ENGLISH
16 ޖުލައި 2026
ދެވަނަ ފިޔަވަހީގައި ބިނާކުރާ ދެ މިސްކިތް ނިމުމާ ގާތަށް
16 ޖުލައި 2026
|
އަމާން އުދަރެސް ފްލެޓް ސަރަހައްދުގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ބިނާކުރަމުންދާ ދެ މިސްކިތެއްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެ ވުޒާރާއިން އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، ދެވަނަ ފިޔަވަހީގެ "އަމާން އުދަރެސް" ފްލެޓް ސަރަހައްދާއި "ވިނަރެސް" ފްލެޓް ސަރަހައްދުގައި ކުރިއަށްދާ މިސްކިތްތަކުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައެވެ. އެގޮތުން 1,095 މީހުންގެ ޖާގައިގެ ވިނަރެސް މިސްކިތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، 1,800 މީހުންގެ ޖާގައިގެ އަމާން އުދަރެސް މިސްކިތުގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ވިނަރެސް ފްލެޓް ސަރަހައްދުގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާތީ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދެމުންނެވެ. މިގޮތުން، ނަމާދުކުރާނެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިހާތަނަށް ތިން ދާއިމީ މިސްކިތާއި ދެ ވަގުތީ މިސްކިތް ވަނީ ބިނާކޮށްފައެވެ.
އިސްލާމީ ދީން ކުރިއެރުވުމަށާއި މިސްކިތްތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ދަށުން، މިދިޔަ އަހަރު އެކަނިވެސް މިސްކިތްތައް މަރާމާތުކުރުމަށް 19.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި މިއަހަރުގެ ބަޖެޓުގައިވެސް އެކަމަށް 15 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ އަގީދާ ވަރުގަދަކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، މާލެ ސަރަހައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި، ޒަމާނީ ފެންވަރުގެ އާ މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.