ENGLISH
16 ޖުލައި 2026
ސްކޮޓްލެންޑުގެ ތަޖުރިބާކާރު ކީޕަރު ގޯޑަން ކުޅުން ހުއްޓާލައިފި
16 ޖުލައި 2026
|
ސްކޮޓްލެންޑުގެ ތަޖުރިބާކާރު ގޯލްކީޕަރު ކްރެއިގް ގޯޑަން --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ސްކޮޓްލެންޑުގެ ތަޖުރިބާކާރު ގޯލްކީޕަރު ކްރެއިގް ގޯޑަން، 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ކާމިޔާބު ކުޅިވަރު ކެރިއަރަށްފަހު، ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.
އުމުރުން 43 އަހަރުގެ ގޯޑަން ވަނީ އޭނާގެ ކެރިއަރުގައި ހާޓް އޮފް މިޑްލޯތިއަން، ކައުޑަންބީތު، ސަންޑަލެންޑް އަދި ސެލްޓިކް ފަދަ ކުލަބުތަކަށް ޖުމްލަ 682 މެޗު ކުޅެދީފައެވެ. އަދި ސްކޮޓްލެންޑުގެ ޤައުމީ ޓީމަށް 84 މެޗު ކުޅެދީފައިވެއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު އާންމުކުރި ވީޑިއޯއެއްގައި ގޯޑަން ބުނީ ކުޅުން ހުއްޓާލުމަކީ އޭނާ ދުވަހަކުވެސް ބޭނުންވި ކަމެއް ނޫން ކަމަށާއި، ނަމަވެސް ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނަންޖެހޭނެ ކަމަށެވެ. އަދި އޭނާ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ވެފައިވާތީ އެކަމަށްޓަކައި ޝުކުރުވެރިވާ ކަންވެސް އޭނާ ފާހަގަކުރިއެވެ.
ފީފާ ވޯލްޑް ކަޕް 2026 އަށް ދިޔަ ސްކޮޓްލެންޑުގެ ސްކޮޑުގައިވެސް ގޯޑަން ހިމެނުނެވެ. މި މުބާރާތުގައި އޭނާ އެއްވެސް މެޗެއްގައި ކުޅެފައިނުވި ނަމަވެސް، ގޯޑަންއަކީ މުޅި މުބާރާތުގައިވެސް ހިމެނުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ.
ހާޓްސްގެ އެކެޑަމީން ތަމްރީނުވި ގޯޑަން، އޭނާގެ ފުރަތަމަ ސީނިއަރ މެޗު ކުޅުނީ 2001 ވަނަ އަހަރު ކައުޑަންބީތަށް ލޯނު އުސޫލުން ކުޅުނު ދުވަސްވަރެވެ. އޭގެ ޖެހިގެން އައި ސީޒަނުގައި އޭނާ ވަނީ ހާޓްސްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދާފައެވެ.
2007 ވަނަ އަހަރު ގޯޑަން ވަނީ 9 މިލިޔަން ޕައުންޑް (12.16 މިލިޔަން ޑޮލަރު) ގެ ރިކޯޑު ފީއަކަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ސަންޑަލެންޑަށް ބަދަލުވެފައެވެ. އެއީ އެ ދުވަސްވަރު އިނގިރޭސިވިލާތުގެ ކުލަބަކުން ގޯލްކީޕަރަކަށް ހޭދަކުރި އެންމެ ބޮޑު އަދަދެވެ. ނަމަވެސް އަނިޔާގެ ސަބަބުން ސަންޑަލެންޑުގައި ހޭދަކުރި ފަސް އަހަރު ތެރޭގައި އޭނާއަށް ކުޅެވުނީ އެންމެ 95 މެޗެވެ.
ގޯޑަން އަލުން ސްކޮޓްލެންޑަށް އެނބުރި ދިޔައީ 2014 ވަނަ އަހަރު ސެލްޓިކާ ގުޅުމަށެވެ. އެ ކްލަބުގައި ހޭދަކުރި ކާމިޔާބު ހަ ސީޒަނުގެ ތެރޭގައި އޭނާ ވަނީ ސްކޮޓިޝް ޕްރިމިއާޝިޕުގެ ފަސް ތަށި، ސްކޮޓިޝް ކަޕުގެ ދެ ތަށި އަދި ލީގު ކަޕުގެ ފަސް ތަށި ކާމިޔާބުކޮށްފައެވެ. އޭނާ އަލުން ހާޓްސްއާ ގުޅުނީ 2020 ވަނަ އަހަރެވެ.