ENGLISH
21 އޭޕްރީލު 2025
މުދަލު ޒަކާތުން ޖަމާޢަތަށް ލިބުނު ހީނަރުކަން ބަލަން ޒަކާތު ހައުސްއިން ނިންމައިފި
28 ޑިސެމްބަރު 2024
|
ޑިރެކްޓާ ޖެނެރަލް ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން/ ފޮޓޯ: ޕީއެސްއެމް
ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދަށްވާ ސަބަބު ބަލާނެ ކަމަށް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޢިއްޒައްދީން ޢަދްނާން ވިދާޅުވެއްޖެ އެވެ.
ޢިއްޒައްދީން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ޢިއްޒައްދީން ވިދާޅުވީ، ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ކޮންމެ އަހަރަކު ވެސް އިތުރުވި ނަމަވެސް، ޒަކާތުލްމާލް ނުވަތަ މުދަލު ޒަކާތް ދަނީ ދަށަށް ކަމަށެވެ.
މިދިޔަ އަހަރު ރާއްޖެއިން ރެކޯޑް އަދަދަކަށް ޒަކާތް ނެގިއިރު، މި އަދަދު ވަނީ ގާތްގަނޑަކަށް 6.5 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. ޒަކާތުލް މާލްގެ ކޮންޓްރިބިއުޝަން ދަށްވި ސަބަބު ދެނެގަތުމަށް މިހާތަނަށް އެއްވެސް ދިރާސާއެއް ކުރެވިފައިނުވާކަން ޢިއްޒައްދީން ފާހަގަކުރެއްވިއެވެ.
އެންމެ ކުޑަ މިންވަރެއްގެ ނިސާބު ހަމަވާ ކޮންމެ މީހަކު ވެސް ޒަކާތުލްމާލުން އެމީހެއްގެ ހިއްސާ ދައްކަން ޖެހެއެވެ. އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތަށް ޒަކާތުލް މާލްގެ މިހާރުގެ ނިސާބަކީ 607 ޑޮލަރެވެ.
ޢިއްޒައްދީން ވިދާޅުވީ ޒަކާތް ދެއްކުމުން މުއްސަނދިކަން ދަށްވާނެ ކަމަށް ބައެއް މީހުން ގަބޫލުކުރާ ކަމަށާއި ނަމަވެސް ޒަކާތް ދައްކާ މީހުންގެ މުއްސަނދިކަން ބާއްޖަވެރިކަމާއި އިތުރުވަމުންދާކަން މުސްލިމް އެހެން ގައުމުތަކުގައި ކޮށްފައިވާ ދިރާސާތަކުން ހާމަވާ ކަމަށެވެ.
އެގޮތުން ޒަކާތު ހައުސް އިން އިތުރު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ދަށްވުން ހުއްޓުވުމުގެ ގޮތުން ކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ.
މީގެ އިތުރުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވައި ޢިއްޒައްދީން ވިދާޅުވީ ޒަކާތުލް މާލްގެ އިތުރު އެހީގެ ސަބަބުން ޒަކާތު ފަންޑަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި އޭގެ ސަބަބުން މިސްކީނުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.