ENGLISH

26 މޭ 2026

Advertisement

ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފި

26 މޭ 2026

|

އާމިނަތު ނުޒްލާ

ހުޅުމާލެ ފެރީ ޓާމިނަލް-- ފޮޓޯ: އެޓޯލް ޓައިމްސް

ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ހުޅުމާލެ ލަކުޑި ޖެޓީއަށް ބާޖެއް ގާތް ކުރުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.  އެހެންކަމުން މި ވަގުތު އެ ޖެޓީ ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫންކަމެއް ކަމަށާއި، އެންމެހާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެދިފަ އެވެ.

ޖެޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި އެސެސްމަންޓްތައް ހަދައި، މަރާމާތަށްފަހު އެތަން އަލުން ހުޅުވާލަންދެން ލަކުޑި ޖެޓީއަށް އެރުމާއި އެއްވެސް ބޭނުމަކަށް އެ ތަން ބޭނުންކުރުމަކީ މިއަދުން ފެށިގެން ވަގުތީގޮތުން މަނާކަމެއް ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.

މަރާމާތުގެ މަސައްކަތް ނިމެންދެން އެއްވެސް ބޭނުމަކަށް ލަކުޑި ޖެޓީ ބޭނުން ނުކުރުމަށް ތަކުރާރުކޮށް އެޗްޑީސީން އިލްތިމާސްކޮށްފައިވެ އެވެ.

އެޗްޑީސީން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ އެންމެހާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދިފަ އެވެ. އަދި އެފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެ ކޯޕަރޭޝަނަށް ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު