ENGLISH
16 ޖުލައި 2026
ކްރިއޭޓަރ ހަބްގެ މައި އިމާރާތުގެ އޮނިގަނޑުގެ މަސައްކަތްތައް ނިމިއްޖެ
16 ޖުލައި 2026
|
އެންމެ މަޤްބޫލު
މާލޭގައި ތަރައްޤީކުރަމުންދާ ކްރިއޭޓަރ ހަބްގެ މައި އިމާރާތުގެ އޮނިގަނޑުގެ މަސައްކަތްތައް އެއްކޮށް ނިމިއްޖެއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގެ ރޭނުންތަކާއި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަސައްކަތްތަކާއެކު ފިނިޝިންގ މަރުހަލާގެ މަސައްކަތްތަކެވެ.
އެގޮތުން އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތްތަކުގެ 100 އިންސައްތަ ނިމިފައިވާއިރު، މިހާރު ރޭނުމުގެ މަސައްކަތުގެ 97 އިންސައްތަ ވަނީ ނިމަފައެވެ. އަދި ފެން ވައިރުކުރުމުގެ މަސައްކަތްތަކުގެ 75 އިންސައްތަ ނިންމައި، ކަރަންޓު މަސައްކަތާއި ކުލަލުމުގެ މަސައްކަތުގެ 5 އިންސައްތަ ވެސް ވަނީ ނިމިފައެވެ.
11 ބުރީގެ މި އިމާރާތަކީ ރާއްޖޭގެ އުފެއްދުންތެރި އިޤްތިސާދު ނުވަތަ ކްރިއޭޓަރ އިކޮނޮމީ ފުޅާކުރުމަށް ބީސީސީން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވީ، ބީސީސީގެ އަމާޒަކީ ކްރިއޭޓަރ ހަބް ހުޅުވާއިރު އެތަނަކީ ފުރިހަމައަށް ޚިދުމަތް ދެވޭނެ ތަނަކަށް ހެދުން ކަމަށެވެ.
"ބީސީސީން މަސައްކަތް ކުރަމުންދަނީ ކްރިއޭޓަރ ހަބް ހުޅުވާއިރު އުފެއްދުންތެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ފުރިހަމަ ފެސިލިޓީއެއްގެ ގޮތުގައި އެތަން ހުޅުވުމަށް. އަޅުގަނޑުމެންގެ މަޤްސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރާ އެއްގޮތަށް، އުފެއްދުންތެރި އިޤްތިސާދެއް ބިނާކުރުމަށް އެހީތެރިވުން،" ޒިޔާއު ވިދާޅުވިއެވެ.
ކްރިއޭޓަރ ހަބް ހުޅުވުމުން އާޓިސްޓުންނާއި، ޑިޒައިނަރުންނާއި، ޕްރޮގްރާމަރުންނާއި، ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ބޭނުންވާ ޒަމާނީ ޕްރޮޑަކްޝަން ސްޓޫޑިއޯތަކާއި ކޯ-ވަރކިންގ ސްޕޭސްތައް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ފޮޓޯގްރަފީ، ވީޑިއޯ، އޯޑިއޯ ރެކޯޑިންގ އަދި އެޑިޓިންގއަށް ޚާއްސަ ތަންތަނާއި ބޭނުންވާ ސާމާނު ހިމެނެއެވެ.
މީގެ އިތުރުން، ބީސީސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭ މުހިންމު ޚިދުމަތްތައްވެސް މި އިމާރާތުގެ ދަށަށް ބަދަލުކުރެވޭނެއެވެ. މީގެ ތެރޭގައި ވިޔަފާރިތަކަށް ބޭނުންވާ ކޮންސަލްޓެންސީ އާއި އެޑްވައިޒަރީ ޚިދުމަތްތަކާއި، އަދި އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓެއްވެސް މި އިމާރާތުގައި ޤާއިމުކުރެވޭނެއެވެ. މިއީ ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ ހުނަރު ވިޔަފާރިއަކަށް ބަދަލުކުރުމަށް ލިބޭނެ ބޮޑު ފުރުޞަތެކެވެ.
ސަރުކާރުން މި މަޝްރޫއު ދެކެނީ ޤައުމީ އިޤްތިޞާދު ސިންދަފާތުކޮށް، ޑިޖިޓަލް އަދި އުފެއްދުންތެރި ދާއިރާތަކުން ޒުވާނުންނަށް އާ ފުރުޞަތުތަކެއް ހުޅުވައިދޭނެ މުހިންމު ވަސީލަތެއްގެ ގޮތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކްރިއޭޓަރ ހަބް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ11 ނޮވެމްބަރު 2026ގައި ކަމަށް އިޢުލާނުކުރައްވާފައެވެ.