ENGLISH
16 ޖުލައި 2026
މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެންނަން ނިންމައިފި
16 ޖުލައި 2026
|
އެންމެ މަޤްބޫލު
މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް އެމްޕީއެލްއިން ނިންމައިފިއެވެ.
އެމްޕީއެލްއިން ބުނީ، ކިއު މެނޭޖްކުރުމުގެ އުސޫލަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި؛ ފަސް (5) ދުވަހުގެ މުއްދަތުގެ "ހޯލްޑް" އުވާލުން ހިމެނޭއިރު، ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، "އޭ" ޒޯން އަދި "ސީ" ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދުފަހަރު ފަސް ދުވަހުގެ މުއްދަތަށް ކިއު އިން ކެންސަލް ނުވާގޮތަށް ހޯލްޑް ކުރުމަށް އޮތް ފުރުސަތު މުޅިން އުވާލެވޭނެއެވެ. ނަމަވެސް، ކިއު ފަސްކޮށްލުމުގެ ފުރުސަތު، ކުރިންވެސް އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މީގެއިތުރުން، އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓުކުރުމަށް އޮންނަ ފުރުސަތު އުވައިލެވިގެންދާއިރު، އުޅަނދެއް "އޭ" ޒޯން، އެކްސްޕްރެސް ޒޯން ނުވަތަ "ސީ" ޒޯން ކިއުގައި ނޯޓުކުރަން އެދޭނަމަ، ނޯޓު ކުރެވޭނީ އެ އުޅަނދަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ކިއުއެއްގައި ކަމަށްވެސް އެމްޕީއެލްއިން މަައުލޫމާތުދެއެވެ.
އެމްޕީއެލްއިން ބުނީ، އެއް ދަތުރެއްގެ ތެރޭގައި އެއްފަހަރާ ގިނަ ކިއުތަކެއްގައި ނޯޓުކުރުމުގެ ފުރުސަތު މީގެފަހުން ނުލިބޭނެ ކަމަށާއި، މި އުސޫލުގެ ބޭނުމަށްޓަކައި "އެއް ދަތުރު" ކަމަށް ބަލާނީ، ނޯތު ހާބަރުގެ ކިއުތަކުން ޖާގަ ދެވި، ކީވޯލަށް އުޅަނދު ކައިރިކޮށް މުދާ އަރުވައި ނިމި، ކީވޯލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ފުރުމުން ކަމަށެވެ.
މި ބަދަލުތަކަކީ އުޅަނދުފަހަރުތަކަށް ވީހާވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެއް ކަމަށް އެމްޕީއެލްއިން ބުންޏެވެ. މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ މި ހިނގާ ޖުލައި މަހުގެ 20 ވާ ހޯމަ ދުވަހުގެ ރޭ 11:59 އިން ފެށިގެން ކަމަށް އެމްޕީއެލްއިން ބުނެއެވެ.
މި ބަދަލުތަކަކީ މާލޭ ނޯތު ހާބަރގެ ހިދުމަތް ހޯދާ އޮޑިވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް، ގެނެވުނު ބަދަލުތަކަކަށްވީއިރު، އަދި ކުރިއަށް އޮތް ތަނުގައިވެސް، އޮޑި ވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް، މާލޭ ނޯތު ހާބަރއިން ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.