސިޔާސީ ބެނާއެއް ބޭނުންކުރުމުންވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު